ހަތް ކިލޯގެ ޑްރަގް މައްސަލާގައި ޝާންޓޭ އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި

މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ): ހަތް ކިލޯގެ ޑްރަގް މައްސަލަ ސާބިތުވެ އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު 2018 ވަނަ އަހަރު ހައްޔަރުކުރި މަޝްހޫރު ބޮޑީބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް އަންގާފައި ވެ އެވެ.

މިއީ މިހާތަނަށް ޑްރަގް މައްސަލައެއްގައި ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާ އެވެ.

އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

ޝާންޓޭ ހައްޔަރުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު ދެވަނަ ދުވަހުގެ ރޭ 22:30 އެހައިކަންހާއިރު ހ. ސާމަރާގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

މަސްތުވާތަކެތި ފެނުނީ ހ. ސާމަރާގޭގައި ޝާންޓޭ ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައި ފާސްކުރިއިރު، އެ ކޮޓަރީގެ ސްޓޮކް ރޫމް ތެރޭގައި ޓޭޕްއަޅައި ބަންދުކޮށްފައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޑަސްބިން ކޮތަޅެއްގެ ތެރެއިންނެވެ.

އެ ޑަސްބިން ކޮތަޅު ތެރެއިން ފެނުނު ހަތް ޕެކެޓުގައި 6924.800 ގްރާމް ޑައިމޯފިން ހުރި ކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެ ދައުވާއަށް ޝާންޓޭ ވަނީ އިންކާރުކޮށްފަ އެވެ. އޭނާ އިންކާރު ކުރިނަމަވެސް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތް މިންވަރަށް އެ ދައުވާ ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ.

ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓަ މޯލްޑިވްސް އާއި އަދިވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދާފަ އެވެ.

comment ކޮމެންޓް