ނޭވާލާން އުނދަގޫވެ، ބިދޭސީއަކު ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި

ގއ. އަތޮޅު ހޮސްޕިޓަލް

ރެސިޑެންސް މޯލްޑިވްސް ރިސޯޓަކުން ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީއަކަށް ނޭވާލާން އުނދަގޫވެ، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައި ވަނީ 29 އަހަރުގެ ނޭޕާލް ރައްޔިތެކެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހްމަދު "ސަން" އަށް ވިދާޅުވީ ބިދޭސީ މީހާއަށް ނޭވާލާން އުނދަގޫވެ އޭނާ އެ ފެސިލިޓީއަށް ގެންގޮސްފައި ވަނީ ރޭ 11 ޖެހި އިރު ކަމަށެވެ.

މިވަގުތު އެ ފެސިލިޓީގައި ޖުމްލަ ހަ މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އެއީ ބިދޭސީ މީހާގެ އިތުރުން، ގއ. ދެއްވަދު އިން ޕޮޒިޓިވްވި ތިން މީހަކާއި ދާންދު އިން ޕޮޒިޓިވްވި ދެ މީހެކެވެ.

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މި އަހަރު ފެށުނުފަހުން ރިސޯޓު މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ އެކަނިވެސް 20 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޕޮޒިޓިވް 953 މީހަކު ތިބި އިރު، އޭގެ ތެރޭގައި 28 ރިސޯޓަކުން ފެނުނު 273 ކޭސް ހިމެނެ އެވެ.

comment ކޮމެންޓް