އައްޑޫ ސިޓީން ރެންޑަމް ސާމްޕަލްތަކެއް ނަގަނީ

އައްޑޫ ސިޓީ، ހުޅުމީދޫ

މާދަމާ އިން ފެށިގެން އައްޑޫ ސިޓީން ކޮވިޑް19 އަށް ޓެސްޓުކުރަން ރެންޑަމް ސާމްޕަލްތަކެއް ނަގާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އައްޑޫއިން ރެންޑަމް ސާމްޕަލްތަކެއް ނަގަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި ސާމްޕަލް ނެގުމުގައި އިސްކަން ދޭނީ ފެރީތަކާއި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށުމާއެކު ވެސް ކަމާބެހޭ ހުރިހާ ފަރާތްތަކާ ގުޅިގެން ސިޓީ ކައުންސިލުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށާއި، މިއަދާ ހަމައަށް ވެސް އައްޑޫ ސިޓީގައި ބަލި ފެތުރިފައި ނުވަނީ ރަނގަޅަށް އެ މަސައްކަތް ކުރެވިފައިވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް ގއ. ދެއްވަދު އިން ކޮވިޑް ފެނި، އަދި އެރަށުން ލ. ފޮނަދުއަށް ދަތުރުކުރި ބަޔަކު ވެސް ޕޮޒިޓިވްވުމާ ގުޅިގެން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސޯދިގު ވިދާޅުވީ އައްޑު އިން ރެންޑަމް ސާމްޕަލްތަކެއް ނަގަން އެދުނީ ކައުންސިލުން ކަމަށެވެ.

އައްޑޫ ސިޓީގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތާ ބެހޭގޮތުން އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއެކު މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ކޮވިޑް އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ޓްރައޭޖް ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިންސާނީ ވަސީލަތްތަކުގެ ދަތިތައް ހުރުމާއެކު، ޓްރައޭޖް ހެދުމަށް ވޮލަންޓިއަރުން ނެގުމާއި، ވޮލަންޓިއާ ކުރާ ފަރާތްތަކަށް އިނާޔަތް ދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރި އެވެ.

މީގެ އިތުރުން ކޮވިޑަށް ހޭލުންތެރިވެ، ބަލިން ރައްކާތެރިވުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

ދެއްވަދު ކްލަސްޓާއިން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ލ. ގަން، ފޮނަދޫ އަދި ދެއްވަދޫ އިން މި މަހުގެ އެކެއްގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާނަމަ އެކަން ލަސްނުކޮށް އަންގަން ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް