ސްޓެލްކޯއިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރަން ދިވެހިންނަށް ފުރުސަތު

ސްޓެލްކޯ ---

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ އެކި ޕްރޮޖެކްޓުތަަކުގައި މަސައްކަތްކުރާނެ ދިވެހިން ހޯދުމަށް ހުޅުވާލައިފިއެވެ.

"މިނިވަން މަސައްކަތްތެރިން"ގެ ގޮތުގައި އެ ކުންފުނިން ކުރިއަށް ގެންދާ އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ދިވެހިންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ ވިދާޅުވީ، ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް ގިނަ ޕްރޮޖެކްޓުތަކެއް ކުރިއަށްގެންދާއިރު އޭގެ ތެރެއިން ބައެއް މަސައްކަތްތައް އައުޓްސޯސްކޮށްގެން ބަޔަކަށް ކޮންޓްރެކްޓަށް ދޫކޮށްލުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ. ގިނަ ފަހަރު މިގޮތަށް ކޮންޓްރެކްޓަށް ދޫކޮށްލާ ޕްރޮޖެކްޓުތަކުގެ މަސައްކަތުގައި އުޅެނީ ބިދޭސީންކަން ފާހަގަކުރައްވާ މުޖުތަބާ ވިދާޅުވީ މިނިވަން މަސައްކަތްތެރިން ހޯދަން ހުޅުވާލި ފުރުސަތުގައި ހޯދާނީ ހަމަ އެކަނި ދިވެހިން ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް ބޭނުންވީ އައުޓްސޯސް ކޮށްގެން ބޭރު މީހުން ލައްވާ މަސައްކަތް ކުރުވުމުގެ ބަދަލުގައި މުޖުތަމައުގައި ތިބި ވަޒީފާ ނެތް މީހުން ލައްވާ [ކުރުވަން]، ނޫނީ މަސައްކަތުގެ މާހައުލަށް ނިކުންނަށް ބޭނުންވާ ދިވެހިން ކިހިނެއްތޯ މިކަމުގެ ތެރޭގައި އިންވޯލްވް ކޮށްގެން ގެންދެވޭނީ [ބަލަން]. އެގޮތުގެ މަތިން ހުޅުވާލި ފުރުސަތެއް މިއީ މިނިވަން މަސައްކަތްތެރިންނަށް މަސައްކަތަށް ނިކުމެވޭނެ އިންތިޒާމު ހަމަޖައްސަން،" މުޖުތަބާ ވިދާޅުވިއެވެ.

މިގޮތަށް މަސައްކަތްކުރާނެ މީހުން ހޯދަނީ ދާއިމީ ވަޒީފާ އަދާކުރާގޮތަށް ނޫން ކަމަށާއި ފްލެކްސިބަލްކޮށް މަސައްކަތަށް ނިކުމެވޭނެ އިންތިޒާމުތައް މީގެ ތެރެއިން ހަމަޖެހޭނެކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"މުޅިން އާ ކޮންސެޕްޓެއް މި ކުރިއަށް ގެންދަނީ. އަޅުގަނޑުމެން ބޭނުންވަނީ ޝޯޓް ޓާމްކޮށް ވިޔަސް މިސާލަކަށް ހަފްތާއަކަށް ވިޔަސް މަހަކަށް ވިޔަސް، އެގޮތަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ޝޯޓް ޓާމްކޮށް މަސައްކަތް ކުރެވޭނެ މެކޭނިޒަމްއެއް ހަދަން،" މުޖުތަބާ ވިދާޅުވިއެވެ.

"ސިމްޕަލް ޓާމުން ބުނަންޏާ ލޭބަރާސް ކުރާ ކަހަލަ މަސައްކަތް ކުރަން އެކަށޭނަ މީހުން ހޯދަން، އިންޓްރެސްޓު ހުރި މީހުން ހޯދަން މިހާރު ވާނީ ގެޒެޓް ކޮށްފައި. އަޅުގަނޑުމެން މި ބަލަނީ ބޭސިކަލީ ދެ ކަމަކަށް. އެއީ އުމުރަށާ، ސިއްހަތަށާ. 18 އަހަރާ 45 އަހަރާ ދޭތެރޭގެ އުމުރުފުރާއަށް. ދެން ކޮންމެވެސް ވަރެއްގެ ފިޒިކަލް ޓެސްޓެއް ހަދާނެ، އެއީ ކުރަންޖެހޭ މަސައްކަތްތަކަކީ ފިޒިކަލީ އިންޓެންސިވް މަސައްކަތްތަކަކަށް ވާތީ،"

މީގެ އިތުރުން މުޖުތަބާ ވިދާޅުވީ މަސައްކަތަށް ނިކުންނަ ފަރާތްތަކަކީ އަސާސީ ތައުލީމު ހުރި މީހުންތޯވެސް ބަލާނެ ކަމަށެވެ.

މި ގޮތަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތަށް ނިކުންނަ މީހުންނަށް ދުވަހު މުސާރައަކަށް މަސައްކަތުގައި ހޭދަކުރާ ވަގުތަށް ބަލާފައި 100 ރުފިޔާ އާއި 250 ރުފިޔާއާއި ދެމެދުގެ އެލަވެންސެއް ދޭއިރު ކޮންމެ ދުވަހަކު ކޮއްތު ފައިސާ އަށްވެސް އިތުރު 175 ރުފިޔާ ދޭނެއެވެ.

މިއީ ކުރު މުއްދަތަކަށް މަސައްކަތެއް ކޮށްލަން ބޭނުންވެފައި ތިބޭ މީހުންނަށްވެސް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"ތިބެދާނެ މީހަކު ޑޮކްޓަރަށް ދައްކާލަން ނޫނީ ބަލިމީހަކާ އެކު މާލެ އައިސް ތިބޭ މީހުން. މިގޮތަށް ތިބޭއިރު އާމްދަނީ ހޯދަން މަސައްކަތެއް ކުރަން ބޭނުންނަމަ އެފަދަ ފަރާތްތަކަށްވެސް މިއީ ރަނގަޅު ފުރުސަތެއް،" މުޖުތަބާ ވިދާޅުވިއެވެ.

މިނިވަން މަސައްކަތްތެރިންގެ ގޮތުގައި ސްޓެލްކޯގެ މަސައްކަތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން އެކަމާ ގުޅޭ ދަފްތަރުގައި އެމީހަކު ރެޖިސްޓްރީ ކުރާނެއެވެ. އަދި ސްޓެލްކޯ އިން މަސައްކަތެއް ފަށާއިރު އެފަދަ ފަރާތްތަކަށް ގުޅާ މަސައްކަތަށް ނިކުމެވޭތޯ އާއި ޝައުގުވެރިކަން ހުރިތޯ ބަލާނެއެވެ. މި މަހުގެެ 31 ގެ ނިޔަލަށް މި ދަފްތަރުގައި ރެޖިސްޓްރީ ވުމަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ސްޓެލްކޯގެ ކައުންޓަރުންނާއި އެ ކުންފުނީގެ ވެބްސައިޓު www.stelco.com.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

"ކުރިމަތިލީމާ އަޅުގަނޑުމެން އެބޭފުޅުން މި އެޑްކޮށްލަނީ ރެޖިސްޓްރީ އަކަށް. ދެން އަޅުގަނޑުމެން ބަލާނެ އެބޭފުޅުންގެ ސްކިލް ލެވެލް އަކީ ކޮބައިތޯ. ބައެއް މީހުން ތިބެދާނެ އާދައިގެ ލޭބަރާސްގެ ގޮތުގައި މަސައްކަތް ކުރެވިދަނެ މީހުން. އަނެއްބައި މީހުން ތިބެދާނެ ރަނގަޅު ފެންވަރުގައި ވެލްޑު ކުރާ މީހުން، ރާނާ މީހުން. އެގޮތަށް ސްކިލް އިވެލުއޭޓު ކޮށްލާފައި އަޅުގަނޑުމެން މިތަނުގައި ކުރަން ހުރި މަސައްކަތް ތަކުގައި އެބޭފުޅުން ޔޫސްކޮށްލެވޭނީ ކޮންގޮތަކަށްތޯ ބަލާފައި އަންގާނަން،" މުޖުތަބާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން ސްޓެލްކޯއިން އިންޖީނުގެ ހިންގާ އެހެން ހުރިހާ ރަށަކުންވެސް މިގޮތަށް މަސައްކަތްތެރިންނަށް ފުރުސަތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ

comment ކޮމެންޓް