ހަނގުރާމައަށް ދިޔަ މީހާ ރިހިބިލިޓޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފި

ސީރިއާ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާޖެއައި މީހާ ފުލުހުންގެ ވެހިކަލެއްގައި ---

ސީރިއާ އަށް ހަނގުރާމައަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ މޮނިކޮމް އިން މޮނީޓާ ކުރާގޮތަށް ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ޓެރަރިސްޓު ޖަމާއަތަކާއެކު ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް، އެގައުމަށް ދަތުރު ކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެރޭ ހައްޔަރުކުރި މީހާ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

އުރުމުން 34 އަހަރުގެ އެ ފިރިހެންމީހާ ދޫކޮށްލީ ޑިސެމްބަރު ތިންވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމައަކަށް ގޮސް ރާއްޖެ އެނބުރި އަންނަ މިހަކު ހައްޔަރުކުރުމަށްފަހު، ރިސްކް އެސެސްމެންޓެެއް ހެދުމަށްޓަކައި އެމީހުންނަށް ހާއްސަ ވަގުތީ މަރުކަޒެއްގައި 30 ދުވަހަށް ބަންދުކުރަން ޖެހެ އެވެ.

އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި، އޭނާގެ ކަންކަން ފުލުހުން ބަލަމުންދަނީ މޮނިކޮން އަމުރުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ގާނޫނު ބުނާ ގޮތުން ހަނގުރާމައިން އަންނަ ފަރާތްތައް ހަދާ ރިސްކް އެސިސްމަންޓަކީ، އެ މީހުން ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ނުވަތަ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބެލުމަށްޓަކައި ހަދާ އެސެސްމަންޓެކެވެ.

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަ ތަކަށް ދިވެހިން ގޮސް މަރުވެފައިވެސް އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ސީރިޔާއަށް ދިޔަ ބައެއް މީހުންގެ ހުވަފެން ވެފައިވާ އެ މީހުންގެ އަނބިންނާއި ޔަތީމުވެފައިވާ ދަރިން އެނބުރި ނާދެވި ރެފިއުޖީ ކޭމްޕްތަކުގައި ވަނީ ތާށިވެފަ އެވެ. އެ މީހުން ރާއްޖެ ގެނެސް ދިނުމަށް އާއިލާތަކުން ދަނީ އެދެމުން އެވެ.

comment ކޮމެންޓް