އީސީއިން އެދުނަސް އިންތިހާބު ފަސްކުރަން ކޮމިޓީން ފުރުސަތެއް ނުދިން

މަޖިލީހުގެ ކޮމިޓީގައި އީސީގެ މެމްބަރުން --

ކައުންސިލް އިންތިހާބު މެއި 10 ވަނަ ދުވަހުގެ ކުރިން ނުބޭއްވޭ ހާލަތެއް ކުރިމަތިވާ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އަންގަން ޖެހޭގޮތަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް އިންތިހާބު ލަސްކުރަން އޮތް ފުރުސަތު ހަނިކޮށްފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ބާއްވަން ތާވަލް ކުރި އިންތިހާބު ކޮވިޑްގެ ބަލިމަޑުކަމާ ހުރެ ފަސް ކުރީ ހާއްސަ ގާނޫނެއްގެ ދަށުންނެވެ. އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އެންމެ ލަސްވެގެންވެސް އަންނަ މެއި މަހު 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގެންނަ އިސްލާހުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ އެ ކޮމިޓީން ބައްދަލު ކުރި އެވެ. ކޮމިޝަންގެ އެއް ކަންބޮޑުވުމަކީ، ވަކި ތާރީހެއްގެ ތެރޭ އިންތިހާބު ބޭއްވުމަށް ގާނުގައި ބަޔާންކޮށްފައި އޮތް އޮތުމެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، މިހާރު އޮތް މުއްދަތުގައި ރޯދަ މާހާއި އިމްތިހާނުތައް އޮންނަ ދުވަސްވަރާ ދިމާވުމުން، އިންތިހާބު ފަސްކުރަން އަނެއްކާވެސް ޖެހިއްޖެ ނަމަ، އެ މުއްދަތުގައި އިންތިހާބު ނުބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެހެން ކަމުން އޭނާ އެދިވަޑައިގެންނެވީ އެ މުއްދަތު އިތުރު ކުރުމަށެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

އެހެން ނަމަވެސް އެކަމަށް ކޮމިޓީގެ ބައެއް މެމްބަރުން ދެކޮޅު ހެއްދެވި އެވެ.

ކޮމިޓީން ފާސް ކުރީ، އެ ތާރީހަށް ބަދަލު ގެނައުމުގެ ބަދަލުގައި މެއި 10ގައި އިންތިހާބު ނުބޭއްވޭނަމަ، އެކަން 30 ދުވަހުގެ ތެރޭގައި މަޖިލީހަށް އެންގުމަށެވެ. ކޮމިޓީގެ މެމްބަރުންގެ ވިސްނުމަކީ، ތާރީހަށް ބަދަލު ނުގެނެސް އެ ތާރީހުގައި އިންތިހާބު ނުބޭއްވިއްޖެ ނަމަ އަނެއްކާވެސް އެކަމަށް ގާނޫނީ ހައްލެއް ގެނައުމެވެ.

އިންތިހާބުގެ ކަންކަން ކުރުމުގެ މުއްދަތުތައް ކުރު ނުކުރަން ނިންމި!

މަޖިލީހުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވި އިރު، އިންތިހާބު އަވަހަށް ބޭއްވުމަށްޓަކައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަންކަމުގެ މުއްދަތުތައް ވަނީ ކުރުކޮށްފައެވެ. އެގޮތުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި ކޯޓަށް މައްސަލަ ވެއްދުން ފަދަ ބައެއް މުއްދަތުތައް ވަނީ ކުރުކޮށްފަ އެވެ. އެ އިސްލާހަށް ކޮމިޝަންގެ މެމްބަރުންވެސް ތާއީދެއް ނުކުރެ އެވެ.

ކޮމިޝަންގެ ރައިސް ޝަރީފު ވިދާޅުވީ، އިންތިހާބުގެ މުއްދަތުތައް ކުރުކުރާކަށް ނުފެންނަ ކަމަށެވެ. އަދި ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާ ބާއްވާ އެ ބިލު ތަސްދީގުވުމުން އެ މުއްދަތުތައް ކުރުކުރުމަކީ މާނައެއް ނެތް ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮމިޓީން ފާސް ކުރީ، ބިލުގައި ހިމަނާފައިވާ އެ މާއްދާ އުނި ކުރުމަށެވެ. އެހެން ކަމުން ބިލު ފާސް ވެއްޖެނަމަ، އަމަލު ކުރާނީ މިހާރުވެސް އިންތިހާބުތަކާ ބެހޭ ގާނޫގައި ހުރި މުއްދަތުތަކަށެވެ.

ހަމަ ހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ފަހި ކުރުމަށް މާއްދާއެއް ހިމެނުމަށްވެސް ކޮމިނަނުން ހުށަހެޅުއްވި އެވެ.

ކޮމިޓީން ފާސް ކުރީ، އެ ގާނުނުގެ ދަށުން އެޗްޕީއޭއިން ހަދާ ގައިޑްލައިންގައި މިނިވަންކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ކަށަވަރު ކުރަން ވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު