އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދިން މައްސަލާގައި ދައުވާކޮށްފި

އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދީފައިވާ މަންޒަރު ---

މާލޭގައި ޓެކްސީގެ ހިދުމަތްދޭ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާގެ ކާރަށް ގެއްލުންދިން މައްސަލާގައި ދައުވާކޮށްފި އެވެ.

އެމައްސަލާގައި ދައުވާކޮށްފައިވަނީ މުހައްމަދު ހަމްދޫނު އަޙްމަދު، ކ. މާލެ، ގ. އާފަތިސްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ ހަމްދޫނުގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ 3 ވަނަ
‎ނަންބަރުގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ ވާގޮތުން 220 ވަނަ މާއްދާގެ (ރ) ގެ ތިންވަނަ ނަމްބަރުގައި ބުނެފައިވަނީ ލިބުނު ގެއްލުމުގެ އަގު 5000 ރުފިޔާއަށްވުރެ މަތިވާނަމަ އެެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

އަދަބު ދިނުމުގެ އަސާސީ މިންގަނޑުން ބަލާއިރު އެކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އަދި ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ޕީޖީ އޮފީހުން ބުނީ ހަމްދޫނުގެ މައްޗަށް ދައުވާކުރީ 7 އޮކްޓޫބަރު 2020 ދުވަހުގެ 02:06 ‎އެހައިކަށްހައިއިރު، ގދ.ވާދޫ، ހެޕީ، އާމިނަތު ވަހީދާ ޓެކްސީ ކުރުމަށް ‎ގެންގުޅޭ ރަޖިސްޓްރީ ނަންބަރު AB1A T7083 ކާރު، ކ.މާލެ، އިއްޒުއްދީން މަގު، ‎ޑްރަގް ކޯޓް ކުރިމަތީގައި ޕާކް ކޮށްފައި އޮއްވައި، އެ ޓެކްސީގެ ކުރީ ‎ބިއްލޫރިގަނޑު (ވިންޑްސްކްރީން) އަށް ގާއުކައި އެ ބިއްލޫރިގަނޑު ތަޅާލައި، ‎އެ ކާރަށް ގެއްލުންދީފައިވާތީ ކަމަށެވެ.

އެމައްސަލާގައި ދައުވާކޮށްފައިވަނީ މިދިއަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހު އެވެ.

އައިމިނަތު ވަހީދާގެ ކާރަށް ފަސް ފަހަރެއްގެ މަތިން ގެއްލުންދީފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް