މާލޭގެ މަގު ބަންދުކުރުން އަނެއްކާ ވެސް ރޭގަނޑަށް، ކައުންސިލުން އެ ގޮތް ބޭނުމެއް ނޫން

މަގު ބަންދުކޮށްގެން ބަޔަކު މަސައްކަތްތަކެއް ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމާ އެކު އެކި މަސައްކަތްތަކަށް މާލޭގެ މަގުތައް ބަންދުކުރަން ހުއްދަ ދޫކުރުން ކުރިއެކޭ ވެސް އެއްގޮތަށް އަލުން ރޭގަނޑަށް ބަދަލުކޮށްފި އެވެ.

މިފަހަކުން ސިޓީ ކައުންސިލުން މަގުތައް ބަންދުކުރުމުގެ ހުއްދަ ދޫކުރަމުން އައީ ދުވާލުގެ ވަގުތުތަކަށެވެ.

ދުވާލުގެ ކާރޫ ބާރޫ ވަގުތުތަކުގައި މަގު ބަންދު ކުރާތީ އެކަމުގެ ޝަކުވާތަކާ ގުޅޭ ގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ސްކޫލުތައް އަލުން ފެށުމާ ގުޅިގެން ކައުންސިލްގެ މިދިޔަ ހަފްތާގެ ޖަލްސާގައި މަޝްވަރާ ކުރުމަށް ފަހު ނިންމީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތުތަކަށް މަގު ބަންދު ކުރުމުގެ ހުއްދަ ދޫކުރުމަށް ކަމަށެވެ. ނަމަވެސް މޭޔަރު ޝިފާ ވިދާޅުވި ގޮތުގައި މެންދަމު 12:00ގެ ކުރިން މަސައްކަތް ނިންމަން ޖެހޭނޭ ކަމަށެވެ. އަދި ރޭގަނޑަށް މަގު ބަންދު ކުރުމުގެ ހުއްދަ ދިނީ މިވަގުތަށް މަޖުބޫރު ވެގެންކަން ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.

"ސިޓީ ކައުންސިލުން އެއްވެސް ވަރަކަށް ބޭނުމެއް ނޫން ރޭގަނޑަށް ހަގީގަތުގައި މަގު ބަންދު ކުރަން ހުއްދަ ދޭންވެސް. ވަރަށް ގިނަ މީހުން މިހާރުވެސް ޝަކުވާ ކުރޭ ރޭގަނޑު ނުނިދިގެން. އަބަދު އަޅުގަނޑުމެން ވެހިކަލް ތަކަކަށް ނޫން މަގުފަހިވާ ގޮތަށް ކަންކަން ކުރަން ޖެހޭނީކީ. މީހުންނަށް ރޭގަނޑުގެ ނިދި ހަމަޖެހިލާނެ ވަގުތުކޮޅެއް ލިބުން މުހިންމު. އެހެންވެ، ކައުންސިލުން ބޭނުން ވަނީ ދުވާލަށް ހުއްދަ ދޫކުރަން،" ޝިފާ ވިދާޅުވި އެވެ.

މާލެ މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންނަން މީހުންގެ ސުލޫކަށް ވެސް ބަދަލު އަންނަން ޖެހޭކަން ފާހަގަ ކުރައްވާ ޝިފާ ވިދާޅުވީ އަވަހަށް މަސައްކަތް ފަށައި މަސައްކަތް ނިންމުމަށް ވެސް ފަރުވާތެރިވާން ޖެހޭ ކަމަށާއި ތަންތަނަށް ދާން ވަގުތު އޮއްވާ ގެއިން ނުކުތުމަށް ވެސް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ދުނިޔޭގެ ގައުމުތަކުން މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ ރޭގަނޑުގެ ވަގުތުތަކަކީ މަސައްކަތް ކުރާ ވަގުތުތަކެއް ނޫން ކަމަށާއި ދުވާލު ވީހާވެސް އަވަހަކަށް މަސައްކަތް ފަށައި މަސައްކަތް ނިންމަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެން ރޭގަނޑަށް ހުއްދަ ދޫކޮށްފައި ވެސް މި ބުނަނީ އަވަހަށް ނިންމަން ޖެހޭނޭ. އެ އާދަ ހުންނަން އެބަ ޖެހޭ އަޅުގަނޑުމެންގެ. އަވަހަށް މަސައްކަތެއް ފަށާފައި އެކަމެއް ނިންމަން. އެ ނޫން ފަރާތްތަކާ މެދު ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،" ޝިފާ ވިދާޅުވި އެވެ.

މިވަގުތުން ވަގުތަށް ވެސް ގެންނަން ޖެހޭ އެންމެ ބޮޑު ބަދަލަކީ ޝިފާ ވިދާޅުވީ ޝީޓް އެޅުން ފަދަ ކަންކަމުގައި މާލޭގައި ބޭނުން ކުރެވޭނީ ރެޑީ މިކްސް ސިމެންތި އެކަނި ކަމަށް ހަމަޖެއްސުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވެއްޔާއި ސިމެންތި ބަސްތާ މަގުތަކުގައި ބަހައްޓައިގެން ޝީޓް އެޅުން ފަދަ ކަންކަން ކުރެވޭ ވަރަށް ވުރެ މާލޭގެ މަގުތަކުގައި ހާލަތު މިހާރު ގޯހެވެ.

"އެކަމާ އަޅުގަނޑުމެން އެބަ އެސްޓީއޯ ފަދަ ތަންތަނާ އެބަ މަޝްވަރާކުރަން. އަޅުގަނޑުމެން މިހާރުވެސް އިންސްޓްރަކްޝަން މިދެނީ މުޅި މަގު ބަންދުނުކޮށް އެއްބައި ބަހައްޓައިގެން މަސައްކަތްތައް ކުރަން،" ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ ނަން އާންމުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާކަން ވެސް މޭޔަރު ހާމަކުރެއްވި އެވެ. އެގޮތުން މަގު ބަންދު ކުރަން ދޫކުރާ ހުއްދަޔާ ހިލާފުވާ ފަރާތްތަކާއި މަގުމަތީގައި ހުއްދަ ނުނަގާ ތަކެތި ބަހައްޓާ ފަރާތްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހަފްތާއެއް ތެރޭ އެފަދަ 12-13 ވަރަކަށް އިންޒާރު ދޭން ޖެހޭކަން ވެސް މޭޔަރު ފާހަގަ ކުރެއްވި އެވެ.

"ކަންކަން ރަނގަޅު ކުރުމުގެ ގޮތުން އަޅުގަނޑުމެން އެ ފިޔަވަޅު އަޅަން ޖެހެނީ. ފިޔަވަޅު އަޅާ ފަރާތްތަކުހެ މައުލޫމާތު އާންމު ކުރާނަން،" ޝިފާ ވިދާޅުވި އެވެ.

comment ކޮމެންޓް