500 ރުފިޔާގެ ވަގުނޫޓު ދައުރެއް ނުވޭ

500 ރުފިޔާގެ ނޫޓެއް--- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ރާއްޖޭގައި 500 ރުފިޔާގެ ވަގުނޫޓު ދައުރުވަމުން ނުދާކަމުގެ ޔަގީންކަން ދޭ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި 500 ރުފިޔާގެ ނޫޓެއްގެ ފޮޓޯ ދައުރުވަމުންދާ ކަމަށާއި، އެ ނޫޓަކީ ވަގުނޫޓެއް ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެމްއެމްއެ އިން ބެލި ބެލުމުން އެއީ ސައްހަ ނޫޓެއްކަން ޔަގީންވެފައިވާ ކަމަށްވެސް އެ ބޭންކުން ބުންޏެވެ.

އެމްއެމްއޭގެ ސްޕޯކްސްޕާސަން މުހައްމަދު ނާސިހު ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ގުޅިގެން ބެލިބެލުމުން އެ ފޮޓޯ ގައި ފެންނަ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީންވެފައިވާ ކަމަށާއި، އެކަމަކު ކޮންމެވެސް ގޮތަކުން މި ނޫޓްގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ 500 ރުފިޔާގެ ނޫޓު ގެނެސް މި އޮތޯރިޓީން ބެލި ބެލުމުން މި ނޫޓަކީ ސައްހަ ނޫޓެއްކަން ވަނީ ޔަގީންކުރެވިފައި. ނަމަވެސް ކޮންމެވެސް ގޮތަކުން މި ނޫޓްގައި ކުލައެއް ޖެހިފައި ހުރިކަން ފާހަގަ ކުރެވުނު. އަދި އެ ކުލަ ފިލުވުމަށް ކެމިކަލްއެއްގެ ބޭނުން ކުރުމުން ނޫޓުގެ ކުލަ ފަނޑުވެފައިވާކަން ވެސް ފާހަގަ ކުރެވުނު. އެ ނޫޓުގައި މި ދެންނެވި ކަންކަން ހުރި ނަމަވެސް އެ ނޫޓަކީ ސައްޙަ ނޫޓެއް،" ނާސިހު ވިދާޅުވިއެވެ.

އެއްވެސް ނޫޓަކާއި ދޭތެރޭ ޝައްކު އުފެދިއްޖެނަމަ ވީ އެންމެ އަވަހަކަށް އެ ނޫޓެއް އެމްއެމްއޭއަށް ގެނެސްދިނުމަށް ނާސިހު ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ރާއްޖޭގައި ވަގު ނޫޓް ދައުރުވަމުން ނުދާކަން އަޅުގަނޑުމެން ޔަގީންކޮށްދެން،" ނާސިހު ވިދާޅުވިއެވެ.

ޒަމާނީ ސެކިއުރިޓީ ސިފަތައް އެކުލެވޭވޭހެން، ދިވެހިންގެ އާދަކާދަ އާއި ދިވެހި ވަންތަކަން ދައްކައިދޭ ގޮތަށް ޕޮލިމާ ކަރުދާހުގައި ޗާޕުކޮށް، "ރަންދިހަ ފަހެއް"ގެ ނަމުގައި ދިވެހި ފައިސާގެ އާ ނޫޓު ސީރީޒް ތައާރަފްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެވެ.

comment ކޮމެންޓް