ގައުމީ ޔުނިވާސިޓީގެ ކިޔެވުން، ދަރިވަރުން ކުލާހަށް ހާޒިރުކޮށްގެން ފަށަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ. (ފޮޓޯ/އެެމްއެންޔޫ)

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މާލޭގައި ހިންގާ ކޯސްތަކުގެ ކިޔެވުން މިއަހަރުގެ ދިރާސީ އަހަރާއިއެކު ދަރިވަރުން ކުލާސްތަކަށް ހާޒިރުކޮށްގެން ކުރިޔަށްގެންދަން ރާވާފައިވާކަމަށް އެ ޔުނިވާސިޓީއިން ހާމަކޮށްފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި އަދި މިވަގުތު އެމްއެންޔޫގެ ހުރިހާ ކެމްޕަހެއްގެ ހުރިހާ ކޯހެއްވެސް މި އަހަރު ކުރިޔަށް ގެންދަން ރާވާފައި އޮތީ "ފޭސް ޓު ފޭސް" ކޮށް ނުވަތަ ދަރިވަރުން ކުލާހަށް ހާޒިރުކޮށްގެންނެވެ.

"ގައިޑްލައިންސްއާ އެއްގޮތަށް ރޭވިގެން ކުރިޔަށް ދާނީ. މާލޭގެ އިތުރުން ހުރިހާ އަތޮޅު ކެމްޕަސްތަކުގައިވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމަޔަށް އަޅައިގެން ކުރިޔަށް ގެންދަން އޮތީ." ޝަރީފް ވިދާޅުވި އެވެ.

އެމްއެންޔޫގެ ޖުމްލަ ހަތަރު ކެމްޕަހެއް އަތޮޅު ތެރޭގައި ހުންނަ އިރު އޭގެ ތެރޭގައި ހދ. ކުޅުދުއްފުށީ ކެމްޕަސް، ލ. ގަން ކެމްޕަސް، ސ. ހިތަދޫ ކެމްޕަސް އަދި ގދ. ތިނަދޫގައި ހުންނަ ކެމްޕަސް ހިމެނެ އެވެ. ޝަރީފް ވިދާޅުވިގޮތުގައި މި ކެމްޕަސްތަކުގައިވެސް މާލެއާއި އެއްގޮތަށް ކިޔެވުން ކުރިޔަށްގެންދާނީ އާދައިގެ މަތިން ދަރިވަރުން ކުލާހަށް ހާޒިރުކޮށްގެންނެވެ.

އިތުރަށް ވާހަކަދައްކަވަމުން ވައިސް ޗާންސެލާ ވިދާޅުވިގޮތުގައި މީގެ ކުރިންވެސް އެމްއެންޔޫގައި ފެކަލްޓީ ފެންވަރުގައި ދަރިވަރުން ހާޒިރުކޮށްގެން ޕްރެކްޓިކަލް އިމްތިހާނުތައް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

"ހަމަ ދަރިވަރުންގެ ޓެމްޕަރޭޗާ ބަލައިގެން، އަލާމާތް ހުންނަ ދަރިވަރުން ކުލާހަށް ނައުމަށް އިލްތިމާސްކޮށް. ލިޔެވިފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށް ގެންދިޔައީ. ކަމެއް ދިމާވިނަމަވެސް ދެން ކުރިޔަށް ދާނެ ގޮތްވެސް ވަނީ ކަނޑައެޅިފައި." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި މިހާރު މާލޭގައި ސުކޫލުތައްވެސް ފޭސް ޓު ފޭސްކޮށް ކުރިޔަށް ގެންދާއިރު އެމްއެންޔޫއިންވެސް މަސައްކަތްކުރަމުންދަނީ ވީހާވެސް ބޮޑަކަށް ހަމަ އާންމު ހާލަތަށް އަނބުރާ ރުޖޫއަވެވޭތޯކަމަށެވެ. އެމްއެންޔޫގެ މިއަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.

comment ކޮމެންޓް