ރަޝިއާގެ އިދިކޮޅު ލީޑަރު ގައުމަށް ވަޑައިގެންނެވުމުން ހައްޔަރުކޮށްފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: އޭއެފްޕީ

މޮސްކޯ (ޖެނުއަރީ 18): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަރުމަނުގައި ހުންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން އޭނާ ހައްޔަރުކޮށްފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 20ގައި ރަޝިއާގެ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ނަވަލްނީ އިންނަވަނިކޮށް އޭނާގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ކޯމާއަކަށް ދިޔުމުން އޭނާއަށް ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިޔަ އެވެ. އަދި އެގައުމުގެ ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރެއް ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ނަވަލްނީއަށް ދީފައިވާ ކަމަށް ބުނެފަ އެވެ.

ނަވަލްނީއަށް ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ވުމުން އޭނާ ވަނީ ރަޝިއާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިއްޔެ އޭނާ ގައުމަށް ވަޑައިގެންނެވި އިރު ފްލައިޓު ޖައްސަން އޮތް އެއާޕޯޓު ކައިރިއަށް އޭނާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން އެއްވި އެވެ. ނަމަވެސް ފްލައިޓު ޖައްސަން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް "ޓެކްނިކަލް ސަބަބުތަކާ" ހެދި އެ ފްލައިޓު ޑައިވާޓު ކުރާނެކަން ޕައިލެޓު އެންގި އެވެ. އަދި އެހެން އެއާޕޯޓެއްގައި އެ ފްލައިޓު ޖެއްސުމާއެކު ނަވަލްނީ ހައްޔަރު ކުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަވަލްނީ ހައްޔަރު ކުރުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން އޭނާ ވަނީ "އޭނާއާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ސައްހަ ނޫން ކަމަށާއި ބިރު ނުގަންނަ" ކަމަށް ވިދާޅުވެފަ އެވެ.

ނަވަލްނީ މިހާރު ހުންނެވީ މޮސްކޯގެ ޕޮލިސް ސްޓޭޝަނެއްގަ އެވެ. އަދި ރަޝިއާގެ ޕްރިޒަން ސާވިސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ ހައްޔަރު ކުރީ އޭނާއާ ދެކޮޅަށް ސާބިތުވި ކުށަކާ ގުޅިގެން ކޯޓުން ކަނޑައެޅި "ޕްރޮބޭޝަންގެ ޝަރުތުތަކަކާ" ހިލާފުވެފައިވާ ވާތީ އެވެ. އެއީ 2014 ވަނަ އަހަރު އޭނާގެ މައްޗަށް ސާބިތުވި ހިޔާނާތުގެ މައްސަލައަކަށް ފަހު އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކަނޑައެޅި ޝަރުތުތަކެކެވެ.

ރަޝިއާގެ ދެ ކުންފުންޏެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ނަވަލްނީގެ މައްޗަށް ކުރި އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ތިން އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކުރި ނަމަވެސް އެ ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ރަޝިއާގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ ނަވަލްނީއާ ދެކޮޅަށް އިތުރު ހިޔާނާތުގެ މައްސަލައެއް ބަލަން ފަށާފަ އެވެ.

ނަވަލްނީއަށް ވިހަ ދިނީ ރަޝިއާގެ ސަރުކާރުން ކަމަށް އޭނާ އާއި އޭނާއަށް ތާއިދު ކުރާ މީހުން ތުހުމަތު ކުރެ އެވެ. ނަމަވެސް އެގައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އެ ތުހުމަތު ދޮގު ކުރައްވާ، އެމެރިކާގެ ޖާސޫސީ އިދާރާތަކުން ނަވަލްނީއަށް އެހީވާ ކަމަށް ވިދާޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް