ކައުންސިލް އިންތިހާބުގައި ފުލުހުންގެ އޮޕަރޭޝަން ކޮމާންޑު ކުރާނެ ބޭފުޅުން ހަމަޖައްސައިފި

ކ-ވ: ޗީފް އެސްޕީ މުޙައްމަދު ރަޝީދު، ޗީފް އެސްޕީ އާސިމް ޢަބްދުﷲ --

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮޕަރޭޝަނުގެ ކޮމާންޑަރު ކަމަށާއި ޑެޕިއުޓީ ކޮމާންޑު ކަމަށް ބޭފުޅުން ހަމަޖައްސައިފި އެވެ.

ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ގުޅިގެންވެސް ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓައި، އިންތިހާބަށް އަމާން އޮމާން މާހައުލެއް ގާއިމުކުރުމަށް ހާއްސަ އޮޕަރޭޝަން ހިންގައި ތައްޔާރުވެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދެވެ.

އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިންތިހާބު ނުބޭއްވިގެން އުޅެނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން އަދި އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގައި އޮތުމުންނެެވެ

މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށް އެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އަދި އިންތިހާބު ބޭއްވެނީ އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އެ އިސްލާހުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގަ އެވެ.

comment ކޮމެންޓް