ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭތީ އިދިކޮޅުން ކޯޓަށް މައްސަލަ ވައްދަނީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިހާބަށް ކެމްޕެއިން ކުުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ، އިދިކޮޅުން އެ މައްސަލަ ހައިކޯޓަށް ހުށެހެޅުމަށް ނިންމައިފި އެވެ.

އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ޕާޓީން މިހާރު ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ވަގުތެއްގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް މިއަދު ހެނދުނު 11:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވެސް އެ ޕާޓީން ވަނީ ނިންމާފަ އެވެ.

ހަމަ ހަމަކަމާއެކު ކެމްޕެއިންކުރުމުގެ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމި އިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ ކޯލިޝަނުން ވަނީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. އަދި އެކަަމަށް ހައްލެއް ނުލިބޭނަމަ، ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް މީގެ ކުރިން އެ ކޯލިޝަނުން ދިނެވެ.

އިދިކޮޅުގެ ކަންބޮޑުވުމަކީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކުން ރަށްރަށަށް ދަތުރުކުރުމުގެ ހުރަސްތަކެއް އޮތް އިރު، ސަރުކާރުގެ އިސް ބޭފުޅުންނަށް ކެމްޕޭން ކުރަން ރަށްރަށަށް ދަތުރުކުރެވޭތީ އެވެ. ސަރުކާރަށް އެ ފުރުސަތު ލިބުނު ނަމަވެސް އިދިކޮޅަށް އެ ފުރުސަތު ނުލިބެެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އެ ތާރީހުގައި އިންތިހާބު ބާއްވަން ކޮމިޝަނުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އިންތިހާބުގެ ބޭއްވުމުގެ މަސައްކަތް އިލެކްޝަނަށް ކުރެވެން އޮތީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް އިސްލާހު ހުށަހެޅުމުގެ ބިލު ފާސް ކޮށްގެންނެވެ.

comment ކޮމެންޓް