މާލެެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު ގިނަވާން ފަށައިފި

މާލޭގެ ބާޒާރު ސަރަހައްދުގެ މަގުތައް ބާރުބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއިން ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފިި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެކްޓިވް ސަވައިލަންސްގެ ތެރެއިން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ އަދަދު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ސީދާ ދުވަހުން ދުވަހަށް ޕޮޒިޓިވްވާ އަދަދު އިތުރުވާކަމަށް ނުދެއްކި ނަމަވެސް ޖުމްލަކޮށް ބަލާނަމަ ޓްރެންޑު ދައްކާގޮތުުން މިހާރު މާލެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެގޮތަށް ދިމާވަނީ، މި ދޭތެރެއިން ބަލި ޖެހޭ މީހުންގެ އަދަދު މަދުވުމާއެކު ގައިޑްލައިންތަކަށް ސަމާލުކަންދެވޭ މިންވަރު ކުޑަވުމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެގޮތުން މީގެ ކުރިންވެސް ބަލި ކޮންޓްރޯލުވެފައި އޮތުމަށްފަހު އަލުން ބަލި ޖެހޭ މިންވަރު އިތުރުވީ، ޕޮޒިޓިވް ރޭޓު ދަށްވުމާއެކު ބަލި ނެތުނީކަމަށް ބަލައި ފަރުވާ ކުޑަކޮށްލެވުމުން ކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.

ބަލި ޖެހޭ މީހުންގެ އަދަދު މަދުވުމާއެކު މާލެ ސަރަހައްދުގައި އޮތް ކާފިއު އުވާލާ އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ވަނީ ގައިޑްލައިންތަކެއްގެ ދަށުން ހުއްދަ ދީފައެވެ.

މިދިޔަ ޑިސެމްބަރު ނިމުނުއިރު ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު އެ އަދަދު އަލުން ވަނީ އިތުރުވާން ފަށައިފަ އެވެ. މާލެ ސަރަހައްދުން އިއްޔެ 27 މީހަކު ޕޮޒިޓިވްވި އިރު މިއަދު 19 މީހަކު ޕޮޒިޓިވް ވިއެވެ.

މިދިޔަ މަސް ނިމުނު އިރު މި އަދަދު ހުރީ އެވްރެޖުކޮށް 10-15 ގައެވެ.

މިއަދުގެ ހަވީރު ހަޔަކާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 14،513 އަށް އަރައިފަ އެވެ.

ރާއްޖެ އިން ބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 13،540 އެވެ.

މި ބަލީގައިި 49 މީހަކު ރާއްޖޭގައި ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް