އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރާ އަމުރު ބައިޑެންގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުވާލަނީ

ޖޯ ބައިޑެން އަންނަ ބުދަ ދުވަހު ވެރިކަމުގެ ހުވާ ކުރައްވާނެ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 17): މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާ ކުރުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އަމުރު، ޖޯ ބައިޑެން ވެރިކަމުގެ ހުވާ ކުރައްވާ ދުވަހު އުވާލައްވާނެކަން ހާމަކޮށްފި އެވެ.

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ކަމަށް ދެން ވަޑައިގަންނަވާނެ ރޮން ކްލެއިން އާއްމު ކުރެއްވި މެމޯއެއްގައިވާ ގޮތުން ޓްރަމްޕް ތަންފީޒު ކުރެއްވި ބައެއް ސިޔާސަތުތަކަށް ބައިޑެންގެ ވެރިކަމުގެ ފުރަތަމަ 10 ދުވަސް ތެރޭ ބަދަލު ގެންނާނެ އެވެ. އެގޮތުން ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހު ޓްރަމްޕްގެ 'މުސްލިމް ބޭން' އުވާލާނެ ކަމަށް އެ މެމޯގައިވެ އެވެ.

އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރާނެ ކަމަށް 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ތެރޭގައި ވިދާޅުވި ޓްރަމްޕް އެފަދަ އަމުރެއް ނެރުއްވީ 27 ޖެނުއަރީ 2017އިގަ އެވެ. އެ އަމުރުގައި އޮތީ އީރާން، އިރާގް، ސީރިއާ، ޔަމަން، ސޯމާލިއާ، ސޫދާން އަދި ލީބިޔާގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަށެވެ. ނަމަވެސް އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ، އެ އަމުރު ތަންފީޒު ކުރުމަށް ކޯޓުތަކުން އެކި ފަހަރު މަތިން ހުރަސް އެޅުމުން އެ އަމުރަށް ދެ ފަހަރަކު ވަނީ ބަދަލު ގެނެސްފަ އެވެ.

އޭގެ ފަހުން 2018އިގައި އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ ބަދަލުތައް ގެނެސްފައިވާ އަމުރެއް ތަންފީޒު ކުރުމަށް ހުއްދަ ދީފަ އެވެ. އެ އަމުރުގައި އެމެރިކާއަށް ވަނުން މަނާ ކުރަނީ އިރާން، އުތުރު ކޮރެއާ، ސީރިއާ، ލީބިޔާ، ޔަމަން، ސޯމާލިއާ އަދި ވެނެޒުއޭލާގެ ރައްޔިތުންނެވެ.

އެ އަމުރު އުވާލުމުގެ އިތުރުން، ބައިޑެންގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޕެރިސް މުއާހަދާއާ އަލުން ގުޅުމާއި ފެޑެރަލް އިމާރާތްތަކުގަ އާއި ސްޓޭޓުތަކުގެ މެދުގައި ދަތުރު ކުރާ އިރު މާސްކު އަޅަން އަންގާނެ އެވެ. އަދި އެ ސަރުކާރުން ވަނީ 100 ދުވަސް ތެރޭ 100 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދޭން އަޒުމު ކަނޑައަޅާފަ އެވެ.

އަންނަ ބުދަ ދުވަހު ބައިޑެން ވެރިކަމުގެ ހުވާ ކުރައްވާ އިރު އެގައުމުގައި މިހާތަނަށް 23.8 މިލިއަން މީހުންނަށް ކޮވިޑް ޖެހި، ބަލީގައި 396،000 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް