ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިމަހު އާންމުކުރަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތައް ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެލުލަވާލާފައިވާ ކޮމެޓީ އިން ބުނެފި އެވެ.

ފްލެޓު ކޮމެޓީގެ މެމްބަރު ތޯހާ މުހައްމަދު "ސަން" އަށް މިރޭ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންގެެ ވަގުތީ ލިސްޓަށް ހުށަހެޅިފައިވާ ޝަކުވާ ތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ފައިނަލް ލިސްޓު ނެރޭނީ ހުރިހާ ޝަކުވާ ތަކަކަށް ޖަވާބުދީ ނިމުމުން ކަމަށް ތޯހާ ވިދާޅުވިއެވެ.

"ހިޔާގެ 16 ޓަވަރުގެ، ދެ ކޮޓަރީގެ 6،720 ފްލެޓް ގެ ވަގުތީ ލިސްޓް މީގެކުރިން ވަނީ އާންމުކޮށްފައި. މި މަސް ނިމުމުގެ ކުރިން އޭގެ ފައިނަލް ލިސްޓް ރައީސް އޮފީހުން އާންމު ކުރާނެ. މިހާރު ކޮމެޓީން މިކުރާ ކަމަކީ ވަގުތީ ލިސްޓަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބު ދިނުން. ޖަވާބުދީ ނިމުނީމަ ފައިނަލް ލިސްޓް ނެރޭނީ،" ތޯހާ ވިދާޅުވިއެވެ.

ފްލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓު ދިނުމާ ގުޅޭގޮތުން ކުރެވޭ ޝަކުވާ އާ ގުޅިގެން ތޯހާ ވިދާޅުވީ ފްލެޓު ދިން ގޮތާމެދު ހުރި ޝަކުވާތައް ބެލުމަށް ކޮމެޓީ އުފެދުނީ ވެސް ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާތަކެއް ހުރުމުން ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އެތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެބޭފުޅުން، [ކުރީގެ ސަރުކާރުން] ދިރިއުޅުމުގެ ހާލަތު ނުބަލާ. ދިރިއުޅުމުގެ ހާލަތަށް އޮވޭ ކޮންމެ ކެޓަގަރީއަކުން ޕޮއިންޓްދޭން. އެބޭފުޅުން ހަދާފަ އޮތް ގޮތަކީ އެބޭފުޅުން ދޭން ބޭނުންވާ ބަޔަކަށް އެބައޮތް ފުލްކޮށް ދިރިއުޅުމުގެ ހާލަތުން ޕޮއިންޓް ދީފައި. އެބޭފުޅުން ބުނެފަ ވަނީ ލިޔެފަ އޮތް ބަޔާނެއްގެ މައްޗަށް ބަލައިގެންނޭ ޕޮއިންޓް ދީފައި ވަނީ. އެކަމަކު ބަޔާނުގައި އެއްވެސް އެއްޗެއް ލިޔެފަ ނެތް މީހުންނަށް ވެސް ފުލްކޮށް ޕޮއިންޓް ދީފައި އެބަހުރި،"

ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓް ދީފައި ވަނ،ީ ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ޕޮއިންޓް ދޭނެ މިންގަނޑެއް އެކުލަވާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި މިންގަނޑެއް ކަނޑައަޅައިގެން ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ލިސްޓުތައް ފައިނަލް ކޮށްފަ އެވަނީ. އެއްވެސް ޝަރުތަކަށް އަޅުގަނޑުމެން ބަދަލެއް ނުގެންނަން. ދިރިއުޅުމުގެ ހާލަތު އެބޭފުޅުން ބެލި މިންގަނޑެއް އޮތްނަމަތާ އަޅުގަނޑުމެންނަށް އެނގޭނީ ކޮން މިންގަނޑަކުންކަން ބެލީ. އެއެއް ނެތް އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިން ފްލެޓު ލިބުނު ކަމުގެ ލިޔުން ލިބުނު މީހުންނަށްވެސް، ފަހުން ކޮމެޓީ އިން ބެލި ބެލުމަށްފަހު ޕޮއިންޓު މަދުވެ ފްލެޓު ލިބޭ ޝަރުތު ހަމަނުވާކަމުގެ ޝަކުވާތައް ވަނީ ފެންމަތި ވެފައެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތު ދަތިކޮށް ހުރި މީހުންނަށް ޕޮއިންޓު އުނިކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓުތަކުން ފްލެޓު ދޫކުރަނީ މާލޭ ރައްވެހިންނަށާއި، މާލޭ ދަފްތަރުގެ މީހުންނަށާއި، އުމުރުން 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނާއި ޓީޗަރުންނަށް އަދި ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި ސިވިލް ސާވިސް މުވައްޒަފުންނަށެވެ.

މީގެ ކުރިން ފްލެޓު ކޮމެޓީ އިން ބުނީ ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިދިޔަ ޑިސެމްބަރުގެ ކުރިން އާންމު ކުރާނެ ކަމަށެވެ. ނަމަވެސް ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުަމށް އެކަށީެންވާ ފުރުސަތު ނެތް ކަމަށް ބުނެ ފްލެޓަށް ކުރިމަތިލީ ގިނަ ބަޔެއްގެ އެދުމުގެ މަތިންނާއި ޝަކުވާތަކުގެ ސަބަބުން ލިސްޓު ފައިނަލް ކޮށް އާންމު ކުރުުން ފަސްކުރީ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އެތެރެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފްލެޓް ލިބެން ޝަރުތު ހަމަވަނީ 50 ޕޮއިންޓަށް ވުރެ މަތިން ލިބުމުންނެވެ. އެއަށް ވުރެ ދަށް ޕޮއިންޓް ލިބުނު ފަރާތްތައް ވަނީ ޑިސްކޮލިފައިކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 16 ޓަވަރު އަޅާފައިވާއިރު މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

comment ކޮމެންޓް