އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް އެގައުމުގައި މިއަދު ފެށި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޓެގް ކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް19 އިން އިންޑިއާގެ ރައްޔިތުން ރައްކާތެރިކުރުމުގެ ގޮތުން ވެކްސިން ދިނުމުގެ ބޮޔަ ޕްރޮގްރާމު ފަށާފައިވާތީ، އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"މިކަމުގައި ކާމިޔާބު ހޯދާ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.
އިންޑިއާގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދިނުމަށް ފެށި ޕްރޮގްރާމުގެ ފިރަތަމަ ބުރުގައި އެކަނިވެސް 300 މިލިއަން މީހުންނަށް ވެކްސިން ދޭނެއެވެ.
އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން މި ބުރުގައި ވެކްސިން ޖަހާ މީހުންގެ ތެރޭގައި އާންމުންގެ 270 މިލިޔަން މީހުންގެ އިތުރުން 26 މިލިއަން ކުޑަކުދިންނާއި، ކޮވިޑް އާ ދެކޮޅަށް ހަރަކާތްތެރިވާ ޑޮކްޓަރުން، ނަރުހުން، ސިއްހީ ހިދުމަތްތެރިން ގެ 30 މިލިއަން މީހުން ހިމެނެއެވެ.
ވެކްސިން ޖެހުމަށްޓަކައި އިންޑިޔާގެ އެކިސްޓޭޓްތަކުގައި ވެކްސިން ދޭ 3،006 މަރުކަޒު ވަނީ ގާއިމް ކޮށްފައެވެ.
އިންޑިޔާއިން ވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރުމަށް އޮކްސްފޯޑް- އެސްޓްރާޒެނެކާ ވެކްސިން އަދި އެ ގައުމުން އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފައެވެ. އިންޑިއާގައި ކޮވިޑް މިހާރު އޮތް ހާލަތަކީ މިފަދަ ކުއްލި ހާލަތެއްކަން އެގައުމުންވަނީ ކަނޑައަޅާފައެވެ.