130 ކިލޯގެ ޑްރަގް މައްސަލަ: އެކަކަށް ޖަލުގައި އަނިޔާ ކުރި ކަމަށް ބުނެފި

މިއަދު ކްރިމިނިލް ކޯޓުގައި އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ ފަސް މީހުން މާލޭ ޖަލުގައި --

ހުޅުމާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކުން 130 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ދައުވާ ކުރި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވެއްޖެ އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބްގެ އިތުރުން ހއ. ހޯރަފުށި ވައިލެޓްވިލާ، އަހުމަދު މޫސާއަށާއި، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރަށާއި، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ރިޔާދު އަދި އިގްބާލް އަށެވެ. އެ އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެ އެންމެންގެ މައްޗަށްވެސް ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ދައުވާއާއި، ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއިި، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ.

އޭގެ އިތުރުން އަސީލް މާހިރާއި، އަނަސް ހުސެއިންގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކޮށްފައިވެ އެވެ. އަދި މުހައްމަދު ރިޔާދުގެ މައްޗަށް ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލާފައިވެ އެވެ.

މިއަދު އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އިބްތިދާއީ މަރުހަލާ ވަނީ ފަށައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދިފާއަށް ބޭނުންވާ ލިޔެކިޔުންތައް ލިބިފައިވޭތޯ ސާފުކޮށްފައިވެ އެވެ. އަދި އެ އެންމެންގެ ބަންދު ރިވިއު ކުރުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ދޫކޮށްފި އެ އެންމެންގެ ފަރާތުންވެސް މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ދައުލަތުން އެދުނީ އެންމެންގެ ބަންދުވެސް ދަމަހައްޓައިދިނުމަށެވެ.

ބަންދާ މެދު ވާހަކަ ދައްކަވަމުން މުހައްމަދު ރިޔާދުގެ ވަކީލު އަދި ކުރީގެ ގާޒީ ރާގިބު މުހައްމަދު ވިދާޅުވީ ބަންދުގައި ހުރުމުގެ ސަބަބުން އޭނާގެ އަނބިދަރިން ބިކަވަމުންދާ ކަމަށް އެވެ. އަދި އޭނާ އަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އޭނާ ހުރި ދޯނީގައި ގާނޫނާ ހިލާފު ކަމެއް ހިނގިކަންވެސް އޭނާއަކަށް ނޭނގޭ ކަމަށް ރާގިބު ވިދާޅުވި އެވެ. ރާގިބު އެދުނީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.

އަހުމަދު މޫސާގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، އޭނާ އަކީ ޖިނާއީ އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި، އޭނާ ހުރިތަނަކުން މަސްތުވާތަކެއްޗެއް ފެނިފައި ނުވާ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެ އޭނާ ބަންދުން ދޫކޮށްލަން އެދުނެވެ.

އަސީލްގެ ފައިގެ އިނގިއްޔެއް ވަނީ ބިންދާލާފައި: ވަކީލު

އަސީލް މާހިރުގެ ވަކީލު މުހައްމަދު ޝަހީދު ވިދާޅުވީ، އަސީލް ބަންދުގައި ހުއްޓާ އޭނާގެ ފައިގެ އެއް އިނގިލި ފުލުހުން އަނިޔާކޮށް ބިންދާލާފއިވާ ކަމަށެވެ. ބޮޑު ތުހުމަތެއް ކުރެވުމަކީ އޭނާއަށް ޖިސްމާނީ ބޮޑެތި އަނިޔާއެއް ލިބެން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާއަށް ގާނޫނުއަސާސީއިން ލިބިދޭ ހައްގުތަކާ ހިލާފަށް ކަންތައްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ޕްލާސްޓަރު އަޅައިގެން އުޅުމަށްފަހު އަދި ކިރިޔާ ހިނގާލެވެނީ،" ޝަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އަސީލްގެ ލޮލުގެ ފެނުން ގެއްލެމުންދާ ކަމަށްވެސް ޝަހީދު ބުނެފައިވެ އެވެ. އަދި އޭނާ ބަރާބަރަށް ޑޮކްޓަރަށް ދެއްކުމަށް އަންގައިދިނުމަށްވެސް އެދުނެވެ. އަދި އޭނާގެ ބަންދު ލުއިކޮށްދިނުމަށް އެދުނެވެ.

ދައުލަތުގެ ފަރާތުން ބުނީ، އަސީލްގެ ފަރާތުން ޕީޖީއަށް ސިޓީ ފޮނުވި ކަމަށާއި ނަމަވެސް އެއަށް ބާރުދޭ އެއްވެސް ޑޮކިއުމެންޓެއް ހުށަނާޅާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ދައުލަތުން ވިދާޅުވި އެވެ. ޓޯޗާގެ އަމަލެއް ކުރި ނަމަ އެޗްއާރްސީއެމްއަށް ހުށަހަޅައިގެން މައްސަލަ ބެލޭނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، ބާރުދޭ ޑޮކިއުމެންޓް ހޯދޭނީ ދައުލަތުގެ އިދާރާތަކުންކަން ދިފާއީ ވަކީލު ޝަހީދު ފާހަގަކުރެއްވި އެވެ.

ޝަހީބުގެ ގިނަ ސިއްހީ މައްސަލަތަކެއް

ޝަހީބު އިބްރާހިމްގެ ފަރާތުން ވަކީލު އާދަމް އާސިފް ވިދާޅުވީ، އޭނާގެ ޕްރޮސްޓޭޓް މައްސަލަ ހުންނަ ކަމަށެވެ. އޭގެ އިތުރުން އޭނާގެ ނަފްސާނީ ހާލަތު ގޯސްވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ނާރުގެ މައްސަލަވެސް ކުރިމަތިވެފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އާސިފްވެސް އެދުނީ ޝަހީބު ބަންދުން ދޫކޮށްލާށެވެ.

އަޑުއެހުމުގައި އަމިއްލަ ހާލަތު ކިޔައިދެމުން ޝަހީބު ބުނީ، އެއް ރޭ ހޭލެވުނު އިރު އޭނާގެ އެއް ފަޅީގެ އޮތީ ވާގި ނެތިފައި ކަމަށެވެ. އޭނާ ނާރުގެ ޑޮކްޓަރަށް ދެއްކުމުގައި ފުރަތަމަ އިހުމާލުވެފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ފަހުން މާލޭ ޖަލަށް ގެނައި ފަހުން ޑޮކްޓަރަށް ދައްކައި އެ ވާހަކަތައް ކިޔައިދީފައިވާ ކަމަށް ބުންޏެވެ.

ދައުލަތުގެ ވަކީލުން އެކަމާ ގުޅިގެން ބުނީ، ސިއްހީ މައްސަލައެއް ހުރުމަކީ އޭގެ ޒާތުގައި ބަންދުން ދޫކޮށްލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ބަންދުން ދޫކުރަންވާނީ ބަންދުގައި ހުރުމުގެ ސަބަބުން އެ މައްސަލައަކަށް ފަރުވާ ނުދެވޭ ނަމަ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ޝަހީބުގެ ފަރާތުން މީގެ ކުރިން ސިއްހީ މައްސަލަތަކުގެ ވާހަކަ ނުދައްކާ ކަމަށާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ދައުލަތުގެ އިދާރާއަކަށް ހުށަނާޅާ ކަމަށް ބުންޏެވެ.

ނަމަވެސް، ސިއްހީ މައްސަލަތައް ހުނާޅުއްވާ ކަމަށް ދައުލަތުން ބުނި ވާހަކަ ވަކީލު އާސިފް ދޮގު ކުރެއްވި އެވެ.

އިގުބާލު އަދިވެސް ހުރީ ކަސްޓޯޑިއަލް ޖަލެއްގައި

ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބައިތިއްބާ މީހުން ބަންދު ކުރަން ޖެހޭނީ ރިމާންޑު ޖަލެއްގަ އެވެ. ނަމަވެސް، އިގުބާލުް ބަންދުގައި ހުރީ ކަސްޓޯޑިއަލެއް ޖަލެއްގައި ކަމަށާއި އޭނާ ހުންނަންވާނީ ރިމާންޑު ޖަލެއްގައި ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން ބުނީ އިގުބާލް ކަސްޓޯޑިއަލް ޖަލެއް ކަމަށްވާ ދޫނިދޫގައި ބަހައްޓާފައި ހުރީ އޭނާ ބަންދު ކުރާނެ ތަނެއް ނެތިގެން ކަމަށެވެ. ބަންދު ކުރާނެ ތަނެއް ނެތް އިރު ބަންދު ކުރަން ދައުލަތުން އެދެނީ ކީއްވެތޯ ގާޒީ ޝަކީލު ސުވާލުކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ، މުޖުތަމައުގެ ސަލަމާތަށް ނުރައްކާވާނެތީ އާއި ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ގާޒީ ޝަކީލު ފާހަގަ ކުރެއްވީ އިގުބާލުގެ ބަންދު އަމުރުގައިވެސް ބުނެފައި ވަނީ އޭނާ ބަންދު ކުރަން ޖެހެނީ ރިމާންޑު ޖަލެއްގައި ކަމެވެ. އަދި މީގެ ކުރިންވެސް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ހުރެގެން ރިމާންޑު ޖަލަކަށް ބަދަލު ކުރަން އެންގިކަން ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން، އެ އަމުރު ތަންފީޒު ނުކުރީ ދައުލަތުގެ ކޮން އިސްވެރިއެއްގެ އިހުމާލުންތޯ ގާޒީ ސުވާލުކުރެއްވި އެވެ. ދައުލަތުގެ ކޮން ވެރިއެއްތޯ ސުވާލު ކުރެއްވި އެވެ. އެކަން ސާފު ކުރަން އަޑުއެހުން މެދުކަނޑާވެސްލި އެވެ.

މެދުކެނޑުމަށް ފަހު ދައުލަތުން ބުނީ، އިހުމާލުވީ ކޮން ފަރާތެއް ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މިއަދުން މިއަދަށްވެސް އިގުބާލް ރިމާންޑު ޖަލަކަށް ބަދަލު ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

އެ އެންމެންގެ ބަންދާ މެދު ގޮތެއް ނިންމަމުން ގާޒީ ޝަކީލް ނިންމެވީ އެ މީހުންގެ ބަންދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމި ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ އިތުރުން އިގުބާލު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރިމާންޑު ޖަލަކަށް ބަދަލު ކުރަން އެންގެވި އެވެ. އެގޮތަށް ދައުލަތުން އަމަލު ނުކޮށްފި ނަމަ ދިފާއީ ވަކީލު 48 ގަޑިއިރުގެ ތެރޭގައި ޝަރީއަތަށް އަންގަން ގާޒީ ޝަކީލު އެންގެވި އެވެ.

ދެން އެ މައްސަލައިގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

comment ކޮމެންޓް