ދެ ހަފްތާ ތެރޭ އައި ޓޫރިސްޓުންގެ އަދަދު 40،000 އިން މައްޗަށް

ވީއައިއޭ ގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ: އިބްރާހިމް އިފާޒް

އިއްޔެގެ ނިޔަލަށް 47،079 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މި ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ. އެ ދުވަހު 4،195 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާ އަހަރުގެ ޗުއްޓީ އާއި ހަމައަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް މިދުވަސްވަރު ޓޫރިސްޓުން އަންނަ ވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް މިހާރު ޓޫރިސްޓުން އަންނަ މިންވަރަކީ 2،900 އެވެ.

މިނިސްޓްރީ އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުް އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 12،029 ޓޫރިސްޓުން އައިސްފައިވެއެވެ. އިންޑިއާ އިން 8،042 ޓޫރިސްޓުން، ޔޫކްރެއިން އިން 4،292 ޓޫރިސްޓުން، ކަޒަކިސްތާނުން 2،318 ޓޫރިސްޓުން އަދި ރޯމޭނިއާ އިން 2،030 ޓޫރިސްޓުން އައިސްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އައި އިރު މެދު އަދި އިރުމަތީ ޔޫރަޕުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރު ވެފައެވެ.

ކޮވިޑް19ގެ އާ ވޭރިއެންޓުތަކެއް އެކި ސަރަހައްދުތަކުން ފެނި ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ބައެއް ގައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އެ ސަރަހައްދުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވާން ފަށައިފައެވެ. އޭގެ ތެރޭގައި ފްރާންސާއި އިނގރޭސިވިލާތް އަދި ޖަރުމަނު ހިމެނެއެވެ. މިދިޔަ އަހަރުވެސް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމުގެ ތެރޭ އިނގިރޭސިވިލާތާއި ޖަރުމަނު ހިމެނެއެވެ.

ޓޫރިޒަމްގެ ހިސާބުތަކަސް ބަލާއިރު މިވަގުތު 42،300 ޓޫރިސްޓު ބެޑް އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ ޖުމްލަ 582 ފެސިލިޓީއެވެ، އޭގެ ތެރޭ ހިމެނެނީ 141 ރިސޯޓު/މެރީނާ އާއި 11 ހޮޓެލް އަދި 133 ސަފާރީ އުޅަނދާއި 297 ގެސްޓްހައުސް އެވެ.

comment ކޮމެންޓް