އިންކަމް ސަޕޯޓަށް 242 މިލިއަން ދޫކޮށްފި

މާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން ވަޒީފާ އަށް އަސަރުކުރި މީހުންނަށާއި އާމްދަނީ އަށް އަސަރު ކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓް އެލަވެންސްގެ 242.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 17,410 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައި ވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އަށް މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ދެ ވަނަ ބުރު ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ފަހުން ނިންމާފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސަށް ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށެވެ.

މިހާރު މި އެލަވެންސްގެ ތިންވަނަ ބުރެއް ވަނީ ތައާރަފު ކޮށްފައެވެ. އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު ހަމަވެފައިވައިރު ޑިސެމްބަރު މަހުގެ އެލަވެންސަށް އެދުމުގެ ފުރުސަތު މި ޖެނުއަރީ މަހުގެ ނިޔަލަށް އޮންނާނެއެވެ.

އިންކަމް ސަޕޯޓް އެލަވެންސް ދޭ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ އެޕްލިކޭޝަން ރިޖެކްޓު ކުރާ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުގެ ވެބްސައިޓުން ފެންނާނެ އެވެ.

comment ކޮމެންޓް