އާސިމްގެ ވަކިވެދިޔުން: ގެއްލުނީ އާއިލާގެ "ބައްޕަ"

އެމްޕީއެލް ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27

މި މަހު ހަތް ވަނަ ދުވަހު އެމްޕީއެލް ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވީ ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމް، 27 އެވެ. އާސިމްގެ ރަހުމަތްތެރިން ބުނާ ގޮތުގައި އޭނާގެ އާއިލާއަށް ގެއްލިގެން ދިޔައީ، ޒިންމާދާރު ބޭބެ އެކެވެ. އަދި އާއިލާގެ ބައްޕަގެ ރޯލު އަދާ ކުރަމުން ދިޔަ މީހާ އެވެ.

އެމްޕީއެލްއިން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގައި ޕެލެޓު އޭނާގެ ގައި މައްޗަށް ވެއްޓިގެންނެވެ.

އާސިމް މަރުވީ އެމްޕީއެލްގައި ހިނގި ހާދިސާއަށްފަހު އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ވޯޑަށް ބަދަލު ކުރި ފަހުން ހާލު ދެރަވެ، އައިސީޔޫއަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށް މަރުވީ ހޮނިހިރު ދުވަހުގެ ފަތިހު އެވެ.

އާސިމްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަހުމަދު އިލްހާމް "ސަން"އަށް ކިޔައިދިން ގޮތުގައި އާސިމް އަކީ މަޑުމައިތިރި މީހެކެވެ. އެހެންނަމަވެސް، އޭނާއަކީ ރައްޓެހިންނާއެކު އުޅޭއިރު ހީސަމާސަކޮށް މަޖާ ކުރާ މީހެއް ކަމަށް އޭނާ ކިޔައިދިނެވެ.

"އޭނަ ދެކެ އެންމެން ގަޔާވަނީ މަޖާ ވާހަކަ ދައްކައި ހީސަކަރާތް ޖަހާތީ. ވަރަށް މަޖާ ވާހަކަ ދައްކަނެ،" އިލްހާމް ބުންޏެވެ.

އާސިމް އަކީ އޭނާގެ އާއިލާގެ އެންމެ ދޮށީ ދަރި އެވެ. އޭނާގެ ހަނގަށް ހަ ކުދިން ތިބޭ ކަމަށް އިލްހާމް ކިޔައިދިނެވެ. އޭގެ ތެރެއިން އެކަކު އުޅެނީ މީހަކާ އިނދެގެން ނ. ކެނދިކުޅުދޫގަ އެވެ. ބާކީ ތިބި ކުދިންނާއެކު އެ ކުދިންގެ މަންމަ އުޅެނީ މާލޭގަ އެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިންވެސް ތިބެ އެވެ.

އިލްހާމް ކިޔައިދިން ގޮތުގައި، އާސިމް އަކީ އޭނާގެ ހަނގަށް ތިބޭ ކުދިންނާއި މަންމައަށް އަޅާލައި، އެ ކުދިންގެ ހަރަދުތައް ބަލަހައްޓަމުން ދިޔަ މީހާ އެވެ. ބައްޕަ ނެތްތަނުގައި އޭނާ އަދާ ކުރަމުން ދިޔައީ އެ ކުދިންގެ ބައްޕަގެ ރޯލެވެ.

އާސިމްގެ ބައްޕަ މީގެ ކުރިން ވަނީ އުމުރު ދުވަހަށް ޖަލަށްލައިފަ އެވެ.

"ފެމިލީ ތެރޭގައިވެސް އޭނަ ހުންނާނީ އޭނާ ބައްޕަ ޖަލަށް ދިޔަ ފަހުން. ދެން އޭނަ އުޅޭނީ އެ ގޭ ކުދިންތައް ގޮވައިގެން އެހެން އުޅޭނީ،" އިލްހާމް ކިޔައިދިނެވެ.

"އޭނަ ބައްޕަގެ ރޯލު އަދާ ކުރަމުން ދިޔައީ. ބައްޕައެއް ކުދިންނަށް ޓްރީޓް ކުރާހެންނޭ. އެ ކުދިންނަށް ބޭނުންވާ އެއްޗެހި އެ ކުދިންނަށް އޭނައަށް ލިބޭ ވަރަކުން ދޭނެ،"

ރިސޯޓު ވަޒީފާ ގެއްލި މިހާރު ރަށުގައި ހުރި އިލްހާމް އެންމެ ފަހުން އާސިމްއާ ވާހަކަ ދެއްކީ އާސިމް މަރުވި ހާދިސާ ހިނގުމުގެ އެއް ރޭ ކުރިންނެވެ. އެ ދެ މީހުން ގިނައިން ވާހަކަ ދައްކަނީވެސް ގުޅައިގެންނެވެ.

އިލްހާމް ބުނީ، ރިސޯޓު ވަޒީފާއަކަށް ދާ ނަމަ އާސިމްވެސް ގެންދަން އޭނާ އެ ރޭ އެދުނު ކަމަށެވެ. އަދި އެމްޕީއެލްގައި އުޅެންޏާ އޭނާ "ފުނޑިދާނެ" ކަމަށް ބުނި ކަމަށެވެ.

"އޭނަ ބުނީ ރިސޯޓަށް ދަންޏާ ތިމަންނަވެސް ގެންދައްޗޭ. އެތާ (އެމްޕީއެލް)ގައި އުޅެންޏާ ތިމަންނަ ހުންނާނީ ފުނޑިފައޭ،" އިލްހާމް ބުންޏެވެ.

"އަޅުގަނޑަށް މާނަ ނެގުނީ ބުރަ މަސައްކަތް ކޮށްގެން ފުނޑޭ ވާހަކައޭ،"

އާސިމް ކައިވެނި ކުރީވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ނިޔާވީ އޭނާގެ އަންހެނުން އިންޑިއާއަށް ގޮސް ހުއްޓަ އެވެ. އެމްޕީއެލްގައި ހިނގި ހާދިސާގެ ވާހަކަ އެނގިގެން އޭނާގެ އަންހެނުން މާލެ އަންނަން އުޅުނަސް އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވީ އެވެ. އާސިމް ވަޅުލަން ޖެހުނީ އޭނާގެ އަންހެނުންނަށް އޭނާގެ މޫނުވެސް ނުފެނި އެވެ.

comment ކޮމެންޓް