މާލީ ދަތި ދުވަސްވަރެއްގައި އިންތިހާބު ބާއްވަން އުޅޭތީ އެމްޕީ ސައްލެގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) --- ފޮޓޯ/ މަޖިލިސް

ކޮވިޑް19ގެ ސަބަބުން ދައުލަތުގެ މާލި ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި އިންތިހާބު ބާއްވަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް "ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު"ގެ އިބްތިދާއީ ބަހުސް މިއަދު މަޖިލިސް ޖަލްސާގައި ވަނީ ފަށާފަ އެވެ.

ދައުރުން ބޭއްރުން ބޭއްވި އެ ޖަލްސާގައި ބިލަށް ބަހުސް ކުރައްވަމުން ސައްލެ ވިދާޅުވީ އިންތިހާބެއް ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަކީ ވަކިން ހަރަދު ބޮޑުވާނެ ކަމެއް ކަމަށް ސައްލެ ވިދާޅުވި އެވެ. އެގޮތުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރު 7.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސައްލެ ވިދާޅުވި އެވެ.

"ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރަން ޖެހޭ، އެކަމަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ދާނެ. ކޮންމެ ކިއުއެއްގައި [ވޯޓުލާން އަންނަ މީހުންގެ] ފިނި ހޫނު މިން ބެލުމަށް، ތާމޯމީޓަރަށް އެކަނި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ. 600 އޮފިޝަލުން މަސައްކަތް ކުރާނެ، އެއިން ކޮންމެ މީހެއްގެ ޕާސަނަލް ޕްރޮޓެކްޓް އިކުޕްމެންޓް (ޕީޕީއީ)އަށް ތިން މިލިއަން ރުފިޔާ [ހަރަދުވާނެ]،" ސައްލެެ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސުވާލަކީ މިހާ ތާށި، މިހާ ދަތިި ދަނޑިވަޅެއްގައި [އަދި] އަސާސީ ކަންކަމަށް ފައިސާ ނުލިބޭ ވަގުތެއްގައި ހަމަ ކޮންމެހެން މި ހަރަދުތައްކޮށްގެން މި އިންތިހާބު ބޭއްވުން މުހިންމުތޯ؟،"

ކޮވިޑްގެ ބަލިމަޑުކަން އަދިވެސް އޮތް އިރު އިލެކްޝަންސް ބާއްވަން ދުވަސްކޮޅަކަށް ވެފައި އޮއްވާ، އެ ކޮމިޝަންގެ ރައީސް ޕޮޒިޓިވްވެ ދެން ތިއްބެވި މެމްބަރުންވެސް ކަރަންޓީނަށް ދާން ޖެހިއްޖެނަމަ ދެން ވާނީ ކިހެނެއްތޯއާމެދު ވެސް ސައްލެ ސުވާލު އުފެއްދެވި އެވެ. އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލުން ކަރަންޓީނަށް ދާން ޖެހުމުން ދެން ކަންކަން ވާނީ ކިހިނެއްތޯއާމެދުވެސް ސައްލެ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑުމެންނަށް މިގޮތަށް ސުވާލުތައް ހިތަށް އަންނަ ސަބަބަކީ، އަދި އަޅުގަނޑުމެން ނުދެކޭ ގައިޑްލައިނަކަށް އިންތިހާބު ބާއްވާ ވާހަކަ މި ބިލުގައި ދެކެވޭތީ،" ސައްލެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންތިހާބު ބޭއްވުމުގެ އަސާސަކީ މިނިވަން ކަމާއެކު ކެމްޕެއިން ކުރުމަށް ދަތުރުކުރެވި، މިނިވަންކަމާއެކު ވޯޓު ލެވޭނެ މަގު ތަނަވަސް ވެގެން ދިޔުންކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ކޭސްތައް އަދިވެސް ފެންމުންދާއިރު، އެޗްޕީއޭ އިން ކެމްޕެއިން ކުރުމަށް ދެވޭނީ ކިހާ ލުއިތަކެއްތޯވެސް ބަލަން ޖެހޭ ކަމަށް ސައްލެ ވިދާޅުވި އެވެ.

"މިހާރުގެ ހާލަތައް ބަލާއިރު މި ވޭތުވެދިޔަ 15 ދުވަހު 600 މީހުން ރާއްޖެއިން ޕޮޒިޓިވްވެއްޖެ. މިހާލަތު މިހެން އޮއްވާ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް، އަޅުގަނޑުމެންނަށް ދެވޭނީ ކިހާ ލުއިތަކެއްތޯ ބަލާނުލާ މި އިސްލާހުތަކާއެކު ކުރިއަށް ދިޔުމަށް އަޅުގަނޑަށް ނުފެނޭ،" ސަލެއް ވިދާޅުވި އެވެ.

ރައްކާތެރި ފިޔަވަޅުތަކާއެކު ޖުމްލަ 7.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ސައްލެ ލަފާ ކުރި އިރު، މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓްގައި އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މީގެ ކުރިން ވިދާޅުވެފައި ވަނީ 70 މިލިއަން ރުފިޔާ ލިބިގެން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އެހެން ކަމުން އަދި އިތުރު 19 މިލިއަން ރުފިޔާ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ އެވެ. އެ ބަޖެޓް ސަރުކާރުން ދޭނެ ކަމުގެ ޔަގީން ދީފައިވާކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ.

ބިލު ފާސްވެ، އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަސްތެރޭގައި އަލުން އިންތިހާބު ބޭއްވުމަޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ މަސައްކަތް ފަށަނީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވެ އެވެ.

މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގަ އެވެ.

comment ކޮމެންޓް