ސައުދީން ގަތަރުގެ އެމްބަސީ އަލުން ހުޅުވަނީ

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން -- ފޮޓޯ: އޭޕީ

ރިޔާޒް (ޖެނުއަރީ 17): ގަތަރުގައި ހުންނަ ސައުދީ އަރަބިއާގެ އެމްބަސީ ކުރިއަށް އޮތް ދުވަސްތަކުގައި އަލުން ހުޅުވާނެ ކަމަށް ސައުދީ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.

އުރުދުންގެ ފޮރިން މިނިސްޓަރާއެކު ސައުދީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފަރުހާން ވިދާޅުވި ގޮތުގައި އެގައުމުން ގަތަރާއެކު "ފުރިހަމަ ޑިޕްލޮމެޓިކް ގުޅުންތައް" ގާއިމު ކުރާނެ އެވެ. އަދި ދޯހާގައި ހުންނަ ސައުދީ އެމްބަސީ އަލުން ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެހުމާ އެކު އެ އެމްބަސީ ހުޅުވާނެ އެވެ.

"ކަމާ ގުޅުން ހުރި މަސައްކަތްތައް ނިމުމާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންގެ އެމްބަސީ ދޯހާގައި އަލުން ހުޅުވާނެ،" ފަރުހާން ވިދާޅުވި އެވެ.

ސައުދީން ގަތަރާ ގުޅުން ކަނޑާލާ، އެގައުމަށް ކަނޑުންނާއި އެއްގަމުންނާއި ވައިގެ މަގުން ކުރާ ދަތުރުތައް ހުއްޓާލީ ގަތަރުން ޓެރަރިޒަމަށް ހަރަދު ކުރާ ކަމަށާއި، ސަރަހައްދީ ގޮތުން އެގައުމުތަކާ އެންމެ ވާދަވެރި އީރާނާ ގާތް ގުޅުންތައް ބާއްވާ ކަމަށް ބުނެ އެވެ. ނަމަވެސް ގަތަރުން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އޭގެ ފަހުން މި މަހު ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސަމިޓުގައި ސައުދީ އާއި ޔޫއޭއީ އާއި ބަހުރައިން އިން ވަނީ ގަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ނިންމާފަ އެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކުވޭތުން މެދުވެރިގެން ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. އަދި އެގައުމުތަކުގެ ބޯޑަރުތައް ގަތަރަށް ހުޅުވާލާނެކަން ވަނީ އިއުލާން ކޮށްފަ އެވެ.

comment ކޮމެންޓް