ޕިން ނަންބަރު ފަދަ ސިއްރުތައް ބީއެމްއެލްއިން ނުހޯދާނެ

ފޮޓޯ-- ބީއެމްއެލް

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން އެކައުންޓާ ބެހޭ މައުލޫމާތު ހޯދުމަށް ދޭތެރެދޭތެރެއިން މީހުން ގުޅަ އެވެ. މިގޮތަށް ގުޅާ މީހުންގެ ދޫފަރިތަކަމާއި ވާހަކަ މޮޅުކަމުން އެމީހުންގެ ދަންތުރައިގައި މަދުން ނަމަވެސް ބައެއް މީހުން ޖެހިފައި އެބަހުއްޓެވެ.

ފަހަކަށް އައިސް އަނެއްކާވެސް ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފޭކު ފޯނު ކޯލްތައް ދެނެގަންނާނެ ވަރަށް ފަސޭހަ ގޮތްތަކެއް ބީއެމްއެމްލްއިން ވަނީ ކަސްޓަމަރުންނަށް ކިޔައިދީފަ އެވެ.

އެކައުންޓްގެ މައުލޫމާތު އޮޅުވާލައިގެން ހޯދަން މަސައްކަތް ކުރަނީ އާންމުކޮށް ތިން ގޮތަކަށެވެ. އެއީ ފޯނު ކޯލް، އެސްއެމްއެސް އަދި ފިޝިން އީމެއިލް އެވެ. މި ތިން ގޮތުންކުރެ ގޮތަކުން އެބަޔަކު ހޯދަން މަސައްކަތް ކުރަނީ ކާޑު ނަންބަރު، ސީވީސީ/ސީވީވީ ނަންބަރު، ޕިން، އޯޓީޕީ، މޮބައިލް ބޭންކިން ނުވަތަ އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމްއާއި ޕާސްވޯޑެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ނަމުގައި އޮޅުވާލައިގެން ގުޅާ ފަރާތްތަކަށް ކަސްޓަމަރުގެ ބައެއް ޒާތީ މައުލޫމާތު ލިބިފައި ހުރެދާނެ ކަމަށެވެ. މިސާލަކަށް ދިރާގު، އުރީދޫ ޑައިރެކްޓްރީ ސާވިސް ނުވަތަ ވައިބާ ފަދަ އެޕްލިކޭޝަންތަކުގައި ނަންބަރު ސާޗު ކުރުމުން ކަސްޓަމަރުގެ ނަން ހޯދިދާނެ އެވެ.

އެހެން ނަމަވެސް ބީއެމްއެލްއިން ކަސްޓަމަރުންނަށް ގުޅައިގެން ކާޑު ނުވަތަ އެކައުންޓާ ގުޅޭ އެފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ޕާސްވޯޑަކަށް ނާހާނެ އެވެ.

މައުލޫމާތު ހޯދަން ބީއެމްއެލްގެ ނަމުގައި ފޮނުވާ އެސްއެމްއެސްގައި އާންމުކޮށް ހިމެނެނީ ލިންކެކެވެ. ލިންކަށް ފިތައިފިނަމަ އޮންނަނީ ދެގޮތުން ކުރެ ގޮތެކެވެ. އެއީ ފޯނު ނުވަތަ ކޮމްޕިއުޓަރު ވައިރަސްއަކުން އިންފެކްޓްވުން ނުވަތަ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ލޮގިން ސްކްރީންއާ ވައްތަރު "ފޭކް" ސްކްރީނެއް ހުޅުވުމެވެ. އެކައުންޓްގެ މައުލޫމާތު ހޯދަން އުޅޭ ބަޔަކަށް އެ މަސައްކަތް ކާމިޔާބު ވަނީ އެ ސްކްރީންގައި ޔޫސާ ނޭމްއާއި ޕާސްވޯޑު އެންޓާ ކުރުމުންނެވެ.

ބީއެމްއެލްއިން އާންމުކޮށް ކަސްޓަމަރުންނަށް މެސެޖުކުރާނީ އާކުރަން އެދި ހުށަހަޅާ ކާޑު ބަލާ އައުމަށާއި ރިޓާންކުރާ ޗެކު ބަލާ އައުން ފަދަ ކަންކަމަށެވެ.

ފިޝިން އީމެއިލްގައި ވެސް އިންޓަނެޓް ބޭންކިންގެ މައުލޫމާތު ދަމައިގަންނަނީ ފޭކު ލޮގިން ލިންކެއް ފޮނުވައިގެންނެވެ. ވިސްނަންވީ ކަމަކީ މިގޮތަށް ލިބޭ އެސްއެމްއެސްއާއި އީމެއިލްގައި ހުންނަ ލިންކުތަކަށް ނުފިތުމަށެވެ.

މިފަދަ ކޯލެއް ލިބިއްޖެނަމަ ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅައިގެން ނުވަތަ ބީއެމްއެލްގެ ފޭސްބުކްއާއި ޓުވިޓާ އެކައުންޓު މެދުވެރިކޮށް އެއީ ބީއެމްއެލްކަން ކަށަވަރު ކުރެވޭނެ އެވެ.

މިފަދަ އެސްއެމްއެސް، މެއިލް ނުވަތަ ފޯނު ކޯލަކަށް އެކައުންޓާ ގުޅޭ މައުލޫމާތު ހިއްސާކުރެވިއްޖެނަމަ ވީ އެންމެ އަވަހަކަށް ބީއެމްއެލްއަށް ގުޅައިގެން ކާޑު ބްލޮކްކޮށް، އިންޓަނެޓް ބޭންކިންގެ ޕާސްވޯޑު ރިސެޓް ކުރަންވާނެ އެވެ.

comment ކޮމެންޓް