ހަލުވި ފެރީ ނެޓްވޯކްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ ޕްލޭނިން

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރައްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ތައާރުފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އާދަމް އާޒިމް ވިދާޅުވީ މި ފެރީގެ ނެޓްވޯކަކީ ރައްޔިތުންގެ ޝަކުވާ ނާންނާނެ ފަދަ ފުރިހަމަ ހިދުމަތަކަށް ހެދުމަށް އެމްޓީސީސީން ތައްޔާރަށް އޮތް ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ނެޓްވޯކަކަކީ، ތިން ރީޖަނަކަށް، ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ނެޓްވޯކެއް ކަމަށެވެ. އަދި މިއަދު ސޮއިކުރީ އޭގެ ފްރޭމްވޯކް ނެޓްވޯކުގެ އެއްބަސްވުމުގައި ކަމަށާއި އަދި އިތުރު ސާވިސް އެގްރީމަންޓެއްގައި ސޮއިކުރާނެ ކަމަށެވެ.

"އެއީ ޒޯނު އެކަކަށް ހިދުމަތްތައް ދިނުމަށް. އެއީ 41 ރަށަކަށް ހިދުމަތް ދެމުންގެންދާނެ. އެގޮތުން ހއ. ހދ، ށ. މި ތިން އަތޮޅުގައި ހިމެނޭ 41 ރަށަކަށް ހިދުމަތް ދެމުންދާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ހަފްތާގެ ހަތް ދުވަހު ވެސް ހިދުމަތް ދިނުމަށް ކަމަށާއި އެއީ ބުރަ މަސައްކަތަކަށްވީ ނަމަވެސް އިހުލާސްތެރި ކަމާއެކު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހަފްތާއަކު ހަތް ދުވަހު ހިދުމަތް ދޭން ޖެހޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މެންޑޭޓުކޮށްފައި ވާއިރު، ހިދުމަތް ހުއްޓިއްޖެ ހާލަތެއްގައި ބެކަޕް ޕްލޭނެއް ވެސް އޮތުން ލާޒިމު ކުރެ އެވެ. ހަމައެއާ އެކު އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ދުވާލެއްގެ މައްޗަށް ދެ ދަތުރު ކުރަން ޖެހޭނެ އެވެ. ހާއްސަކޮށް އެއާޕޯޓު އަދި ހޮސްޕިޓަލް ހުންނަ ރަށްތަކަށް ކޮންމެ ދުވަހަކު ދަތުރު އޮންނަން ޖެހޭ ގޮތަށް ވެސް ވަނީ ޝަރުތުކޮށްފަ އެވެ.

އާޒިމް ވިދާޅުވީ މި ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ 47 ފޫޓުގެ ލޯންޗުތަކެއް ކަމަށާއި އެ ލޯންޗުތަކުގައި 40-50 މީހުންގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ. އަދި އާންމުކޮށް 14 ލޯންޗު ބޭނުންކުރާނެ ކަމަށާއި ބެކަޕްގައި ތިން ލޯންޗު އޮންނާނެ ކަމަށެވެ.

އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފެރީގެ ހިދުމަތް ހޯދޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ އެވެ.

"ގައިމު ވެސް މި ނެޓްވޯކް ނިމިގެން ދިއުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިތަކެއް، ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

މި މަޝްރޫއު ފަށަން ހަމަޖައްސާފައި ވަނީ ސެޕްޓެމްބަރުގެ ނިޔަލަށެވެ. އާޒިމް ވިދާޅުވީ ކުރު މުއްދަތެއް ނަމަވެސް، އަދި ގޮންޖެހުންތައް ގިނަ ނަމަވެސް، އެ މުއްދަތަށް ނެޓްވޯކުގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އާޒިމް ވިދާޅުވީ ފައިސާގެ ދަތިތަކަމެއް ކުރިމަތި ނުވާނެ ކަމަށާއި، ކުޑަކޮށް ވެސް ގޮންޖެހުމެއް އަންނާނީ އިންޖީނުތައް ސަޕްލައި ކުރުމުގައި ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލާ، ލުއިފަސޭހަ ޒަމާނީ ހިދުމަތަކަށް ހެދުމަށާއި ގައުމުގެ އިޖްތިމާއީ އަދި އިގްތިސޯދީ ދުވެލި އަވަސްކޮށް ތަރައްގީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މިހާރު ދެމުން ގެންދާ ދޯނި ފެރީގެ ހިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ހައި-ސްޕީޑް ފެރީގެ ހިދުމަތް ފެށިގެންދާނެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލާ އިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓާ ލިންކް،" "ނަން-ކޮމިއުޓާ ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓާ ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ލިންކެކެވެ. ނަން-ކޮމިއުޓާ ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ޒޯނުން އަނެއް ޒޯނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އެ ހިދުމަތަށް ބޭނުންވާ ފެރީ ޓާމިނަލްތައް ފަދަ އެހެން ކަންކަން ވެސް އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނެ އެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެކެވެ.

comment ކޮމެންޓް