10،000 ޑޮލަރަށް ވުރެ މަތި ނަމަ މިއަދުން ފެށިގެން ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭނެ

މީހަކު ޑޮލަރުތަކެއް ހިފައިގެން: މިއަދުން ފެށިގެން 10،000 ޑޮލަރުން ފެށިގެން މަތިން ނަގުދު ފައިސާ އެތެރެކޮށް ބޭރުކުރާނަމަ ކަސްޓަމްސް އަށް ރިޕޯޓުކުރަން ޖެހޭނެ --- ސަން ފައިލް ފޮޓޯ

ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ ކަސްޓަމްސަށް ރިޕޯޓްކުރަންޖެހޭ އަދަދަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގެނައި ބަދަލަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

އެ ގަވާއިދަށް އިސްލާހު ގެނައީ މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ގަވާއިދަށް ގެނައި އިސްލާހުގައި، ކަސްޓަމްސް އަށް ފައިސާ ރިޕޯޓުކުރަން ޖެހޭ އަދަދު ވަނީ 10،000 ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު، ނުވަތަ އެ އަދަދަށްވާ ނުވަތަ މި އަދަދަށްވުރެ މަތީ އަދަދަކަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ އަށް ބަދަލުކޮށްފަ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާނީ، ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން މިއަދުން ފެށިގެން، 10،000 ޑޮލަރަށް ވުރެ މަތިން ނަގުދު ފައިސާ ބޭރުކޮށް އެތެރެކުރާނަމަ، ކަސްޓަސް އަށް ރިޕޯޓުކުރަންޖެހޭނެ އެވެ.

މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ކުރިން ބުނެފައި ވަނީ، ރާއްޖެއަށް އެތެރެކުރާ ނުވަތަ ރާއްޖެއިން ބޭރުކުރާ ނަގުދު ފައިސާ، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ރިޕޯޓްކުރަންޖެހޭ އަދަދަކީ 30،000 ޑޮލަރަށް ވުރެ އިތުރުވާނަމަ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރު އެ ގަވާއިދު އިސްލާހުކޮށް، އެ އަދަދު ވަނީ 20،000 ޑޮލަރަށް ދައްކޮށްފަ އެވެ.

comment ކޮމެންޓް