ވެލެންސިއާ އަތުން ދަ ގްރާންޑޭއަށް މުހިއްމު މޮޅެއް

ވެލެންސިއާއާއި ދަގްރާންޑޭ މިއަދު ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން ދަ ގްރާންޑޭ މޮޅުވީ 1-2 ގެ ނަތީޖާއަކުން --- ފޮޓޯ//އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު އެންމެ ވަރުގަދަކޮށް އޮތް އެއް ޓީމު ކަމަށްވާ ވެލެންސިއާ ބަލިކޮށް ދަ ގްރާންޑޭ އިން ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުން ވެލެންސިއާ އަތުން ދަ ގްރާންޑޭ ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ދަ ގްރާންޑޭއިން ތާވަލުގެ ތިންވަނައަށް ޖެހިލީ ހަ މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ކުރީގައި މިއަދުގެ މެޗުން ބަލިވި ވެލެންސިއާ 11 ޕޮއިންޓާ އެކު އޮތް އިރު، މާޒިޔާ އެެއްވަނައިގައި އޮތީ 14 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗުން ބަލިވީ ހެދުނު މިސްޓޭކްތަކެއްގެ ސަބަބުން ކަމަށާއި، ދަ ގްރާންޑޭއިން މަސައްކަތުން ހޯދި މޮޅާ އެކު އެ ޓީމަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ފުޓުބޯޅައިގައި ހުރިހާ މެޗަކުން މޮޅުނުވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި، މި މެޗުން ލިބުނު ބައްޔަކީ ޓީމަށް ފިލާވަޅު ނަގަން ލިބޭނެ ފުރުސަތެއް ކަމަށް އާތީ ވަނީ ބުނެފަ އެވެ.

މިއަދުގެ މެޗު ފަށައިގެން ދަ ގްރާންޑޭއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު، އެ ހާފުގައި އުފެއްދި ގިނަ ހަމަލާތަކެއް ވެލެންސިއާގެ ޑިފެންސުން ވަނީ ހުއްޓުވައިފަ އެވެ. ނަމަވެސް އަހުމަދު އަޔާޒް (އަޔާ) ކުޅެން ނުކުން ހިސާބުން ވެލެންސިއާގެ ޑިފެންސަށް ބާރުބޮޑުވެގެން ދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅު އޭނާ ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ގޯލު އޭނާ ޖެހީ ވެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން ބީޓްކޮށްލުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

ދަ ގްރާންޑޭގެ ގޯލަށްފަހު ވެލެންސިއާއިން ކުޅުން ރަނގަޅު ކުރުމަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނެރުނު އިރު، އޭނާ ވަނީ އިރަކޮޅެއްތެރޭ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެކަމަކު ބަދަލުގައި ދަ ގްރާންޑޭއިން ވަނީ އޭގެ އިރަކޮޅެއް ފަހުން ގޯލެއް ޖަހައިފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އުމަރުޖޮނޯވް އެވެ.

މެޗުގެ އިތުރު ވަގުތުގައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކުރަން ލިބުނު ޕެނަލްޓީ އަލީ ފާސިރު ސެންޓޭ ފޮނުވާލި އިރު، އެ ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނީ، މާޒިޔާ މެޗުގައި ނެރެވުނު ނަތީޖާއާ އެކު މި މެޗަށް ވެސް ނުކުތީ ވަރުގަދަ ޓީމެއް ގާތުން ނަތީޖާ ނެރެވިދާނެ ކަމަށް ގަބޫލުކޮށްގެން ކަމަށެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ކުޅުންތެރިން ދެއްކި ހިތްވަރަށް އިންމަ ވަނީ ތައުރީފް ކޮށްފަ އެވެ.

comment ކޮމެންޓް