ޝާނީ، ދިވެހި ލީގުގެ ފުރަތަމަ އަންހެން މެޗު ކޮމިޝަނަރު

ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ އެންމެ އިސްމަގާމު ފުރުއްވި ފުރަތަމަ އަންހެނަކަށް ޝާނީ --- ފޮޓޯ// އެފްއޭއެމް

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގެ ކޮމިޝަނަރުކަން ކުރި ފުރަތަމަ އަންހެނެއްގެ ޝަރަފު ހޯދައި އެފްއޭއެމްގެ އެކްސްކޯ މެމްބަރު އައިމިނަތު ޝާނީޒް (ޝާނީ) ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ޝާނީ މެޗު ކޮމިޝަނަރުކަން ކުރީ ރޭ ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އިން 4-1 އިން އީގަލްސް ބަލިކުރި މެޗުގަ އެވެ. އެ މެޗުގެ ކުރިން އެފްއޭއެމުން ބުނީ، އެ މެޗަކީ ތާރީހީ މެޗެއް ކަމަށާއި، ދިވެހި ޕްރިމިއާ ލީގް ތައާރަފު ކުރި ފަހުން މެޗެއްގެ ކޮމިޝަނަރަކުން ކުރާނެ ފުރަތަމަ އަންހެން ބޭފުޅަކު އެ މެޗުގައި އެ މަގާމު ފުރުއްވާނެ ކަމަށެވެ.

ރޭ ގެ މެޗު ފެށުމުގެ ކުރިން، އެ ތާރީހީ މުނާ ސަބަތު ފާހަގަ ކުރުމުގެ ގޮތުން އެކަން އިއުލާން ކުރި އެވެ. ދިވެހި ލީގުގައި މީގެ ކުރިން އަންހެން އެސިސްޓެންޓް ރެފްރީން ރޮނގު ބަލަހައްޓާފައި ވެއެވެ. އެހެން ނަމަވެސް މިއީ 70 އަހަރުވީ ދިވެހި ފުޓުބޯޅައިގެ ތާރީހްގައި ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި މެޗެއްގެ އެންމެ އިސްވެރިޔާގެ ޒިންމާ އަންހެން ބޭފުޅަކު އަދާ ކުރެއްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ޝާނީ ވަނީ 2017 ގައި ތިން ވަނަ ޑިވިޝަނުގެ މެޗެއްގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. އޭގެ ފަހުން ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް ލިބޭ ފުރުސަތުތަކުގައި ތިން ވަނަ އަދި ދެ ވަނަ ޑިވިޝަނުގެ މެޗުތަކުގައި އައީ މެޗު ކޮމިޝަނަރުކަން ކުރަމުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ޝާނީޒް މެޗު ކޮމިޝަނަރުކަން ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. ޝާނީ އަންނަނީ އެފްއޭއެމްގެ އަންހެނުންގެ ފުޓުބޯޅައިގެ ޑިޕާޓްމެންޓުގައި މީގެ ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް