ފަލަސްތީނުގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބު ބާއްވާނެ ތާރީޚުތައް އިއުލާނުކޮށްފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ފަލަސްތީނުގެ މަގާމުން ދުރުކޮށްފައިވާ އިންތިޚާބީ ބޮޑުވަޒީރު އިސްމާއީލް ހަނިއްޔާ

ވޮޝިންޓަން (ޖަނަވަރީ 16) : ފަލަސްތީނުގައި ލަސްވެގެންގޮސްފައިވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު ބާއްވާނެ ތާރީޚުތައް ރައީސް މަހްމޫދު އައްބާސް ކަނޑައަޅުއްވައި އެކަން އިއުލާނު ކުރައްވައިފި އެވެ.

މިކަމަށް ޚާއްސަކޮށްގެން ޢައްބާސް ނެރުއްވި ރިޔާސީ ގަރާރުގައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 31 ވަނަދުވަހު ރިޔާސީ އިންތިޚާބު ބޭއްވުމަށާއި މޭ މަހުގެ 22 ވަނަ ދުވަހު ޕާލަމެންޓްރީ އިންތިޚާބު ބޭއްވުމަށެވެ. މިއީ 15 އަހަރަށް ފަހު ފަލަސްތީނުގައި ބާއްވާ ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބެވެ. ފަލަސްޠީނުގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ 2005 ވަނަ އަހަރު އެވެ. އަދި ޕާލަމެންޓްރީ އިންތިޚާބު ބާއްވާފައިވަނީ 2006 ގަ އެވެ.

ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްގެން 2006 ވަނަ އަހަރު ފަލަސްތީނުގެ ސަރުކާރު އެކުލަވާލީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުންނެވެ. ބޮޑުވަޒީރަކަށް ވެވަޑައިގެންނެވީ ޙަމާސްގެ އިސްވެރިއެއްކަމަށްވާ އިސްމާއީލް ހަނިއްޔާ އެވެ. ނަމަވެސް އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޙަމާސްގެ ސަރުކާރަށް އިއުތިރާފްވުމަށާއި މުއާމަލާތް ކުރުމަށް ދެކޮޅުހަދައި ޙަމާސްގެ އިންތިޚާބީ ސަރުކާރު އުވާލުމަށް ރައީސް މަހްމޫދު އައްބާސް އަށް ފިއްތުންތައް ކުރިމަތި ކުރުމުގެ ނަތީޖާއެއްގެ ގޮތުން 2007 ވަނަހަރު އައްބާސް ޙަމާސްގެ އިންތިޚާބީ ސަރުކާރު އުވާލައްވައި އިންތިޚާބު ނުކުރާ ސަރުކާރެއް އެކުލަވާލިއެވެ.

އެއަށް ފަހު މިހާތަނަށް އިންތިޚާބު ނުކުރާ ހަތަރު ސަރުކާރު އައްބާސް އެކުލަވާލައްވާފައިވެ އެވެ. އިސްރާއީލާއި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން މުއާމަލާތް ކުރަމުންގެންދަނީ ފަލަސްތީނުގެ ރައްޔިތުން އިންތިޚާބު ނުކުރާ މި ސަރުކާރުތަކާ އެވެ. އެގައުމުތަކަށް ހަމާސްގެ އިންތިޚާބީ ސަރުކާރު ގޯސްވީ ހަމާސް އިން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް ޖިހާދުކުރާތީ އެވެ.

ފަލަސްތީނުގެ ރިޔާސީ ދައުރު 2010 ވަނަ އަހަރު ހަމަވިނަމަވެސް ފާއިތުވި 10 އަހަރު ވެސް އަދި މިހާރު ވެސް އިންތިޚާބަކާނުލައި މަގާމުގައި ދެމިހުންނަވަނީ ރައީސް މަހްމޫދު އައްބާސް އެވެ. ފަލަސްތީނުގައި ރިޔާސީ އިންތިޚާބާއި ޕާލަމެންޓްރީ އިންތިޚާބު ބާއްވާނެ ތާރީޚު ކަނޑައެޅުމުން ޙަމާސް ޖަމާއަތުންވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

ފަލަސްތީނުގައި އިންތިޚާބެއް ނުބޭއްވި ލަސްވެގެން ދިޔުމާ އަދި ޙަމާސްގެ އިންތިޚާބީ ސަރުކާރު އުވާލުމަށް އެމެރިކާއާއި ޔޫރަޕްގެ އެދުމާ އެކު އައްބާސް ގެންނެވި އިންގިލާބުގެ ސަބަބުން ފަލަސްތީނުގައި އުފެދިގެންދިޔަ ބައިބައިވުންތައް މި އިންތިޚާބުގެ ސަބަބުން ނެތިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޙަމާސް އިން ނެރުނު ބަޔާން ބުނެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު