މާޒިޔާއިން ލީޑު ފުޅާ ކުރި އިރު، އީގަލްސް އަތުން ގްރީންއަށް ބޮޑު މޮޅެއް

މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މާޒިޔާ މޮޅުވީ 2-1 ން ---- ފޮޓޯ/އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗު ވީކް ހައެއްްގައި އިއްޔެ ކުޅުނު މެޗުގައި ޓީސީ އަތުން ހޯދި މޮޅާ އެކު މާޒިޔާއިން އެއްވަނައިގައި ލީޑު ފުޅާ ކުރި އިރު، މިފަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރި އީގަލްސް ކޮޅަށް ގްރީންސްޓްރީޓްސްއިން ހަތަރު ގޯލު ޖަހައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޓީސީގެ އަތުން މާޒިޔާ ކުރި ހޯދީ 1-2ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު މާޒިޔާ ވަނީި، 14 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތީ ވެލެންސިއާ އެވެ. މިއަދު ދަ ގުރާންޑޭ އާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުން މޮޅުވެ ވެލެންސިއާ އަށް މާޒިޔާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރެވޭނެ އެވެ.

ދެ ޓީމުގެ ފަަރާތުން ވެސް ވަރަށް ބޮޑު ވާދަވެރިކަމެއް ފެނިގެން ދިޔަ އިއްޔެގެ އެ މެޗު ފަށައިގެން ދެ ޓީމުން ވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން މެޗުގެ ތިން ވަނަ މިނިޓްގައި މޫސާ ޔާމީން (ޔާމްބެ) ނެގި ހުރަހެއް ބޭރުވީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އެއަށް ފަހު ޓީސީގެ ސެއިން ވިންސެންޓްގެ ފޯވާޑް މެލްކޮމް ކެސިއަސް ސްޓެވާޓް އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އެ ޕެނަލްޓީ އަކީ ޓީސީގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕަސްލަސް އަތުގައި ބޯޅައިން ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

އެ ލަނޑަށް ފަހު ޓީސީން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އިރު، އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމުއަށް މާޒިޔާގެ ކުޅުންތެރިން ގިނަ ފައުލުތަކެއް ވަނީ ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި، މެޗުގައި މާޒިޔާއިން ޖެހި ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ކޯނޭ އެވެ. އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޓީސީން މެޗުގައި ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ޑަކްސަން އެވެ. ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅަ ޑަކްސަން ވަނީ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މިފަހަރުގެ ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވިފައި އޮތް އީގަލްސް ރޭ ގްރީންސްޓްރީޓްސް އަތުން ބަލިވީ 1-4ގެ ބޮޑު ތަފާތަކުންނެވެ. އެއާ އެކު ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ގްރީން ސްޓްރީޓްސްގެ މަގާމަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ. މިރޭގެ ބައްޔާ އެކު އީގަލްސް އޮތީ ހަ މެޗުން ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.

ރޭގެ މެޗުގައި ގްރީންސްޓްރީޓުން ވަނީ ފުރަތަމަ ހާފުގައި އީގަލްސް ކޮޅަށް ތިން ގޯލު އަމުނާލައިފަ އެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ލީޑު ނަގައިދިނީ ހަސަން ނަޒީމް (ޗޯޓު)ގެ އެހީތެރިކަމާ އެކު މިޑްފިލްޑަރު އަލީ ޝާމިއު އެވެ. އަދި އޭގެ މިނެޓެއް ފަހުން ބިދޭސީ ފޯވާޑް އެންޖެލް މުނޯޒްގެ ލަނޑުން ގްރީން ސްޓްރީޓްސް އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޒުވާން މިޑްފީލްޑަރު އަބްދުﷲ ޔާމީން ވަނީ ގްރީން ސްޓްރީޓްސްގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖަހަން ކުރި މަސަައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. އަހުމަދު ރާއިފް (ހަންނަ) ބޮލުން ފޮނުވާލި ބޯޅައެއް ގްރީންގެ ކީޕަރު ސާގިބު ހަނީފް އަތުގައި ޖެހިފައި ނުކުތް ވަގުތު މުހައްމަދު ނާއިމް ވަނީ ވެއްޓިގެންފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގުރީންގެ ހަތަރު ވަނަ ލަނޑަކީ، އަންސަރު އިބްރާހިމް (އަންކޮ) ނެގި ކޯނަރު، އީގަލްސްގެ ހުސައިން ޝިފާއު (ކްރޯ) ފައިގައި ޖެހިލާފައި ވަން ބޯޅައެކެވެ.

comment ކޮމެންޓް