150 ޑޮލަރަށް ލިބޭ އެޕަލް އައިޕެޑަށްވުރެ ފުރިހަމަ ކުރޫޒު ޓެބުލެޓު ނިކުންނަނީ

ހުރިހާ އެންމެންވެސް ބޭނުންވަނީ ފަހުގެ ޓެކުނޮލޮޖީއެވެ. އެންމެ ފަހުގެ އުފެއްދުންތަކެވެ. އެންމެ ފުރަތަމަ އަގުއަހާލެވެނީ ވެސް އެޕަލް ކުންފުނީގެ އޮމާން އެހާމެ ރީތި އާލާތްތަކުގެއެވެ. އެ ފުރިހަމަ އުފެއްދުންތަކުގެ އަވާގައި ޖެހިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް އެފަދަ ފުރިހަމަ އުފެއްދުންތައް ބޭނުންވާ އެހެނަސް އެކަމަށް ނުކުޅެދިފައިވާ އެތަކެއް ހާސްބަޔަކު މިދިވެހިރާއްޖޭގައިވެސް އެބަތިއްބެވެ. ލާރި ނެތިގެންޏެވެ. ނުވަތަ އަގުބޮޑު ކަމުން ނުގަނެވިފައެވެ.

އައިޕެޑަކީ ނުވަތަ ޓެބުލެޓަކީ ގެންގުޅެލަން ފަސޭހަ ކޮންޕިއުޓަރަކުން ކުރެވޭ ހުރިހާ ކަމެއް ދަތުރު މަތީއުޅެމުންވެސް ނުވަތަ ކޮންމެ ތަކެއްގައި ހުރެގެންވެސް ކޮށްލެވޭނެ އާލާތެކެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް އައިޕެޑެއް ބޭނުންވެއެވެ. އައިޕެޑެއް ނުލިބިއްޖެ ނަމަ ކޮންމެވެސް ބުރޭންޑެއްގެ ޓެބުލެޓެއް ނަމަވެސް ބޭނުން ވެއެވެ. ސަބަބަކީ މިއަދު އަޅުގަނޑުމެން ދިރިއުޅުމާއި ވައްޓަފާޅި އަދި އުޅެމުން މިދާ މާހައުލު މިދަނީ އެބައްޓަމަށް ބަދަލު ވަމުންޏެވެ.

ގިނަ ބަޔަކަށް ނޭގުނު ނަމަވެސް ވެލޯސިޓީ މައިކުރޯސް އަކީވެސް ޓެކުނޮލޮޖީގެ ދުނިޔޭގައި ވަރުގަދަ ކުންފުންޏެވެ. އެކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ ބޮޑެތި ސޮޕުތަކުގައި މިހާރުވެސް ދަނީ ވިއްކަމުންޏެވެ. ވޯލްމާރޓު، ނުވަތަ ޖަސްކޯ ފަދަ ބޮޑެތި ސޮޕިންގ ޗޭން ތަކުގައި އެ ކުންފުނީގެ އުފެއްދުން އެބަ ވިއްކައެވެ. އެހެން ކަމުން އެކުންފުނިން މިހާރު ނެރޭނެ ކަމަށް އިއުލާނު ކޮށްފައިވާ ކުރޫޒު T507 އަދި T510 މަރުކާގެ ދެ ޓެބުލެޓު ވެގެންދިއުން އެންމެ ގާތީ ދުނިޔޭގެ އެންމެ އަގުހެޔޮ އެންމެ ފުރިހަމަ ޓެބުލެޓަށެވެ. ސަބަބަކީ މިހާރު ހަތްހާސް އަދި ދިހަހާސް ރުފިޔާއަށް ވިއްކަމުންދާ އަގުބޮޑު ޓެބުލެޓުތަކުގައި ހުރި ފަންވަރާއި ކުޅަދާނަ ކަން 150 ޑޮލަރަށް ވިއްކާނެ ކަމަށްބުނެ ނެރޭ ކުރޫޒު ޓެބުލެޓުގައިވެސް ހިމަނާނެ ކަމަށް ވެލޯސިޓީ މައިކުރޯސް އިން ބުނުމެވެ.

މިހާރު އަގުހެޔޮކޮން ލިބޭ ޗައިނާގެ ފޭކު ޓެބުލެޓު ތަކުގައިވެސް ހިންގަނީ އެންޑުރޮއިޑުގެ ކޮންމެވެސް މޯބައިލް އޮޕަރޭޓިން ސިސްޓަމެކެވެ. އެހެނަސް ކުރޫޒު ޓެބުލެޓުގައި ހިމަނާނެ ކަމަށް ބުނެފައިވާ އައިސްކުރީމް ސޭންޑުވިޗަކީ އެންމެ ފަހުގެ އެންޑުރޮއިޑު އޮޕަރޭޓިން ސިސްޓަމެވެ. މި އޮޕަރޭޓިން ސިސްޓަމް ހިންގާލެވޭނީ ވެސް ޓެބުލެޓުގައި ފުދޭވަރެއްގެ ހިއްވަރެއް ހުރެގެންޏެވެ. ކުރޫޒު ޓެބުލެޓުގައި ހިމަނާނެ ކަމަށްބުނާ 1.2 ކޯޓެކުސް އޭ8 ޕުރޮސެސަރ ހިމެނުމަށްފަހު 512 އެމްބީގެ ސިސްޓަމް ރެމްގެ އިތުރުން 3ޑީ ގުރެފިކުސް ހިމެނިއްޖެ ނަމަ ގިނަ ބަޔަކު ގަބޫލުވެސް ނުކުރާހާ ފުރިހަމަ ހަލުއި ޓެބުލެޓަކަށް ވެގެން ދާނެއެވެ.

ހަމަ އެއާއި އެކު އެންމެ އަގުހެޔޮ މި ޓެބުލެޓުގެ ސަބަބުން ދުނިޔޭގެ އެންމެ ގިނަ ޓެބުލެޓު ވިއްކާ ކުންފުނީގެ ލަގަބު ވެލޯސިޓީ މައިކުރޯސް އިން ހޯދުމަކީ ވަރަށް ވެސް ކައިރި ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ ހެޔޮއަގެއްގައި ވިއްކަން ބުނިނަމަވެސް އަސްލު ކުރޫޒު ޓެބުލެޓަކީ މިހާރު ވެސް ބޮޑު އަގުގައި ވިއްކަމުންދާ ގެލެކުސީ ޓެބުލެޓު އަދި އެޕަލް ކުންފުނީގެ އައިޕެޑާއި އެއްފެންވަރުގެ އުފެއްދުމެއް ކަމަށްވުމެވެ.

ވެލޯސިޓީ މައިކުރޯސް އިން ދައްކާލި 7 އިންޗި އަދި 10 އިންޗީގެ ކުރޫޒު ޓެބުލެޓުތަކުގެ އޮމާންކަމާއި ފުރިހަމަ ކަމުން ގިނަ ބަޔަކު މިހާރު ކުރަމުންދާ ސުވާލަކީ މިފަދަ ފުރިހަމަ އާލާތެއް އެންމެ 150 ޑޮލަރަށް ވިއްކެންވީ ސަބަބާއި މެދު ކުރެވޭ ސުވާލެވެ. މާ އަގުހެޔޮވެގެން ގިނަ ބަޔަކު ތިބީ އާސޯހުވެފައެވެ. އެހެނަސް ގިނަ ބަޔަކު ބުނާގޮތުގައި ކުރޫޒު ޓެބުލެޓު އަގުހެޔޮ ކުރުމަށް ބޭނުން ކުރި އުކުލަކީ އާދައިގެ ރިޒޮލިއުސަން އަދި މެގަޕިކުސެލް ދައްކޮން ހަދާފައިވާ ޑިސްޕުލޭއެއް ބޭނުން ކުރުން ކަމަށެވެ. އެހެނަސް އަދި އެކަން ވަނީ ޔަޤީން ނުކުރެވިފައެވެ. ސަބަބަކީ 3ޑީ ޑިސްޕުލޭއެއް ނަމަ ޕިކުސެލް އަދި ރިޒޮލިއުސަން ވަކިވަރަކަށް ވުރެ ބޮޑަށް ދައްނުކުރެވޭނެ ކަމަށް ވުމެވެ.

އައިޕެޑު އަދި ކެލެކުސީ ޓެބުލެޓު ހިންގުމަށް ބޭނުން ކުރާ ޕުރޮސެސަރ އަދި ސިސްޓަމް ރެމްގެ އަދަދު ތަކަށްވުރެ ކުރޫޒު ޓެބުލެޓުގެ ޕުރޮސެސަރގެ ހަލުއިކަން މަތިވާނެއެވެ. އަދި ކުރޫޒު ޓެބުލެޓު ހިންގުމަށް ބޭނުންކުރާ އެންމެ ފަހުގެ އެންޑުރޮއިޑުގެ އަދަދު ކަމަށްވާ 4.0 ނުވަތަ އައިސްކުރީމް ސޭންޑުވިޗުގެ މީރުކަމާއި ފޮނިކަން އެބޭނުން ކުރާ ފަރާތްތަކަށް ހެޔޮވަރުވެއްޖެ ނަމަ އެޕަލްގެ އައިޕެޑު އަދި ސަމްސަން ކުންފުނީގެ ކެލެކުސީ ޓެބުލެޓު ތަކަށްވުރެ ހުރިހާ ގޮތަކުން ރަނގަޅު ފުރިހަމަ އާލާތެއް ވަރަށްވެސް ހެޔޮ އަގެއްގައި އާންމުންނާއި ހަމަ އަށް ފޯރުކޮށްދެވުނީ ކަމަށް ވެލޯސިޓީ މައިކުރޯސް އިން ދެކެއެވެ.

އެހެން ކަމުން މިހާރު އެންމެ ފުރިހަމަ ޓެބުލެޓު ތަކެއް ނެރެ ވިއްކަމުންދާ ސަމްސަން ކުންފުނީގެ ގެލެކުސީ ޓެބުލެޓުތަކަށް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކުރޫޒު ޓެބުލެޓު ވާނެ ކަމަށް ބެލެވެއެވެ. ހަމަ އެއާއި އެކު އަގުހެޔޮ ކުރޫޒު ޓެބުލެޓު ތަކުގެ އަވާގައި ލާރި ހަމަ ނުވެގެން ޓެބުލެޓެއް ނުގަނެވިފައި ތިބި ގިނަ ބަޔަކު ޖެހިއްޖެ ނަމަ އެކަމުގެ ގެއްލުންވާނީ ހަމަ އެކަނި ސަމްސަން އަކަށް ނޫނެވެ. ސަބަބަކީ މިހާރު ވެސް ގިނަ ޓެބުލެޓު ގެންގުޅޭ މީހުންނަކީ އައިޕެޑުގެ އިތުރުން ގެލެކުސީ ޓެބުލެޓުވެސް އަގުބޮޑުވެގެން އެވާހަކަ ދައްކާ މީހުންޏެވެ. އެހެން ކަމުން ކުރޫޒު ޓެބުލެޓު 150 ޑޮލަރަށް ގަތުމަށް ފަހު އޭގެ އޮމާންކަން އައިޕެޑާއި ގެލެކުސީ ޓެބުލެޓު ޓަކުގެ ދުވެލީގައި ހުރެއްޖެ ނަމަ އައިޕެޑު އަދި ގެލެކުސީ ޓެބުވެސް ދޫކޮށްލުމަކީ ނުވުމަށްވުރެ، ވުން ކައިރި ކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު