މެދު އަދި އިރުމަތީ ޔޫރަޕުން އަންނަ ޓޫރިސްޓުން އިތުރުވަނީ

ޓޫރިސްޓުންތަކެއް ވެލާނާ އެއާޕޯޓުގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ސެންޓްރަލް ޔޫރަޕާއި އީސްޓާން ޔޫރަޕުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަަރުގެ މިހާތަނަށް އެ ސަރަހައްދު ތަކުން 20،764 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 14،828 ޓޫރިސްޓުންނެވެ. މިއީ 40 ޕަސެންޓުގެ އިތުރުވުމެކެވެ.

މީގެ އިތުރުން އޭޝިއާ އަދި އެެމެރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާން ފަށާފައިވާ ކަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

މި ސަރަހައްދުތަކުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ޔޫކްރެއިން، ކަޒަކިސްތާން، ރޯމޭނިއާ އަދި ރަޝިއާ އިން ޓޫރިސްޓުން އަންނަ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މީގެ އިތުރުން އުޒްބަކިސްތާނާއި ބްރެޒިލް އިން އަންނަ ޓޫރިސްޓުންގެ އަދަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވާން ފަށައިފަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެއީ 10،002 ޓޫރިސްޓުންނެވެ. ދެވަބަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އިންނެވެ. އެ ގައުމުން ޓޫރިސްޓުން އައި އިރު، ޔޫކްރެއިން އިން 3,472 ޓޫރިސްޓުން، ކަޒަކިސްތާނުން 2,034 ޓޫރިސްޓުން އަދި ރޯމޭނިއާ އިން 1,534 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިނިސްޓްރީގެ ހިސާބުތައް ބަލާއިރު މި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 37,926 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ. މިވަގުތު 26 އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރާއިރު އޭގެ ތެރޭގައި އޭޝިއާ، ސެންޓްރަލް ޔޫރަޕް، އަދި މެދުއިރުމަތީގެ ގައުމުތަކުންނާއި ޔޫރަޕުގެ ބޮޑެތި ގައުމުތަކުން ސީދާ ދަތުރުތައް ބާއްވާ އެއާލައިންތައް ހިމެނެ އެވެ.

comment ކޮމެންޓް