ޓޫރިޒަމަށާއި ޓްރާންސްޕޯޓަށް ޕީއެސް އިން ހޯދަން އިއުލާނު ކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާގެ--

ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީ އެއް ހޯދަން މީގެ ކުރިންވެސް ވަނީ ދެ ފަހަރެއްގެ މަތިން އިއުލާނުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީ އަށް ޕީއެސް އަކު ހޯދަން އިއުލާނު ކޮށްފައިވަނީ އެ މަގާމުގައި ހުންނެވި އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑުކޮށްފައި ހުއްޓައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިފާ ދެއްވި އިރު ފަޔާޒުވެސް ހުންނެވީ ސީއެސްސީ އަށް ހުށަހެޅުނު މައްސަލަ ތަކަކާ ގުޅިގެން ސަސްޕެންޑު ކުރެވިފައެވެ.

ޕާމަނަންޓް ސެކްރެޓަރީންނަށް އައްޔަނު ކުރާ މީހުންގެ ހުންނަންޖެހޭ އަސާސީ ޝަރުތު ތަކަކީ ދިވެހި ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއްގެ ސެޓްފިކެޓެއް އޮތުމާއި ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ލެވެލް ނުވަޔެއްގެ ސަނަދެއް ހާސިލް ކުރުމާއެކު ހިންގުމުގެ ދާއިރާ އިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާ އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބެ އެވެ.

މި ދެ މަގާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ ޖެނުއަރީ 24 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

comment ކޮމެންޓް