އަންނަ މަހުން ފެށިގެން ރައީސް އޮފީހުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ

ރައީސް އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އަންނަ މަހުން ފެށިގެން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ވަނީ ހަމަޖެހިފައި --- ފޮޓޯ/ ރައީސް އޮފިސް

އަންނަ މަހުން ފެށިގެން ރައީސް އޮފީހުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް އެ އޮފީހުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުކަމަށް މިފަހުން އައްޔަން ކުރި މަބްރޫކް އަޒީޒާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި ނިންމި ކަންކަން ހާމަ ކުރައްވަމުން މަބްރޫކު "ސަން"އަށް ވިދާޅުވީ، ރައީސް އޮފީހާއި މީޑިއާ ދެމެދު އޮންނަ ގުޅުމާއި މައުލޫމާތު ހާމަ ކުރެވޭނެ ފަސޭހަ ގޮތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝަވަރާ ކުރެވުނު ކަމަށެވެ. އެގޮތުން އަންނަ މަހުން ފެށިގެން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަށް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ މަހުން ފެށިގެން ގަވައިދުން ޕްރެސްތައް އޮންނާނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކޮންމެ މަހަކު ދެފަހަރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން،" މަބްރޫކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕްރެސް ކޯޕްސްއެއްވެސް އުފެއްުދުމަށް ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ. ޕްރެސް ކޯޕްސް އުފައްދަނީ، ފަސޭހަކަމާ އެކު ސަރުކާރުގެ މައުލޫމާތުތައް ނޫސްވެރިންނަށް ފޯރުކޮށްދިނުމަށް ގައިމްކުރާ ސްޓޭންޑަޑައިޒް މެކޭނިޒަމްއެކެވެ. އެ ޕްސްކޯޕްސްގައި ކޮންމެ މީޑިއާއަކުން ކަނޑައެޅޭ ހާއްސަ ނޫސްވެރިން ހިމެނޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ޕްރެސް ކޯޕްސް އުފެއްދުމަށް ޓަކައި ވަރަށް އަވަހަށް ހުރިހާ މީޑިއާތަކާ އެކު މަޝަވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ. އަދި ޕްރެސް ކޯޕްސް އުފައްދާނީ ހުރިހާ މީޑިއާތަކުގެ މަޝަވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ނިންމެވި އިރު، އެ އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްތާ މީހާރު ގާތްގަނޑަކަށް ހަތް މަސްވެއްޖެ އެވެ. އެންމެ ފަހުން ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރު ޖޫން މަހު އެވެ.

comment ކޮމެންޓް