ބަޑި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްސަލަ އަލުން ބަލަން އަންގައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަޑިއާއި، ގޮވާތަކެއްޗާއި އެފަދަ ތެކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ގެންގުޅުނު މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުރި ދައުވާ އަލުން ބަލަން ހައިކޯޓުން ހުކުމްކޮށްފި އެވެ.

ސީރިއާއަށް ހަނގުރާމައަށް ދާން އުޅޭ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މި. އިރުދޯދި ގެ ބަލާފާސްކުރަމުން ދަނިކޮށް، ބަޑިއާއި، ގޮވާތަކެއްޗާއި އެފަދަ ތެކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނިގެން ޓެރަރިޒަމްގެ ދައުވާ ކުރީ ލ. ގަން، ހިމާޔަތް މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށެވެ.

ނަމަވެސް އެ މައްސަލައިގައި ފުލުހުން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މ. އިރުދޯދި ގެ ބަލާފާސްކުރަންވާނީ އެ ގޭގެ ވެރިފަރާތުގެ ނުވަތަ އެފަރާތުން ކަނޑައަޅައި ފަރާތެއްގެ ހާޒިރުގައިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ނަމަވެސް އެ ގެ ބަލައި ފާސްކޮށްފައިވަނީ އެ ގޭގެ ވެރިފަރާތުގެ ހާޒިރުގައެއްނޫން ކަމަށެވެ. އެހެންކަމުން އެ ގެ ބަލައި ފާސްކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެ އަމުރާ ހިލާފަށް ކަމަށް ބުނެފައިވެ އެވެ.

ދައުލަތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މ. އިރުދޯދި ގޭގެ ދެވަނަ ފަންގިފިލާއަކީ ކުއްޔަށް ދީފައިވާ ތަނެއް ކަމަށާއި އެ ފަންގިފިލާ ކުއްޔަށް ހިފާފައިވަނީ ހަސަން ނަސީމްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެތަނުގެ ތަޅުދަނޑި މޫސާ ޔޫސުފްއަށް ހަސަން ނަސީމް ހަވާލުކޮށްފައިވާ ކަމަށާއި އަދި ހަސަން ނަސީމް މާލޭގައި ނެތީސް މޫސާ ޔޫސުފް އެގެއަށް ވަދެ، އެގޭގައި އެއްޗެހި ބަހައްޓާ، އެގެއިން ފެންވަރާ، އެ ގެ ބޭނުންކުރާކަން ހުކުމުގައި ފާހަގަ ކުރި އެވެ.

އެހެންކަމުން ސުވާލު އުފެދުނީ ކޯޓު އަމުރުގެ ބޭނުމަށް އެގޭގެ ވެރިފަރާތުގެ ގޮތުގައި ބަލަންވީ، އެ ގޭގެ ރަޖިސްޓްރީ އޮތް ފަރާތްތޯ، ނުވަތަ އެ ގެ ކުއްޔަށް ހިފި ފަރާތްތޯ، ނުވަތަ އެ ގެއަށް ވަދެ، އެގެ ބޭނުންކުރަމުން ދިޔަ ފަރާތްތޯ އެވެ.

ފަނޑިޔާރުން ބުރަވީ އެ ހާލަތުގައި ބުރަ ވާން ޖެހޭނީ ވެރިފަރާތަކީ ގެ ބޭނުން ކުރަމުން ދިޔަ ފަރާތްކަމުގައި ކަމަަށެވެ.

"މި ސުވާލުގެ ޖަވާބަށް ބަލާއިރުގައި، އެ އަމުރުގައި އިޝާރާތްކޮށްފައިވާ ފަރާތަކީ، އެ އަމުރުގެ ދަށުން ބަލާ ފާސްކުރުމަށް ހުއްދަ ދީފައިވާ ތަނަށް އަމިއްލައަށް ވަދެ، އެތަނުގެ މައްޗަށް ބާރު އޮތް ފަރާތްކަމަށް އަހުރެން ދެކެމެވެ. އަދި އެ އަމުރު ތަންފީޒުކުރި ވަގުތު އެފަރާތަކީ މޫސާ ޔޫސުފް ކަމަށްވާތީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް، އެ އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކޮށްގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކިތަކެއްކަމަށް އަހުރެންނުދެކެމެވެ،" ހުކުމުގައިވެ އެވެ.

އެހެންކަމުން، އެ މައްސަލައިގެ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމާފައި ނުވާތީ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ފެންނަ ކަމަށް ނިންމި އެވެ.

އެގޮތަށް ނިންމީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުންނެވެ.

comment ކޮމެންޓް