އެމްއެންޔޫއާއި އައިޔޫއެމްގެ ލައިބްރަރީ ހިދުމަތް ހިއްސާކުރަން އެއްބަސްވެއްޖެ

އެމްއެންޔޫ އާއި އައިޔޫއެމް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ދިވެރިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާ ދެމެދު ލައިބްރަރީ ލޯނު ހިދުމަތް ދިނުމަށް އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް އަހުމަދެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެއް ޔުނިވާސިޓީގެ ލައިބްރަރީ އިންް ނުލިބޭ ހިދުމަތްތައް އަނެއް ލައިބްރަރީ އިން ހޯދޭނެއެވެ. އެގޮތުން އައިޔޫއެމްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެމްއެންޔޫގެ ލައިބްރަރީ އިން ދޭ ހިދުމަތްތައް އަދި އެމްއެންޔޫގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އައިޔޫއެމްގެ ލައިބްރަރީގެ ހިދުމަތްތައް ހޯދޭނެއެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެމްއެންޔޫގެ ލައިބްރަރީއަކީ ވަސީލަތް ގިނަ، ގިނަ ދުވަސްވީ ލައިބްރަރީއެއް ކަމަށާއި އެތަނުގައި ހުރި ވަސީލަތްތައް އައިޔޫއެމް އާ ހިއްސާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

އަދި އައިޔޫއެމްގެ ލައިބްރަރީ އަކީވެސް މުއްސަނދި ލައިބްރަރީ އަކަށް ވާއިރު އެތަން ބޭނުން ކުރުމުގެ ފުރުސަތު އެމްއެންޔޫގެ ދަރިވަރުންނަށް ލިބުމަކީ އެގެ ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިޔާ މޫސާ ވިދާޅުވީ ދެ ޔުނިވާސިޓީގެ ދެމެދު އޮންލައިން ޑޭޓާބޭސް ޝެއާކުރެވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ލިބޭ ފަސޭހަތައް ބޭނުންކުރުމުގައި ދެ ލައިބްރަރީ އިން ގެންގުޅޭ އުސޫލުތަކަށް އަމަލުކުރުމަށް ދެބޭފުޅުންވެސް ވަނީ ދަރިވަރުންނަށާއި މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފައެވެ.

comment ކޮމެންޓް