ޕޮޒިޓިވް ކޭސްތަކާއެކު ދާންދޫ ސްކޫލާއި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެ ސްކޫލުގެ ރަސްމިއްޔާތެއްގައި -- ފޮޓޯ/ ގއ. އަތޮޅު ތައުލީމީ މަރުކަޒު

ގއ. ދާންދޫ ސްކޫލުގެ ދަރިވަރަކާއި އެ އަތޮޅު ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ދެ ސްކޫލުވެސް ބަންދުކޮށްފި އެވެ.

ދެއްވަދޫއިން ދާންދޫއަށް ދިޔަ ބަޔަކާ ކޮންޓެކްޓްވެ، ދާންދޫއަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖަކާއި 20 އަހަރުގެ އަންހެނަކާއި، 18 އަހަރުގެ އަންހެނަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރެއިން 18 އަހަރުގެ އަންހެން ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ އޭނާ ވިލިނގިލީގައި ހުއްޓަ އެވެ. އެ ކުއްޖާއަކީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ތަމްހީދު ތުއްތު "ސަން"އަށް ވިދާޅުވީ، އެ ސްކޫލުގެ ގްރޭޑު 12ގެ ދަރިވަރަކު ޕޮޒިޓިވްވިކަން އެނގުމުން އެޑިއުކޭޝަން މިނިސްޓްރީގެ ލަފާގެ މަތިން އެ ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ދަރިވަރު ސްކޫލަށް ދިޔައީ ހަމައެކަނި އާދީއްތަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގްރޭޑު 12ގެ އެ ކްލާހުގައި 14 ކުދިން ހިމެނުނަސް، ކްލާސްތައް ގެންގޮސްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއިން އަންގާފައިވާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދީއްތަ ދުވަހު އެ ކުއްޖާ ސްކޫލަށް އައި އިރު އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެ ކުއްޖާ ރޯގާ ޖެހިފައި ހުރިކަން. އެހާ ހިސާބުން އެ ކުއްޖާ ގެއަށް ފޮނުވާލީ، އޭގެ ފަހުން ނާދޭ،" އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލް ވިދާޅުވި، ގޮތުގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި 600އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރެ އެވެ.

ދާންދޫއިން ޕޮޒިޓިވްވި އުމުރުން ނުވަ އަހަރުގެ ކުއްޖާއަކީ އެ ރަށު ސްކޫލުގެ ގްރޭޑު ތިނެއްގެ ދަރިވަރެކެވެ. ސްކޫލު ހުޅުވުނު ފަހުން އެ ކުއްޖާ ސްކޫލަށް ގޮސްފައިވެ އެވެ.

އެ ސްކޫލުގެ ޕްރިސިންސިޕަލް ފަހީމާ އަހުމަދު ވިދާޅުވީ އެ ކުއްޖާ ޕޮޒިޓިވްވިކަން އެނގުމުން، މިހާރު ސްކޫލު ބަންދުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑަށް ހަމަ އެނގުނުހާ އިރަށް އަޅުގަނޑު މިނިސްޓްރީއަށް ގުޅާފައި އެ ވާހަކަ ބުނީމަ އަޅުގަނޑުމެންނަށް އަންގާފައި ވަނީ ވަގުތީ ގޮތުން ކޮންޓެކްޓް ޓްރޭސިން ނިމެންދެކަށް، އެޗްޕީއޭއިން ވަކި އެއްޗެއް އަންގަވަންދެން ސްކޫލު ބަންދު ކުރުމަށް،" ފަހީމާ ވިދާޅުވި އެވެ.

ފަހީމާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި ކުއްޖާގެ ކްލާހުގައި 22 ކުދިން ތިބެ އެވެ. އަދި މުޅި ސްކޫލުގައި 256 ދަރިވަރިން ތައުލީމު ހާސިލް ކުރެ އެވެ.

މިއަދު އެ ދެ ރަށުން ފެނުނު ތިން ޕޮޒިޓިވް ކޭސްއަކީވެސް ގއ. ދެއްވަދޫގެ ކްލަސްޓާއާ ގުޅިފައިވާ ކޭސްތަކެއް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ. ދެއްވަދޫން ފެނުނު 24 ކޭސްއާއެކު، އެ ރަށާ ގުޅުން ހުރި ކޭސްތަކުގެ އަދަދު މިހާރު ވަނީ ޖުމްލަ 30އަށް ވުރެ މައްޗަށް އަރާފަ އެވެ.

comment ކޮމެންޓް