ކޮންގްރެސްގައި ޓްރަމްޕާ ދެކޮޅަށް ވޯޓުދޭ މެންބަރުންނަށް މަރުގެ އިންޒާރު

ވޮޝިންޓަން (ޖަނަވަރީ 14) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތަށް ވޯޓު ދެއްވާ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރުންނަށް ޓްރަމްޕަށް ސަޕޯޓްކުރާ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން މަރުގެ އިންޒާރުތައް ލިބެމުންދާކަމަށް އެމެރިކާގެ އަމަނާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.

ޓްރަމްޕާ ދެކޮޅަށް ވޯޓުދޭ މެންބަރުން ގެ އާއިލާތަކަށްވެސް ރައްކާތެރި ކަމެއްނެތް

ސީއެންއެން އާއި އެނޫންވެސް އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް މަގާމުން ދުރުކުރުމަށް އޭނާގެ ޕާޓީއަށް ނިސްބަތްވާ ކޮންގްރެސްގެ ބައެއް މެންބަރުންވެސް މިހާރު ބޭނުންވެއެވެ. ނަމަވެސް ޓްރަމްޕާ ދެކޮޅަށް ވޯޓުދޭ މެންބަރުން މަރާލަފާނެ ކަމުގެ ބިރު އޮތުމުން ނާއި އެބޭފުޅުންގެ އާއިލާތަކަށްވެސް ރައްކާތެރިކަން ނެތުމުން އެބޭފުޅުންދަނީ އެކަމަށް ފަސްޖެހެމުންނެވެ. ޓްރަމްޕް މަގާމުން ދުރުކުރުމަށް ބޭނުންވާ ރިޕަބްލިކަން ބައެއް މެންބަރުންނަށް މި އިންޒާރުތައް ލިބެމުންދާކަން އޭގެތެރެއިން ބައެއް ބޭފުޅުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް ސީއެންއެން ބުނެއެވެ.

ޓްރަމްޕްގެ ޕާޓީގެ މަދުމެންބަރުންތަކެއްގެ ތާއީދުވެސްވަނީ ލިބިފައި

އެމެރިކާގައި ހަމަނުޖެހުން އުފައްދުމަށާއި އެކަމަށް ހިއްވަރު ދިނުމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ (މަގާމުން ދުރުކުރުމުގެ) ފުރަތަމަ ފިޔަވަޅު (ދައުވާގެ އާޓިކަލްސް) ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އިއްޔެވަނީ ފާސްކޮށްފައެވެ. މިކަމުގައި ޓްރަމްޕްގެ ޕާޓީގެ މަދުމެންބަރުންތަކެއްގެ ތާއީދުވެސް ލިބިފައިވެއެވެ.

ޓްރަމްޕަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ދޮންމީހުން

މި މައްސަލަ ދެން ފޮނުވަނީ ސެނެޓަށެވެ. ސެނެޓްގައި ޝަރީއަތް ކުރިއަށް ގެންދާނީ، އެމެރިކާގެ ސްޕްރީމް ކޯޓުގެ އިސްފަނޑިޔާރު ސެނެޓްގެ ރިޔާސަތުގައި އިންނަވައިގެންނެވެ. ޝަރީއަތް ނިންމުމަށްފަހު ނިންމިގޮތް ފާސްކުރާނީ ސެނެޓްގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ރައީސް މަގާމުން ދުރުކުރެވޭނީ ސެނެޓްގެ މެންބަރުންގެ ގޮތުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓު (67 ވޯޓު) ލިބިގެންނެވެ.

އެމެރިކާ ސަލާމަތީ ބާރުތަކުގެ އެތަށް ސަތޭކަ ބަޔަކު ހަތިޔާރާއެކު ކޮންގްރެސްގެ އިމާރާތުގައި

ޚަބަރުތައް ބުނާގޮތުން ޓްރަމްޕްގެ ސަޕޯޓަރުން ތިބީ ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައެވެ. މިގޮތުން ޓްރަމްޕް މަގާމުން ދުރުކުރަން މަސައްކަތްކުރާ ކޮންގްރެސްގެ މެންބަރުން ވަކިވަކިން ފާހަގަކޮށް އެބޭފުޅުން މެރުމުގެ ހަރުކަށި އަމަލުތަކެއް ޓްރަމްޕްގެ ސަޕޯޓަރުން ހިންގަފާނެކަމަށް ބަލައި އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައިވަނީ ކުއްލި ހާލަތު އިއުލާނުކޮށްފައެއެވެ. އަދި އެމެރިކާ ނެޝަނަލް ގާޑުންނާއި ސަލާމަތީ ބާރުތަކުގެ އެތަށް ސަތޭކަ ބަޔަކު ހަތިޔާރާއެކު ގެންދަނީ ކޮންގްރެސްގެ އިމާރާތް ހިމާޔަތް ކުރަމުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ބަދަލުހިފުމުން ސަލާމަތްވުމަށް މެންބަރުން ބޭނުންވޭ

ޓްރަމްޕް މާގާމުން ދުރުކުރުމުގެ ޝަރީއަތް ނިންމައި އެކަމާބެހޭ އާޓިކަލްސް ސެނެޓުން ފާސްކުރެވޭނީ ސެނެޓްގައި ހިމެނޭ ރިޕަބްލިކަން ޕާޓީ (ޓްރަމްޕްގެ ޕާޓީ) ގެ މަދުވެގެން 15 މެންބަރުންގެ ތާއީދު ލިބިގެންނެވެ. މިހާތަނަށްބަލާއިރު ޓްރަމްޕް އަޒުލުކުރުމަށް ތާއީދުކޮށްފައިވަނީ ރިޕަބްލިކަން ޕާޓީ އެންމެ 7 މެންބަރުންނެވެ. މިވަރުން ޓްރަމްޕް އަޒުލުކުރުމަށް ބޭނުންވާ ސެނެޓްގެ ވޯޓު ފުރިހަމައެއް ނުވާނެއެވެ.

އެމެރިކާގެ ސަލާމަތީ ބާރުތައް ކޮންގްރެސްގެ އިމާރާތުގައި

ރިޕޯޓްތައް ބުނާގޮތުން ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރުން ބޭނުންވަނީ ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ސެނެޓްގައި ދިގު ދަންމާލުމަށެވެ. ދިގުދަންމާލައިފިނަމަ މިމަހުގެ 20 ގައި ޓްރަމްޕް މަގާމުން ދުރުވާންޖެހޭތީ ޓްރަމްޕްގެ ސަޕޯޓަރުންގެ ބަދަލުހިފުމުގެ ރޫހުން ސަލާމަތްވާނެތީއެވެ.

އެމެރިކާގެ ހާލަތު އަފްޣާނިސްތާނާއި ސޮމާލިޔާގެ ދަރަޖައަށް

ޓްރަމްޕަށް ސަޕޯޓްކުރާ އެމެރިކާގެ ދޮން ނަސްލުގެ ހަރުކަށި ފިކުރުގެ މީހުންވަނީ ޓްރަމްޕާ ދެކޮޅަށް ވޯޓުދޭ ރިޕަބްލިކަން މެންބަރުންގެ އިތުރުން އެމީހުންގެ އާއިލާގެ މެންބަރުންވެސް މަރާލާނެ ކަމުގެ ނުސީދާ އިންޒާރުތައް ދީފައެވެ. މިއާއެކު ރިޕަބްލިކަން މެންބަރުން ތިއްބެވީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޕާލަމެންޓްގައި ވޯޓުދޭ ގޮތަކުން މެންބަރުންނާއި އެމީހުންގެ އާއިލާގެ މީހުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓުމަކީ އަފްޣާނިސްތާނާއި ސޯމާލިޔާގެ ދަރަޖައަށް އެމެރިކާގެ ސަލާމަތީ ކަންކަމާއި ޑިމޮކްރަސީ ގެ ހާލަތު ވެއްޓިގެން ދިޔުންކަމަށް މުހައްލިލުން ބުނެއެވެ.

ކޮންގްރެސްގެ އިމާރާތުގެ ވަށައިގެން ބޮމާއި ގޮވާތަކެތި ހަރުކުރުމަށް ޓްރަމްޕްގެ ސަޕޯޓަރުން މަސައްކަތް ކުރި

ޓްރަމްޕްގެ ސަޕޯޓަރުން މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް އިމާރާތަށް އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ފުލުހަކު ވެސް ހިމެނެ އެވެ. ޓްރަމްޕްގެ ސަޕޯޓަރުންނަށް ކޮންގްރެސްގެ އިމާރާތަށް ވަދެގަނެވުނީ އެތަންބަލަހައްޓާ ފުލުހުންގެ ބައެއް މީހުންވެސް އެކަމަށް ފުރުސަތު ދީގެންކަމަށްވަނީ ތުހުމަތު ކުރެވިފައެވެ. ޓްރަމްޕްގެ ސަޕޯޓަރުންނަށް ކޮންގްރެސްގެ އިމާރާތަށް ވަދެގަތް ވަގުތު އެއިމާރާތް ގޮއްވާލުމަށްޓަކައި އެތަނުގެ ވަށައިގެން ބޮމާއި ގޮވާތަކެތި ހަރުކުރުމަށް އޭގެތެރޭގައި ހިމެނޭ ބަޔަކު ރޭވިކަމަށް އެމެރިކާގެ ފެޑްރަލް ފުލުހުން ކަމަށްވާ އެފްބީއައިވަނީ ބުނެފައެވެ.

(ސީއެންއެން+ ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު