ކުވޭތުގެ ބޮޑުވަޒީރާއި ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައިފި

ކުވޭތުގެ ބޮޑުވަޒީރު ސަބާހު އަލް ޚާލިދު އަލް ސާބާހު--

ކުވޭތުގެ ބޮޑުވަޒީރު ސަބާހު އަލް ޚާލިދު އަލް ސާބާހުއާއި އެމަނިކުފާނުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާގެ ސިޓީތައް މިހާރު ވަނީ ކުވޭތުގެ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހްއަށް އަރުވައިފައެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވިއިރު ކުވޭތުގެ ޕާލަމެންޓްގައި ހިމެނޭ 38 މެމްބަރުން ވަނީ ބޮޑުވަޒީރާ ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނެ ބޮޑުވަޒީރާ ސުވާލުކުރަން ނިންމަވައިފައެވެ.

އެ މެމްބަރުން ވިދާޅުވާ ގޮތުގައި ކެބިނެޓް އެކުލަވާލުވުމުގައި ބޮޑުވަޒީރު ވަނީ ގާނޫނު އަސާސީއާ ހިލާފުވެފައެވެ.

ކުވޭތުގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރުންނާ ސަރުކާރާ ދެމެދު ކޯޅުންތައް އޮންނަތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން އެތައް ފަހަރަކު ޕާލަމަންޓާއި ކެބިނެޓް އުވާލައިފައިވެއެވެ.

އެގޮތުން 2019 ވަނަ އަަހަރުވެސް ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ކެބިނެޓް އިސްތިއުފާ ދިނެެވެ.

މުޅި ގަލްފު ސަރަހައްދުގައިވެސް އިންތިހާބްކުރާ ޕާލަމަންޓެއް އޮންނަނީ ކުވޭތުގައި އެކަންޏެވެ. ނަމަވެސް އެ ގައުމުގެ އަމީރުއަށް ޕާލިމަންޓް އުވާލުމުގެ ބާރު އޮވެއެވެ.

ކޮރޯނާ އާ ގުޅިގެން ތެލުގެ އަގު ވެއްޓި ކުވޭތުގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް