ރައްޔިތުންގެ ހޭލުންތެރިކުރުވަން ޖެހޭ، ނޫންނަމަ ބާތިލު ވޯޓު ގިނަވެދާނެ: އިދިކޮޅު

އިދިކޮޅުން ބޭއްވި އެއްވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ، ބާތިލު ވޯޓު ގިނަވެދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ލޯކަލް ކައުސިންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބު އެޕްރީލް ތިނެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެ އިންތިހާބާ ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ހަވީރު އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވީ، އިންތިހާބަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.

ދެ އިންތިހާބު އެކު އެކީގައި ބާއްވާއިރު ގިނަ އަދަދަކަށް ކެންޑިޑޭޓުން ވާދަކުރުމުން ރައްޔިތުން އިތުރަށް ހޭލުންތެރި ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ވޯޓު ކަރުދާސް އޮންނާނެ ގޮތާއި ވޯޓުލުމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ރައްޔިތުން ހޭލުންތެރިނުކޮށް އިންތިހާބަކާ ދިމާލަށްދާތަން މި ފާހަގަ ކުރެވެނީ. އޭގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ވޯޓު ބާތިލުވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،" ހީނާ ވިދާޅުވިއެވެ.

އެހެން ކަމުން ރައްޔިތުން އިންތިހާބަށް ހޭލުންތެރިކުރުވުމަށް ހީނާ ގޮވާލިއެވެ.

އިދިކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ހިނާ އިތުރަށް ވިދާޅުވީ، އިންތިހާބުގައި ކޮމިޝަންގެ އޮފިޝަލުން ރަނގަޅަށް ތަމްރީން ކުރަންވެސް ޖެހޭ ކަމަށެވެ. އޮފިޝަލުން ރަނގަޅަށް ތަމްރީން ނުކުރެވޭނަމަ، އިންތިހާބު އޮޅުވާލުމުގެ ފުރުސަތު ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރަނގަޅަށް ތަމްރީން ނުލިބޭ، އަދި މަދު އޮފިޝަލުން ތިބެގެން ބާއްވާ އިންތިހާބެއްގަިއ ވޯޓު އޮޅުވާލުމާއި އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ ވަރަށް ގިނަކަންކަން ކުރިމަތިވެދާނެ،" ހީނާ ވިދާޅުވި އެވެ.

އެހެން ކަމުން އޮފިޝަލުން ތަމްރީންކުރުމާއި އޮފިޝަލުން ހަމަ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިސްކަންދިނުމަށްވެސް ހީނާ ގޮވާލި އެވެ.

އިންތިހާބު އިންސާފުވެރި ވެދާނެކަމަށް ގަބޫލު ނުކުރާ ކަމަށް މީގެ ކުރިންވެސް އިދިކޮޅުން ވަނީ ބުނެފައެވެ. މިއަދުވެސް ހިނާ އެ ވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އެގޮތުން އިދިކޮޅަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު އަދިވެސް ނުލިބޭކަން ހީނާ ފާހަގަ ކުރެއްވިއެވެ.

އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. އެއީ އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވެން އޮތީ ކޮވިޑާ ގުޅިގެން އިންތިހާބު ފަސްކުރުމަށްޓަކައި ގެނައި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނު އިސްލާހުކޮށްގެންނެވެ.

އެ ގާނޫނު މިހާރު އޮތް ގޮތުން އިންތިހާބު ބޭއްވެން އޮޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވުމާއެކު، ކަމާބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނިންމުމުންނެވެ. ގާނޫނަށް އިސްލާހު ގެންނަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަށެވެ. އެގޮތުން އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން ގައިޑްލައިންނެއް ހަދަން ޖެހެއެވެ.

އިދިކޮޅު ކެންޑިޑޭޓުންނަށްވެސް ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމަށް ފުރުސަތު ލިބޭ ގޮތަށް އެ ގައިޑްލައިންގައިވެސް އެކުލަވާލުމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް އެ ކޯލިޝަނުން ގޮވާލިއެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ބިލުގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހުގެ ޖަލްސާ އޮންނާނީ މިރޭ 8:30ގައި އެވެ.

comment ކޮމެންޓް