ޕޮމްޕެއޯ އާ ބައްދަލުކުރަން ޔޫރަޕުން ދެކޮޅު ހެދުމުން ޕޮމްޕެއޯ ގެ ދަތުރު ކެންސަލްކޮށްފި

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ

ބްރަސްލްސް (ޖަނަވަރީ 13): ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒިރު މައިކް ޕޮމްޕެއޯ ބްރަސަލްސް އަށް މިހަފްތާގައި ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރެއްވީ ޔޫރަޕްގެ އިއްތިޙާދުގެ އިސްވެރިން ޕޮމްޕެއޯ އާ ބައްދަލުކުރަން ދެކޮޅު ހެއްދެވުމުގެ ސަބަބުންކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ޚަބަރުދޭގޮތުގައި މިމަހުގެ 20 ގައި މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާބެހޭ އިސްވެރިޔާ ޖޯސެޕް ބޮރެލް އާއި ޔޫރަޕިޔަން ކައުންސިލްގެ ވެރިޔާ ޗާލްސް މިޗޭލް އާ ބައްދަލުކުރުމަށްޓަކައި މިހަފްތާގެ ކުރީކޮޅު ޕޮމްޕެއޯވަނީ ބްރަސަލްސްއަށް ވަޑައިގަތުމަށް ނިންމަވާފައެވެ. ނަމަވެސް ޕޮމްޕެއޯގެ އެ ދަތުރުފުޅު ކެންސަލްވިކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ޕޮމްޕެއޯ އެމެރިކާގެ ގާނޫނުތަކަށާއި ޑިމޮކްރަސީއަށް ގޮންޖައްސަވަނީ

ޕޮމްޕެއޯގެ ދަތުރުފުޅު ކެންސަލްވި ސަބަބު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައި ނުވިނަމަވެސް ޔޫރަޕްގެ ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސް ބުނިގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން ޕޮމްޕެއޯ ދެކޮޅު ހެއްދެވުމާ އަދި ޕޮމްޕެއޯ އެމެރިކާގެ ރައްޔިތުންނަށް އިހްތިރާމް ނުކުރެއްވުމުގެ އިތުރުން އޭނާއަކީ ޑިމޮކްރަސީއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގަވާ ހަރުކަށި އަމަލުތަކަށް ތާއީދު ކުރައްވާ ބޭފުޅަކަށްވާތީ ޔޫރަޕްގެ ލީޑަރުން ޕޮމްޕެއޯ ދެކެވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.

ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރު ޖޯސެޕް ބޮރެލް

އެމެރިކާގައި އޮންނަ ހަރުކަށި ދީނީ ފިކުރެއް ކަމަށްވާ އިންޖީލީ ފިކުރުގެ ބޭފުޅެއްކަމަށްވާ ޕޮމްޕެއޯވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯބައިޑެން ގެ ބަދަލުގައި މިމަހުގެ 20 ގައި އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ ޓްރަމްޕް ކަމަށް ވިދާޅުވެ ވަރަށް ބޭއަދަބީ ވާހަކަތަކެއް ދާދިފަހުން ދައްކަވާފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެން އަށް މަރުހަބާ ދެންނެވުމަށާއި ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އިމާރާތަށް މި މަހުގެ 6 ވަނަދުވަހު އަރައިގަނެ ހިންގި ހަރުކަށި އަމަލުތަށް ކުށްވެރި ކުރުމަށްވެސް ޕޮމްޕެއޯވަނީ ފަސްޖެހިވަޑައިގެންފައެވެ. މީގެއިތުރުން ޖޯބައިޑެންގެ އިންތިގާލީ ޓީމުން ސަރުކާރާ ހަވާލުވުމަށްޓަކައި އެމެރިކާ ވުޒާރާތަކަށްގޮސް މައުލޫމާތު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށްވެސް ޕޮމްޕެއޯވަނީ ދެކޮޅު ހައްދަވާފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ 167 މުވައްޒަފަކު ޕޮމްޕެއޯ އާ ދެކޮޅަށް

ޕޮމްޕެއޯގެ މި ހަރުކަށި އަދި ގާނޫނުތަކަށް އިހްތިރާމް ނުކުރުމުގެ ސުލޫކާ ދެކޮޅަށް އޭނާގެ ވުޒާރާކަމަށްވާ އެމެރިކާގެ ޚާރިޖީ ވުޒާރާގެ މުވައްޒަފުންގެ ތެރެއިން 167 މުވައްޒަފަކުވަނީ ޕޮމްޕެއޯ ކުށްވެރިކޮށް ދާދިފަހުން ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. މި ޕެޓިޝަންގައި ސޮއިކުރި މުވައްޒަފުން މަގާމުން ވަކިކުރުމަށް ޕޮމްޕެއޯ މަސައްކަތް ކުރައްވާފައިވާއިރު އޭނާއަށް އެކަން ނުކުރެވިފައިވަނީ އެއީ އެމެރިކާގެ ސިވިލްސާވިސްގެ މުވައްޒަފުންކަމަށްވާތީއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި ނަމަވެސް ގާނޫނަށް އިހްތިރާމް ނުކުރައްވާ މިފަދަ ހަރުކަށި ބޭފުޅަކާ ބައްދަލުކުރަން ޔޫރަޕްގެ އިއްތިޙާދުގެ ލީޑަރުން ބޭނުންނުވާކަމަށް ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްދަރާ ހަވާލާދީ ރޮއިޓާސް ބުނެއެވެ. ހަރުކަށި ފިކުރުގެ ބޭފުޅެއްކަމަށްވާ ޕޮމްޕެއޯވަނީ ފަލަސްތީނުގެ ހައްގުތަކަކީ ނެތްއެއްޗެއްކަން ދޭހަވާގޮތަށް އެތަށް ފަހަރަކު ވާހަކަ ދައްކަވައި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރަށް ތާއީދު ކުރައްވާފައެވެ.

އިސްރާއީލާ ގުޅުން ގާއިމްކުރުމަށް ޕޮމްޕެއޯ ގެ ފިއްތުންތައް

އަދި ފަލަސްތީނުގެ ހައްގުތަކަށް ބެލުމެއްނެތި އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް ޓްރަމްޕްގެ އެދުމާއެކު ޕޮމްޕެއޯ ދާދިފަހުން އިސްލާމީ އެތަށް ގައުމަކަށް ފިއްތުންތައް ކުރިމަތި ކުރައްވާފައެވެ. ނަމަވެސް ޔޫއޭއީ ، ބަހްރައިން ، ސޫދާން، އަދި މޮރޮކޯ ފިޔަވައި އިސްލާމީ އެހެން ގައުމަކުން މި ފިއްތުންތަކަށް ބޯލަނބާފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕޮމްޕެއޯ ގެ މުޅިން އައު ވާހަކަތަކެއް

ޕޮމްޕެއޯ އިއްޔެވަނީ އީރާނާއި އަލްގާއިދާއާ ގުޅުން އޮންނަކަމަށް ވިދާޅުވެ މުޅިން އައު ވާހަކައެއްވެސް ދައްކަވާފައެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކާ އީރާނާ ގުޅުވައިގެން ޕޮމްޕެއޯ ދެއްކެވި މި ވާހަކަތަކުގައި އަސާސެއް ނެތް ކަމަށް ވިދާޅުވެ އެމެރިކާގެ ކޮންގްރެސްއިންވަނީ އެވާހަކަތަކާ ދެކޮޅު ހަދާފައެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް 19 އަހަރުވެފައިވާއިރު އެ ހަމަލާތަކާއި އީރާނާ ގުޅުންއޮންނަ ކަމުގެ އެއްވެސް ހެއްކެތް ލިބިފައިވާކަމަށް އެމެރިކާގެ ޖާސޫސީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހުވެސް އީރާނާއި އަލްގާއިދާއާ ދެމެދު އެއްވެސް ގުޅުން އޮންނަކަމުގެ ޖާސޫސީ މައުލޫމާތެއް ލިބިފައިވާކަމަށް އެމެރިކާގެ ޖާސޫސީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް

ޕޮމްޕެއޯ ގެ މި އައު ވާހަކަތަކުގެ ބޭނުމަކީ ޖޯބައިޑެންގެ ވެރިކަމުގައި އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި އިއާދަވެދާނެތީ އާއި ޓްރަމްޕްގެ ވެރިކަމުގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީފާނެތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް މުހައްލިލުން ދެކެއެވެ،

އެމެރިކާގެ ޖާސޫސީ އިދާރާތައް ބުނެފައިވާގޮތުން ސެޕްޓެމްބަރު 11 ގެ ހަމަލާތައް ދިނުމުގައި (ރޭވުމުގައާއި ތަންފީޒު ކުރުމުގައި) ބައިވެރިވެފައިވަނީ އަލްގާއިދާއަށް ނިސްބަތްވާ ސައޫދީ ރައްޔިތުންނެވެ. ނަމަވެސް އެ ޙަމަލާތައް ރޭވުމުގައި އަލްގާއިދާއަށް ނިސްބަތްވާ ޕާކިސްތާނުގެ ބައެއް މީހުން ބައިވެރިވިކަމަށް ބުނެފައިވެއެވެ.

ޕޮމްޕެއޯ އެކަހެރިވެފައި

ޕޮމްޕެއޯ ގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ސެޕްޓެމްބަރު 11 ގެ ޙަމަލާތަށް ދިން މީހުންގެ ގައުމަށް އެހީތެރިވެ އެގައުމާ ގުޅުންބަދަހިކުރައްވައިގެން އުޅުއްވަނީ ޕޮމްޕެއޯ ކަމަށާ މިއީ އެމެރިކާގެ ރައްޔިތުން ޕޮމްޕެއޯ ޒިންމާ ކުރުވަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. ޒަރީފް ނުސީދާގޮތެ އްގައި މި އިޝާރާތް ކުރައްވަނީ އެމެރިކާ ގެ ބައިވެރިޔާ ސައޫދީ އަށެވެ.

އަމިއްލަ ގައުމުގެ ރައްޔިތުންނަށާއި އަމިއްލަ ގައުމުގެ ޑިމޮކްރެޓިކް ނިޒާމަށް ގޮންޖައްސަވަމުންދާ ޕޮމްޕެއޯވަނީ އޭނާގެ ގައުމުގައާއި އަދި އޭނާގެ ވުޒާރާ ތެރޭގައިވެސް އެކަހެރިވެފައި ކަމަށް ވިދާޅުވެ ޕޮމްޕެއޯ ގެ ވާހަކަތަކާއި ޣައިރުގާނޫނީ ސުލޫކު އެމެރިކާގެ ތާރީޚުގައި ލިޔެވޭނީ ކަޅު އަކުރުންކަމަށް ޒަރީފް ވަނީ ވިދާޅުވެފައެވެ. ޕޮމްޕެއޯ އެމެރިކާގެ ޚާރިޖީ ވަޒީރު ކަމުން ވަކިވާން ބޭނުންވަނީ ވަރަށް ހުތުރު ގޮތެއްގައި ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ. (ރޮއިޓާސް + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް