ކާރެއް މޫދަށްވެއްޓި ދެމީހަކަށް އަނިޔާވެއްޖެ، ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނެތް

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގައި ރޭ ހިނގި އެކްސިޑެންޓެއްގައި ލައިސެންސް ނެތް މީހަކު ދުވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް މޫދަށް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 12:46 އެހާކަންހާއިރުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގިއިރު ކާރުގައި ތިން މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އަނިޔާވުމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"މޫދަށް ވެއްޓުނު ކާރު ދުއްވާފައިވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ނޯންނަ މީހެއް،"މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކާރު މޫދަށް ވެއްޓުނު ވަގުތު ބަނދަރުގައި އަޅާފައި އޮތް ދެ ލޯންޗެއްގައި ކާރުން ޖެހި، އެ ދެ ލޯންޗަށްވެސް ގެލުންވެފައިވެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިއަހަރު މިހާތަނަށް 45 އެކްސިޑެންޓެއް ފުލުހުންގެ މުއަައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ. ހުސްވީ 2020 ވަނަ އަހަރު 1،387 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ.

comment ކޮމެންޓް