އަސްތާ! މި މަހު ވަރުން ދަވަން ކައިވެނި ކުރަނީ

އެކްޓަރު ވަރުން އާ އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލް---

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރު ވަރުން ދަވަން 33، މި މަހު ކައިވެނިކުރަން އުޅޭކަމުގެ އަޑު ގަދަވެއްޖެއެވެ.

ދާދިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަރުން ބުނީ ކައިވެނިކުރުމަށް އޭނާވެސް ވަރަށް އަވަހަށް ބޭނުންވާ ކަމަށާއި މިދިޔަ އަހަރުވެސް ކައިވެނިނުކުރެވުނީ ކޮވިޑްގެ ބަލިމަޑުކަމާ ހެދިކަމަށެވެ. އަދި މި އަހަރުތެރޭ ކައިވެނިކުރެވިދާނެ ކަމަށްވެސް އޭރު ވަރުން ވަނީ ބުނެފައެވެ.

ދާދިފަހުން ޕިންކްވިލާއިން ރިޕޯޓްކުރި ގޮތުގައި މި މަހު ކައިވެނިކުރުމަށް ވަރުން ވަނީ އަލީބައުގް އަވަށުން ފަސް ތަރީގެ ބޮޑު ހޮޓަލެއްވެސް ބުކްކޮށްފައި ކަމަށެވެ. މި ކައިވެނި ވަރަށް ކުލަގަދަކޮށް ޕަންޖާބު ސްޓައިލަށް ކުރަން ނިންމި ނަމަވެސް ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ މަދު ބައެއް ކަމަށް އެ ނޫހުން ބުނެއެވެ. އަދި މިހާރު 200 މީހުން ހިމެނޭ ގެސްޓްލިސްޓެއްވެސް ތައްޔާރުކޮށްފައިވާކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ވަރުން އާ އޭނާގެ ދުވަސްވީ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި ކުރަން މި މަހު ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނި ނަމަވެސް ވަރުން ވެސް އަދި ދެފަރާތުގެ އާއިލާއިން ވެސް އެކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދެހާސް ނަވާރަ އަހަރުން ފެށިގެން ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރު އެ އަހަރު ކައިވެނިނުކުރެވުނީ ފިލްމީ މަސައްކަތުގައި ވަރުން މާ ބުރަ ވުމުންނެވެ.

comment ކޮމެންޓް