1953ގެ ފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ މައި ސަރުކާރުން އަންހެނަކަށް މަރުގެ އަދަބު ދީފި

ލީޒާ މޮންގޮމެރީއަށް މަރުގެ އަދަބު ނުދިނުމަށް އޭނާގެ ވަކީލުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލާފައިވޭ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 13): އެމެރިކާގެ މައި ސަރުކާރުން 1953ގެ ފަހުން ފުރަތަމަ ފަހަރަށް މިއަދު އަންހެނަކަށް މަރުގެ އަދަބު ދީފި އެވެ.

އެމެރިކާގެ އިންޑިއާނާގައި ހުންނަ ފެޑެރަލް ޖަލެއްގައި މިއަދު ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނީ 52 އަހަރުގެ ލީޒާ މޮންގޮމެރީއަށެވެ. އޭނާ މަރަން ހުކުމް ކުރީ 2004 ވަނަ އަހަރު ބަލިވެއިން އަންހެނަކު މަރާލުމަށް ފަހު، އެ އަންހެން މީހާގެ ބަނޑު ފަޅާލައި، ތުއްތު ކުއްޖާ ނެގި މައްސަލައިގަ އެވެ.

މޮންގޮމެރީ މަސައްކަތް ކުރީ އެ އަންހެން މީހާގެ ކުއްޖާއަކީ އޭނާގެ ކުއްޖެއް ކަމަށް ބުނެ އޮޅުވާލުމަށެވެ. ނަމަވެސް އެ ކުއްޖާއާ ބެހޭ ގޮތުން ފުލުހުން އޭނާއާ ސުވާލު ކުރުމުން އޭނާ ކުށަށް އިއުތިރާފްވި އެވެ. އަދި އެ ކުއްޖާ ވަނީ ކުއްޖާގެ ބައްޕައާ ހަވާލުކޮށްފަ އެވެ.

އެ މައްސަލައިގައި މޮންގޮމެރީ މަރަން 2007 ވަނަ އަހަރު ކޯޓުން ހުކުމް ކުރި އެވެ.

މޮންގޮމެރީއަށް މިއަދު މަރުގެ އަދަބު ދިނީ އެ ހުކުމް ތަންފީޒު ކުރުން ދެ ފަހަރެއްގެ މަތިން ލަސްވި ފަހުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ އަށެއްގައި އޭނާ މަރަން ހަމަޖެހިފައި ވަނިކޮށް އޭނާގެ ވަކީލުންނަށް ކޮވިޑް-19 ޖެހުމުން އެކަން ފަސް ކުރަން ޖެހުނެވެ. އެއަށް ފަހު އިއްޔެ އޭނާ މަރަން ތާވަލުކޮށްފައި ވަނިކޮށް، މިދިޔަ ހޯމަ ދުވަހު އިންޑިއާނާގެ ފަނޑިޔާރަކު ވަނީ އަދަބު ދިނުން ފަސް ކުރުމަށް އަންގަވާފަ އެވެ.

އެއީ މޮންގޮމެރީގެ "ނަފްސާނީ ހާލަތު ހުރި ގޮތުން އޭނާއަށް ހަގީގަތާއި ހިޔާލީ ކަންތައްތައް ވަކި ކުރަން ނޭނގޭ ކަމަށާއި ސަރުކާރުން އޭނާއަށް މަރުގެ އަދަބު ދޭ ސަބަބެއް އެ ހާލަތުގައި ހުއްޓާ އޭނާއަށް ނުވިސްނޭނެ ކަމަށް" ކޯޓަށް ހުށަހަޅާފައިވާ ހެކިން ސާބިތުވާ ކަމަށް ފަނޑިޔާރު ވިދާޅުވެ އެވެ. ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ މޮންގޮމެރީއަށް މަރުގެ އަދަބު ދިނުމަށް އަންގާފަ އެވެ.

މޮންގޮމެރީގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ އުފަންވި އިރުވެސް އޭނާގެ ސިކުނޑިއަށް ވަނީ ގެއްލުން ލިބިފަ އެވެ. އަދި އެތައް އަހަރު ތަކެއް ވަންދެން އޭނާގެ އާއިލާގެ ތެރެއިން އޭނާއަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ލިބުނު ކަމަށާއި އޭގެ ސަބަބުން އޭނާގެ ނަފްސާނީ ހާލަތު އިތުރަށް ގޯސްވި ކަމަށް ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން މޮންގޮމެރީ ކުށް ކުރި އިރު އޭނާގެ ބުއްދި ސަލާމަތުން ނެތް ކަމަށްވެސް ވަކީލުން ވިދާޅުވެ އެވެ. އަދި އެ މައްސަލައިގައި އޭނާއަށް މަރުގެ އަދަބު ނުދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުންނާއި 41 ޕްރޮސެކިއުޓަރުން ގޮވާލި އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން 1972ގައި މަރުގެ އަދަބު ދިނުން މަނާ ކުރި އެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް މަރުގެ އަދަބު ދިނުން ހުއްދަ ކުރި އެވެ. އަދި އޭގެ ފަހުން އެގައުމުގެ ސްޓޭޓްތަކުން 16 އަންހެނަކަށް މަރުގެ އަދަބު ދީފައިވެ އެވެ.

އެގައުމުގެ މައި ސަރުކާރުން އެންމެ ފަހުން އަންހެނަކަށް މަރުގެ އަދަބު ދިނީ މީގެ 67 އަހަރު ކުރިންނެވެ. އެއީ ހަ އަހަރުގެ ކުއްޖަކު ރަހީނުކޮށް، މަރާލި މައްސަލައެއްގައި މަރަން ހުކުމް ކުރި ބޮނީ ހެޑީއަށެވެ.

އެމެރިކާގެ މައި ސަރުކާރުން މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ 17 އަހަރު ފަހުން އަނެއްކާވެސް އެ ހުކުމް ތަންފީޒު ކުރަން މިދިޔަ އަހަރު އެންގެވީ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް