ފައުޒާން ދަމައިގަތް ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް

ފުވައްމުލައް ސިޓީ މާނޭރެ އަތިރި: އެތަނުގައި ކޮނެފައި ހުރި ނެރު ބަންދު ކުރަން ގޮވާލާ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ އޭއޯ ނިއުސް

ފުވައްމުލަށް ސިޓީ މާނޭރެ ސަރަހައްދު މޫދުގައި ކަނޑާފައި އޮންނަ ނެރު ބަންދު ކުރުމަށް ގޮވާލައި އެ ސިޓީގެ ޖަމިއްޔާއެއްގެ ފަރާތުން ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ފުވައްމުލަކުގެ މަސްވެރި އުޅަނދުތައް ފަދަ އުޅަނދުތައް ނެރެން މީގެ އަހަރުތަކެއް ކުރިން އަށް ނެރެއް ކޮނެފައިވާއިރު، އޭގެ ތެރެއިން ބައެއް ނެރުތައް މީގެ ކުރިން ވަނީ ބަންދުކޮށްފަ އެވެ. އެ ނެރުތައް އާންމުކޮށް ބޭނުން ކުރުން ހުއްޓުނީ 2003 ވަނަ އަހަރު ފުވައްމުލަކު ބަނދަރު ހަދައި ނިމި އެތަން ބޭނުން ކުރަން ފެށުމުންނެވެ.

އަދިވެސް ބަންދުނުކޮށް ހުރި އެއް ނެރު ކަމަށްވާ މާނޭރެ ސަރަހައްދުގެ ނެރަކީ އޮއި ބާރު ތަނެކެވެ. އެތަނުގައި ނުރައްކާތެރި ހާދިސާތައް ހިނގައި އެތައް ފުރާނައެއް ގެއްލިފައި އެބަ ހުއްޓެވެ.

އެމިދިޔަ ހޮނިހިރު ދުވަހު އެ ސަރަހައްދަށް މޫދަށް ފައިބައި އުޅުނު ދެ އަންހެން ކުދިން އެ ތަނުން އޮޔާ ދަމައިގަތުމުން އެ ދެ ކުދިން ސަލާމަތް ކުރަން މޫދަށް ފޭބި އަހުމަދު ފައުޒާން، 17 އަހަރު ވަނީ މަރުވެފަ އެވެ. އެ ހާދިސާއާ ގުޅިގެން ކޮނެފައިވާ ނެރުތައް ބަންދު ކުރުމަށް ގޮވާލާ އަޑު ވަނީ ގަދަވެފަ އެވެ.

އެ ސިޓީގެ "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ވަނީ މާނޭރެ އަތިރި ނެރު ބަންދު ކުރަން ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ. އެއް ދުވަސް ތެރޭގައި ހޯދި 2132 ސޮޔާއެކު މިއަދު އެ ޕެޓިޝަން ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ހުށަހަޅައިފަ އެވެ.

"ހާއްސަކޮށް، މާނެރެ ނެރަކީ މިއީ ވަރަށް ނުރައްކާތެރި ނެރެއް. އެ ނެރު ކެނޑިފައި އިންނަ ގޮތުން އޮއިވަރު ހިފާ ގޮތުން ބޭރަށް ދަމައިގަންނަނީ. އަޅުގަނޑުމެން އެދެނީ އެ ނެރު ކޮންމެވެސް ކަހަލަ ގޮތަކަށް ބްލޮކް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދޭން،" ވަން ފުވައްމުލައްގެ ފަރާތުން އަޝްރަފު ނުއުމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަހަރަކު ދެތިން ފަހަރު ބޭނުން ކުރިޔަސް، މިހާރު ކުރިން ކޮނެފައި ހުރި ނެރުތަކަކީ ބޭނުން ކެނޑިފައި ހުރި ނެރުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ކުޑައިރުއްސުރެ ފުރާނަތައް ގެއްލެމުންދާ ތަނެއް އެއީ. އަނެއްހެން އެއްވެސް ބޭނުމެއް ހިފޭ ތަނެއްވެސް ނޫން އެއީ،" އަޝްރަފު ބުންޏެވެ.

ކުރިން ކޮނެފައި ހުރި ނެރުތައް ބަންދު ކުރުމަކީ ކައުންސިލުން ކުރިންސުރެ ކުރަން މަސައްކަތް ކުރަމުންދާ ކަމެއް ކަމެއް ކަމަށާއި، އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު މިއަދު "ސަން"އަށް ވިދާޅުވި އެވެ. ނަމަވެސް، އެއީ ތިމާވެއްޓަށް އިތުރަށް ގެއްލުން ނުވާނެހެން ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނެރުތައް ބަންދު ކުރަންވާނެ. އެކަމަކު އެ ކުރެވޭ ބަންދަކީ އިތުރު ތިމާވެށީގެ އަސަރެއް ނުކުރާ ގޮތަކަށް ކުރެވޭ ބަންދަކަށް ވާން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

މާނެރެ ސަރަހައްދަށް މޫދަށް އެރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން ފެތުރުމުގެ މަސައްކަތް ކުރުމަށްވެސް ވަން ފުވައްމުލައް ޖަމިއްޔާއިން ދަނީ ރާވަމުންނެވެ.

comment ކޮމެންޓް