ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ހިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހު އެ ބޭފުޅުންގެ ލަފާފުޅާއެކުގައި ކަމަށެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ތައާރުފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަތުރުފަތުރު ކުރުމުގައި މިހާރު ހުރި ދަތިތައް ނައްތާލާ، ލުއިފަސޭހަ ޒަމާނީ ހިދުމަތަކަށް ހެދުމަށާއި، ގައުމުގެ އިޖްތިމާއޯ އަދި އިގްތިސޯދީ ދުވެލި އަވަސްކޮށް ތަރައްގީގެ ފައިދާ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެ ގޮތުން މިހާރު ދެމުން ގެންދާ ދޯނި ފެރީގެ ހިދުމަތްތަކަށްވުރެ ފެންވަރު ރަނގަޅު ހައި-ސްޕީޑް ފެރީގެ ހިދުމަތްތަކެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާކުރި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯންއާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.
އެގޮތުން ފެރީ ނެޓްވޯކްއިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލާއިރު، އެއް ރީޖަން އަނެއް ރީޖަންއާއި ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
ކޮމިއުޓް ލިންކްއަކީ އެ ރީޖަންއެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، ޢާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ހާއްސަ ލިންކެކެވެ. ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ހާއްސަ ލިންކެވެ. އަދި ހައިވޭ ލިންކްއަކީ އެއް ރީޖަން އަނެއް ރީޖަންއާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގައި ހިމެނޭ ދެވަނަ ހިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ހިދުމަތެވެ. މި ހިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާ އެންމެ ކައިރީގައި އޮންނަ ކޮމާޝަލް ހަބްއާ ގުޅުވައިދޭނެ ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.