ފަނޑިޔާރުންނަށް އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަތް ނުކުރެވޭނެ ގޮތް ހަދައިފި

ޖޭއެސްސީގެ މައްސަލަ ބަލަން ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ބައެއް މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ފަނޑިޔާރުންނަށް އާއިލީ މީހުންނާ އެއް ކޯޓެއްގައި މަސައްކަތް ނުކުރެވޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ގަވައިދަށް ބަދަލު ގެނެސްފި އެވެ.

ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ގަވާއިދާއި ފަނޑިޔާރުން އަމިއްލައަށް އެދިގެން އެހެން ކޯޓުތަކަށް ބަދަލުވުމާ ބެހޭ ގަވާއިދު ކުރިން އޮންނަ ގޮތުން އާއިލީ ގުޅުން ހުރި މީހުން މަސައްކަތް ކުރާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރެވޭނެ އެވެ. ނުވަތަ ބަދަލުވެވޭނެ އެވެ.

ނަމަވެސް، އިއްޔެ ޖޭއެސްސީއިން ބުނީ، ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، އެ ކޯޓަށް އައްޔަނު ނުކުރެވޭނެ ގޮތަށް ނުވަތަ އެ ކޯޓަކަށް ފަނޑިޔާރަކު ބަދަލު ނުކުރެވޭނެ ގޮތަށް އެ ދެ ގަވައިދު އިސްލާހުކޮށްފައިވާ ކަމަށެވެ.

ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަކީ ކައިވެނީގެ ގޮތުން ނުވަތަ ނަސަބުގެ ގޮތުން ގުޅުން އޮތް ބަޔަކަށް ވުމަކީ ރަނގަޅު ގޮތެއް ކަމަށް އެ ކޮމިޝަނަށް ގަބޫލުނުކުރެވޭ ކަމަށް ޖޭއެސްސީއިން ބުނެފައިވެ އެވެ.

އެެހެންކަމުން، އެ ދެ ގަވައިދު އިސްލާހު ކުރަން ނިންމީ ޑިސެމްބަރު 20، 2020 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 98 ބައްދަލުވުމުގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް