ބްރެޒިލްގައި ކުރިއަށްދިޔަ ތަހުލީލުތަކުން ސައިނޯވެކް ވެކްސިން 50.4 ޕަސެންޓު ކާމިޔާބު

ޗައިނާގެ ސައިނޯވެކް ކުންފުނީގެ ކޮވިޑް-19 ވެކްސިން ބްރެޒިލްގައި ޓެސްޓުކޮށްފައިވޭ -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައުލޯ (ޖެނުއަރީ 13): ޗައިނާގެ ސައިނޯވެކް ބަޔޯޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިން ބްރެޒިލްގައި ތަހުލީލު ކުރުމުން، އެ ވެކްސިންއިން ބަލިން ރައްކާތެރިކޮށްދެނީ 50.4 ޕަސެންޓު މީހުން ކަމަށް ބްރެޒިލްއިން ބުނެފި އެވެ.

ބްރެޒިލްގައި ސައިނޯވެކްގެ ވެކްސިން ޓެސްޓު ކުރި ބުޓަންޓަން އިންސްޓިޓިއުޓްއިން މިދިޔަ ހަފްތާގައި ބުނި ގޮތުގައި އެ ވެކްސިން ކޮވިޑް-19އިގެ 'ސީރިއަސް އަދި ސީރިއަސް ނޫން' ކޭސްތަކުން ރައްކާތެރިކޮށްދިނުމުގައި 78 ޕަސެންޓު ކާމިޔާބެވެ. ނަމަވެސް އިއްޔެ އެ އިންސްޓިޓިއުޓުން ވަނީ ކުރިން އިއުލާން ކުރި ނަތީޖާގައި ބަލީގެ އަސަރު ވަރަށް ކުޑަކޮށް ކުރި ގުރޫޕެއްގެ މައުލޫމާތު ހިމަނާފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މައުލޫމާތު ހިމެނުމުން ވެކްސިންގެ އެފިކެސީ 50.4 ޕަސެންޓަށް ދަށްވާކަން ހާމަކޮށްފަ އެވެ.

ސައިނޯވެކް ވެކްސިން ޓެސްޓު ކުރުމަށް ފަހު އެކި ގައުމުތަކުން ރިޕޯޓުކޮށްފައި ވަނީ ތަފާތު ނަތީޖާތަކެވެ. އެގޮތުން ތުރުކީން ބުނި ގޮތުގައި އެ ވެކްސިން 91.25 ޕަސެންޓު ކާމިޔާބެވެ. ނަމަވެސް އިންޑޮނޭޝިއާއިން ބުނި ގޮތުގައި އެ ވެކްސިންގެ ކާމިޔާބީއަކީ އަކީ 65.3 ޕަސެންޓެވެ. އެ ދެ ވަގުތީ ނަތީޖާވެސް އިއުލާންކޮށްފައި ވަނީ ފަހު ފިޔަވަހީގެ ޓެސްޓުތަކުން ލިބުނު މައުލޫމާތަށް ބަލާފަ އެވެ.

ސައިނޯވެކް ވެކްސިން އަކީ ބްރެޒިލްއިން ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ފަށާ އިރު، އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ވެކްސިންއާ އެކު ދޭން ހަމަޖެހިފައިވާ ވެކްސިން އެވެ. އެގައުމުގައި މިހާތަނަށް އަށް މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ބަލީގައި 204،000 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް