ސިމްބޮލިކްގެ ކޯރަކުން ކޯވަރެއްގެ ބޮޑު ސިއްރު މިއޮތީ!

ކޯރަކުން ކޯވަރެެއް--- ފޮޓޯ:ސިމްބޮލިކް ރިކޯޑްސް/ޓްވިޓާ

މިއަހަރު ފެށުނީއްސުރެ ސިމްބޮލިކުން މިވަނީ އަހަރެމެން ހެއްވާލަދީ އިންތިޒާރުގެ ވަގުތުތައް ގުނުވަން ފަށައިފަ އެވެ. ޖެނުއަރީ އެއްވަނަ ދުވަހު ރިލީޒްކުރި "ކޯވަރެެއް" ލަވައަަށް ފަހު ހުރިހާ ފޭނުންގެ ވެސް ސުވާލަކަށް ވެފައި ވަނީ "ކޯރަކުން ކޯވަރެއް" މިއީ ކޯއްޗެއްބާވަ އެވެ.

ރާޢްޖޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ރެކޯޑް ލޭބަލް ސިމްބޮލިކް އިން ބުނަނީ އެއީ އަދި ހަމަ "ބޮޑު ސިއްރެއް" ކަމަށެވެ. މި ބޮޑު ރިލީޒަށް ، ކެތްކޮށްލަންޖެހެނީ މާދަމާރޭގެ 8:30 އަށެވެ.

މިހާތަނަށް އެނގޭގޮތުގައި ސިމްބޮލިކްއިން ތައްޔާރުވަމުންދަނީ ބޮޑު ޕްރޮޑަކްޓްއެއްގެ ރިލީޒްއަކަށެވެ. ނަމަވެސް އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު އަދި ހާމަކުރެވެން ނެތްކަމަށް ސިމްބޮލިކް އިން ބުނެއެވެ.

ޓްވިޓާގައި ނިކަން ފޯރިއާއެކު #ކޯވަރެއް ބޭނުންކޮށް ކައުންޓްޑައުން ޖައްސަމުންދާއިރު، ސިމްބޮލިކްގެ އޮފިޝަލެއް ވަނީ "ސަން" އަށް "ކޯރަކުން ކޯވަރެއް" މީގެ އަސްލު މާނަ ކިޔާދީފަ އެވެ.

"ކޯރަކުން ކޯވަރެއް، މި ރިފާކުރަނީ މިހާތަނަށް ސިމްބޮލިކްއިން އާންމުންނާއި ހިސާބަށް ގެނެސްދީފައި މިވަނީ ބޮޑު ކޯރަކުން ކޯވަރެއްހާ ކުޑަ މިންވަރެއް ކަމަށް. ދެން އަދި ކުރިއަށް ވަރަށް އެއްޗެހި އެބަހުއްޓޭ އެހެންވީމަ މި ބުނަނީ،" ސިމްބޮލިކްގެ އޮފިޝަލަކު ބުންޏެވެ.

ދެހާސް ތޭރަވަނަ އަހަރުއްސުރެ ދިވެހި ރެޕް ލަވައިގެ ރަސްކަން ކުރަމުން އަންނަ ސިމްބޮލިކް އިން ބުނާގޮތުގައި #ކޯވަރެއްގެ ލޯންޗިން ނުވަތަ މި ޕްރޮޑަކްޓް ބަލާލެވޭނީ ހަމައެކަނި ބައިސްކޯފްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.

މިއީ ސިމްބޮލިކްއާއި ބައިސްކޯފު ގުޅިގެން މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރަށްވީއިރު، ދިވެހި މިއުޒިކް އިންޑަސްޓްރީއާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އާޓިސްޓުންނަށް ބައިސްކޯފުން ވެދޭ އެހީތެރިކަން ސިމްބޮލިކްއިން ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

"މިއުޒިކް އިންޑަސްޓްރީ މިއަދު މިއޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި. ރިޒޯޓް މިއުޒިކް ކުޅޭ ފަރާތްތަކަށް މެނުވީ އަސްލު މި ދާއިރާގައި އާމްދަނީއެއް ހޯދޭނެ ރަނގަޅު ގޮތެއް ނެތް. ސެލްފް ސަސްޓެއިން ކުރެވޭ ވަރުގެ މިބުނީ.. އެކަމަކު ބައިސްކޯފުން މިއަދު ވަރަށް ބޮޑު އިންވެސްޓްމަންޓެއް އެބަކޮށްދޭ އާޓިސްޓުންނަށް. މި މަސައްކަތުން ރަނގަޅު އިންކަމްއެއް ހޯދައިދޭން. " ސިމްބޮލިކް އިން ބުންޏެވެ.

ސިމްބޮލިކްގެ ކޯވަރެއް ލަވައަށް ޔޫޓިއުބްގައި އެކަނިވެސް މިހާތަނަށް ނުވަދިހަ ހާހަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. ދެން އޮތީ ކޯވަރެއްގެ ބޮޑު ލޯންޗެވެ. ގައިމުވެސް ފޭނުން ނާއުންމީދުވިޔަ ނުދޭނެކަން ޔަގީނެވެ.

comment ކޮމެންޓް