ޔާރާއެ ލޯބިދޭށޭ... 04

ސުވާލު ކުރި އިރުވެސް ޖިލްވާގެ ނަޒަރު ހުއްޓިފައިވީ، އުޑުމަތީގައި ރަސްކަން ކުރަމުންދިޔަ ހަނދަށެވެ. ބުރުހަމަ ހަނދުގެ ފުރިހަމަކަމަށް ހުރަސްއަޅަން އެކިވަރުގެ ވިލާކޮޅުތައް މަސައްކަތް ކުރަމުން ދިޔަ އެވެ. އެ މަންޒަރު ބަލާ ފޫހި ނުވެއެވެ. ޤުދުރަތީ އެ ފުރިހަމަކަން ދައްކުވައިދެމުން ދިޔައީ ދިރިއުޅުމުގެ ލާމަސީލު މިސާލެވެ. ފުންކޮށް ވިސްނައިފިނަމަ، ވަށައިގެންވީ، އިބުރަތުން ފުރިގެންވާފަދަ މަންޒަރުތަކެކެވެ. ޖިލްވާ ކުރި ސުވާލަކުން ސަފީނާގެ އަރުތެރެ ބެދޭގޮތް ވިއެވެ. މާޒީގެ އެތައް ހަނދާނެއް އޭނަގެ ހިތަށް އުނދަގޫ ކުރަން ފެށި އެވެ.

********

"ސަފީ މޯމް!..." ޖިލްވާ ގޮވައިލި އެވެ. "ބައްޕަ އެހެން ބުންޏަސް، ކޮރެއާ އަކީ، ވަރަށް ރަނގަޅު މީހުން އުޅޭ ތަނެއްހެން ޖިލްއަށް ހީވަނީ... ނޫންތަ؟..."

"ދައްތައަށް ކިހިނެއް އެނގޭނީ..." ސަފީނާ ދެކޮނޑު އަރުވައިލި އެވެ. "ހީނުކުރާ ކިތަންމެ ކަމެއް ވާނެ ދަރިފުޅާ!..."

ޖިލްވާ އެއްޗެއް ބުނުމުގެ ކުރިން ހަމްދާ އަންނަތަން ފެނުމުން، ހުއްޓައިލި އެވެ. ހަމްދާގެ މޫނުމަތިން ފެނުނު އަސަރުތަކުން ޖިލްވާ ކުއްލިއަކަށް ތެދުވި އެވެ. އެންމެ ބޮޑު ސިހުމެއް ލިބުނީ ސަފީނާ އަށެވެ. ފުންމައިގެން ތެދުވެ އިސްޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ.

"ސަފީނާ މިތާ ކީއްތިކުރަނީ؟..." ހަމްދާ ހުރީ ނުރުހިފަ އެވެ. "ސަފީނާއަށް މުސާރަ މިދެނީ ހަވާލުކުރާ މަސައްކަތް ކޮށް ނިންމަން... އިތުރު ކަންކަން ކުރާކަށް ސަފީނާއަކަށް ނުޖެހޭނެ..."

"މާފުކުރޭ... އަޅުގަނޑު..." ސަފީނާގެ ޖުމްލަ ފުރިހަމަކުރުމުގެ ކުރިން ޖިލްވާ ކުރިއަށް ޖެހިލި އެވެ.

"ސަފީނާއްތާ!... ނިދުމުގެ ކުރިން ޖިލްގެ ޖޫސްތަށި ގިރާލަދެއްޗޭ!..." ޖިލްވާގެ މަޤުސަދަކީ މައުޟޫޢު ބަދަލުކޮށްލުމެވެ. ސަފީނާ ފޮނުވައިލާފައި ހަމްދާ އާއި ދިމާއަށް އޭނަ އެނބުރުނެވެ. "ޖިލްގެ ސްވީޓް މޯމް!... ޖިލް ފުރަން އުޅޭއިރު މޫޑު ދުއްވާނުލާބަލަ... ހިނގާ އަވަހަށް އެތެރެއަށް... މިރޭ މަންމަ ކައިރީ ނިދާނީ..."

ހަމްދާގެ ގައިގައި ދެއަތް ވަށާލައިގެން ހުރެ، ޖިލްވާ ކުރިއަށް ހިނގައިގަތެވެ. ހަމްދާގެ ނުތަނަވަސްކަން ދަރިފުޅުގެ އެ އަމަލުން ފިލައި ދިޔަ އެވެ. ހުރިހާ އިހުސާސެއް އެއްފަރާތް ކުރަމުން އޭނަ ހިނިތުންވެލި އެވެ.

********

އެއާޕޯޓަށް ދާންޖެހޭ ވަގުތު ކުޑަތަންވަމުންދިޔަ ވަރަކަށް ގޭތެރެ ހަލަބޮލިވަމުން ދިޔަ އެވެ. ޖިލްވާ ކާނެ އެއްޗެއް ތައްޔާރު ކުރަން ސަފީނާ އުޅުނީ ބަދިގެތެރޭގަ އެވެ. ޖިލްވާގެ އެއްޗެހި ހަމަކުރުމުގައި ހަމްދާ އަވަދިނެތި އުޅުނެވެ. ގެއިން ނައްޓާލުމަށް ހަމަޖެހިފައިވާ ގަޑީގެ ބައިގަޑިއިރު ކުރިން ތައްޔާރުވެލައިގެން ޖިލްވާ ހުރީ، ބޭރަށް ނުކުމެއެވެ. ދަންވަރުގެ ވަގުތުކަމުން މަގުމަތިން ފެންނަމުން ދިޔައީ މަދު ދުއްވާ އެއްޗެކެވެ.

ގޭޓު ކައިރީގައި އޮތް ސިޓީއުރަ ޖިލްވާގެ ލޮލުގައި އަޅައިގަތީ، މަގުމަތީގައި ހުރެފައި ގޭތެރެއަށް ވަންނަން އުޅުނު ވަގުތު އެވެ. އުރައިގެ ތެރޭގައި އޮތީ، އަތުގައި އަޅާ ކަހަލަ ރިހި ކެވެލި ކޮޅަކާއި ކުޑަ ކަރުދާސްކޮޅެކެވެ.

"ބާއްޖަވެރި ދަތުރަކަށް އެދެން..." ޖިލްވާ ކަރުދާސްކޮޅުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލި އެވެ.

ވަށައިގެންވެސް މީހަކު ފެންނާކަށް ނެތެވެ. ޖިލްވާ ތަނަކަށް ދާން އުޅޭކަން އެމީހަކަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ސުވާލު އުފެދިފައި ހުރެ، އުރައިގެ ތެރެއަށް ނޯޓާއި ކެވެލިކޮޅު ލާފައި ޖިލްވާ އެ އުރަ ބޭއްވީ، ގޭގެ ކުރިމަތީގައި ބަހައްޓާފައިވާ ކަބަޑެއްގެ މަތީގަ އެވެ. އެ މަންޒަރު ބަލަން އެކަން ކުރި މީހަކު ހުރެދާނެ ކަމެއް އޭނަ ނުދެނަހުއްޓެވެ.

ފޮށިތައް ނެރުމުގައި، ރިފްއާނެކޭ އެއްވަރަށް ސަފީނާވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ. އެންމެން އެތެރޭގައި ތިބި ދަނޑިވަޅު ބަލާފައި، ސަފީނާ ޖިލްވާގެ ކައިރިއަށް ޖެހިލި އެވެ.

"މީ އަހަރެންގެ މަންމަ އަހަރެން ކުޑައިރު އަޅުވައިދިން ފަށެއް..." ޖިލްވާގެ އަތަށް ފަށެއް ލައިދެމުން ސަފީނާ ބުންޏެވެ.

"ދެން ކީއްވެ ޖިލްއަށް ތި ދިނީ؟... މަންމަމެން ދޭ އެއްޗެހި އެހެން މީހުންނަށް ދޭކަށް ނުވާނެއެއްނު..." ޖިލްވާ ވާހަކަ ދެއްކީ މައުސޫމު ގޮތަކަށެވެ.

"އަހަރެންގެ މަންމައަށް މާމަ ދިން ފަށެއް މީ... މަންމަ މުސްކުޅިވީ ދުވަހު ދިނީ އަހަންނަށް... އަހަރެން މި ދޭނެ އިތުރު މީހަކު ނެތް... ޖިލްވާ އަކީ..." ސަފީނާގެ ދެލޯ ފެންކަޅި ވިއެވެ. ވާހަކައެއް ނުދެއްކުނެވެ.

"ސަފީ މޯމް އެހާ މުސްކުޅިއެއް ނުވެއޭ އަދި..." ޖިލްވާ ހީލި އެވެ. "އޯކޭ... ތިހެންވިއްޔާ، އަވަހަށް ފަށް އަޅުވަދީ... ތީ ޖިލްގެ މޯމް އެއްނު... ޖިލް ދެން މިފަށެއް ނުނަގާނަން..." ޖިލްވާ އުފަލުން ސަފީނާގެ ގައިގައި ބައްދައިލި އެވެ.

ގޭގޭ ކުޑަދޮރު ކައިރީގައި ހުރި ހަމްދާގެ ދެބުމަ ގޮށްޖެހުނެވެ. ނުވިސްނައި ހުއްޓައި ލޯބިވާ ދަރިފުޅުގެ ހިތް ސަފީނާއަށް ލެނބިގެން ދަނީ އެވެ. ހަމްދާގެ ހިތް ނަފުރަތުގެ އަލިފާނުން އަނދައިގަތެވެ. އޭނައަށްވުރެ ބޮޑަށް ޖިލްވާ ގާތީ ސަފީނާ އާއިހެން ހީވާ ކިތަންމެ މަންޒަރެއް ހަމްދާއަށް ވަނީ ފެނިފަ އެވެ. ޖިލްވާ އާއި ސަފީނާ ދުރުކުރަން އޭނަ ކިތަންމެ ބޭނުންވިޔަސް، ގޭގެ ކަންކަމަށް ވާފިރުގެ ބާރު ހިނގާތީ، ސަފީނާ ވަޒީފާއިން ވަކިކުރަން އޭނަ ފަސްޖެހެނީ އެވެ.

********

ބާރު އިސްޕީޑުގައި ދުއްވާފައި އައި ކާރު މަޑުކޮށްލީ، އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. ކަޅުކުލައިގެ ޕްރައިވެޓް ކާރު އޮފުކަން ގަދައެވެ. އިމާރާތުގެ ދޮރުމަތީގައި ތިބި މީހުން ދޮރުގެ ދެފަރާތުން ސަފު ހަދައިލި އެވެ. ނޫސްވެރިން އެމީހުންގެ ކެމެރާތައް ކާރާއި ދިމާއަށް އަމާޒުކުރަން ފެށި އެވެ. ވަކި ޚާއްސަ ޔުނީފޯމެއްގައި ތިބި ތަނުގެ މުވައްޒަފުން އިސް ތިރިކޮށް އިސްތިޤުބާލަށް ތައްޔާރުވެލި އެވެ.

ޑްރައިވަރ އައިސް ދޮރު ހުޅުވައިލުމާއިއެކު، ޒެނިލް ކާރުން ފޭބި އެވެ. ޒެނިލް ހުރީ ކޯޓު ފަޓުލޫނުގައެވެ. ކަރުގައި އަޅާފައި އޮތީ، އަނދުން ކުލައިގެ ޓައީ އެކެވެ. ނިތްކުރި އާއި ދިމާއިން އިސްތަށިގަނޑު މައްޗަށް ހިއްލާލާފައިވާއިރު، އަޅައިގެން ހުރި އައިނުގެ ސަބަބުން ރަސްމީ ފާޑު ޖަހަ އެވެ. ދޮރުމަތީގައި ހުރި އާރާ ހަލުވި ފިޔަވަޅުތަކެއްގައި ޒެނިލްގެ ކައިރިއަށް ދިޔައެވެ. ދާންވީ މިސްރާބު ބުނެދިނެވެ. ނޫސްވެރިން ހުއްޓުމެއްނެތި، ޒެނިލްގެ ތަސްވީރުތައް ނަގަމުން ދިޔައެވެ. އެކި ސުވާލުތައް ކުރަން ފެށި އެވެ. އެއިން ކަމަކަށް ފަރުވާ ބެހެއްޓުމެއްނެތި، ޒެނިލް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިމާރާތުގެ ތެރެއަށް ވަނެވެ.

ލިފްޓްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރި ޒެނިލްގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އިރުއިރުކޮޅައި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަ އެވެ. އާރާ ހުރީ ވާހަކަ ފަށަންވީ ކޮޅެއް ނޭނގިފަ އެވެ. ލިފްޓްގެ ދޮރު ހުޅުވުނު އިރުވެސް އޭނައަށް އެއްޗެއް ނުބުނެވުނެވެ.

ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ހޯލަށް ޒެނިލް ވަންއިރު، ތަނުގެ އިސް މުވައްޒަފުންގެ ޓީމެއް އޭނަގެ އިންތިޒާރުގަ ތިއްބެވެ. ޒެނިލް ފެނުމާއިއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ތެދުވީ ވެރިއަކަށް އިޙުތިރާމު އަދާކުރާ ފަދައިންނެވެ.

"މިސްޓަރ ކިމް!..." ގޮނޑީގައި އިށީންގޮތަށް ޒެނިލްގެ ނަޒަރު އަމާޒުވީ އެތަނުގެ އެންމެ ޒުވާން މުވައްޒަފަށެވެ. "އެކްސްޕްލެއިން..."

ކިމްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި، ޒެނިލް މޭޒުމަތީގައި ހުރި ގަނޑުތައް ބަލަން ފެށި އެވެ. ހާސްކަން ފެންނަމުންދިޔަ މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. ދެބުމަ ގޮށްޖަހައިލަމުން، ކިމްގެ މޫނަށް ބަލައިލި އެވެ.

"ސަރ!... އަޅުގަނޑަށް މާފު ކުރައްވާ..." ކިމް ދެރަވެލާފައި ބުންޏެވެ. "ފުރަން ޓިކެޓުވެސް ހަމަޖައްސާފަ އޮއްވާ، އެމީހުން އަޅުގަނޑުމެންގެ އޮފާއަށް އިންކާރު ކުރީ... ތި ލިޔުންތަކުގަ އެއްވެސް ވެލިޑް ރީޒަންއެއް ބަޔާންކޮށްފައެއް ނެތް... ސަރ ބޭނުންފުޅިއްޔާ، ކޯޓު މަރުހަލާއިން..."

"އަޑުއެހިން ސްވީޓް ސެވެންއަށް ޗައިނާއިން އެކްޓަރަކާއި އެކްޓްރެސްއެއް ގެނައި ވާހަކަ..." ކިމްގެ ވާހަކަ ހުއްޓުވި، ޒެނިލްގެ ރާގުގައިވީ ހަރުކަށި ކަމެވެ. "އަހަރެމެން އޮފާއަށް އެއްބަސްވި ބަޔަކު، އެއާޕޯޓާއި ހަމައިން އެހެން ތަނަކާއެކީ ކޮންޓްރެކްޓް ހަދަންވީ ކީއްވެ؟..."

"ސަރ އަޅުގަނޑު، އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން..." ކިމް ޖެހިލުންވެ އިނދެ، ބުންޏެވެ.

"އިވެންޓް ފެށެން ދެ ދުވަހަަށް ވީއޭ..." ޒެނިލް ވަރަށް ބާރަށް މޭޒުމަތީގައި ޖެހި އެވެ. "އެއް ދުވަސް ވެގެން ދިޔައިރު، އެއްވެސް މީހަކު އަހަންނަށް ތިކަން ނޭންގީ ކީއްވެ؟..."

"ސަރ!... އަޅުގަނޑުމެން..." އާރާ އެއްޗެއް ބުނަން އުޅުނެވެ.

"އާރާ ސްޓޮޕް..." ޒެނިލް ތަންކޮޅެއް ބާރަށް ބުންޏެވެ. "ކޮންމެ ކަމަކަށް އާރާ ޒިންމާ ނަގާކަށް ނުޖެހޭނެ..."

"މާދަމާ، އެންމެ ލަސްވެގެން މާދަމާ އަހަރެންގެ ކުރިމައްޗަށް ދެމީހުން ގެންނަންވާނެ..." ޒެނިލް އަމުރު ކުރި އެވެ. "އެހެން ނޫނީ، އެންމެންގެ ވަޒީފާ ގެއްލޭނެ..."

ޒެނިލް ތެދުވެގެން ދިޔައީ އާރާ ގޮވައިލުމުން ބަލައިލުމެއްވެސް ނެތި އެވެ. އާރާ ހާސްވެގެން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުއްޓެވެ. އޭނަ އެންމެންނަށް އަމުރުކުރީ، ޒެނިލް ބުނި ކަންތައް އަވަސްކުރަން އެމީހަކަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށެވެ.

********

ކޮރެއާއަށް އާދެވުމާއިއެކު ޖިލްވާގެ ހިތް އުފަލުން ނަށައިގަތެވެ. އެއާޕޯޓުގެ އެކި ތަންތަނުގައި އެތައް ތަސްވީރެއް ނަގަނަގާފައި އުޅުނު މަންޒަރު ބަލަން ރިފްއާން ހުރީ ހިނިތުންވެލައިގެންނެވެ. އޭނަ ފޮށިތައް ހަމަކޮށްގެން އައި އިރުވެސް ޖިލްވާ އެމަސައްކަތުގައި އުޅެ އެވެ.

"ވަރަށް ފިނި ދުވަސްކޮޅެއް... ސްނޯވެސް ވެހިދާނެ... ޖެކެޓް ނެގިންތަ؟..." އެއާޕޯޓުން ނުކުތުމަށް ހިނގައިގަންނަމުން، ރިފްއާން ސުވާލު ކުރި އެވެ.

ޖިލްވާ ބޯ ޖަހައިލި އެވެ. އުފަލުން އޭނަ ހުރީ ވާހަކަ ދައްކަން ވެސް ނޭނގިފަ އެވެ. އުޅެންވީ ގޮތެއް، ކުރަންވީ ކަމެއް ނޭނގުނެވެ. ވަށައިގެންވި މަންޒަރުތައް ބަލަމުން އެކި ތަންތަނަށް ހިނގަހިނގާފައި އުޅުނެވެ. އޭނަ ބޭނުންވީ އަވަހަށް އެއާޕޯޓުން ނުކުންނާށެވެ.

********

ޗައިނާއިން ރައްޓެއްސަކު އަންނާތީ ޒެނިލް ހުރީ އެއާޕޯޓަށް ގޮހެވެ. އޭނަ ރާވަމުން އައި އިވެންޓްގައި އެ އެކުވެރިޔާގެ ރޯލު ބޮޑެވެ. އެއްވެސް ކަމެއް ގޯހުން ގޯހަށް ގޮސްދާނެތީ، އަމިއްލައަށް އެކުވެރިޔާ ބަލައި އަންނަން އޭނަ ނިންމީ އެވެ. ޒެނިލްގެ ބޮލުގައި ކަޅު ތޮތްޕެއް އަޅާފައިވާއިރު، އަނގަ އާއި ނޭފަތް ނިވާކޮށްފައިވީ، ކަޅު މާސްކަކުންނެވެ. ލައިގެން ހުރީ، ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ފަޓުލޫނެކެވެ. ހީވަނީ ވަގަކު ވައްކަމެއް ކުރަން ތައްޔާރުވެލައިގެން ހުރި ހެންނެވެ. މާހައުލުގެ ފިނިކަމުން ޒެނިލް އޭނާ ލައިގެން ހުރި ބޯ ޖެކެޓުގެ ޒިބު ކަރާއި ހަމައަށް ދަމައިލި އެވެ. ހޫޑްއިން އިސްތަށިގަނޑު ނިވާކުރި އެވެ. ދެއަތް ދެއަތާއި އުނގުޅައިލާފައި ޖެކެޓްގެ ޖީބަށް ކޮއްޕައިލި އެވެ. ބޭރަށް ނުކުންނަނަމަ، ޒެނިލްގެ ހާލަކީ އެއީ އެވެ. ކިތަންމެ ހޫނުގަދަ ދުވަސްކޮޅެއްގައިވެސް ހުންނަންޖެހޭނީ ކާކު ކަމެއް ނޭނގޭނޭ ހެން ނިވާވެލައިގެންނެވެ. އެވަރުންވެސް ގިނަ ފަހަރަށް މީހުންނަށް އޭނަ އެނގެ އެވެ. އެބޮޑު ކޮރެއާގައި އުޅުން އޭނައަށް ވަނީ ދަތިކަމަކަށް ވެފަ އެވެ.

އެއާޕޯޓުން ނުކުތްގޮތަށް ޖިލްވާ އުޅެންފެށީ ފިނިވެގެންނެވެ. ރިފްއާނު ބުނިހެން ޖެކެޓު ލައިގެން ހުއްޓަސް އާދަޔާ ޚިލާފަށް ފިންޏެވެ. ލާ ނޭވާވެސް ހީވަނީ ގަނޑުވާ ހެންނެވެ. ދެއަތް ދެއަތާއި އުނގުޅަން ޖިލްވާ ހުއްޓެވެ.

"އިހަށް މިތާ މަޑުކުރޭ އިނގޭ... އެބަ އަންނަން ޓެކްސީއެއް ލިބޭތޯ ބަލާލާފަ..." ރިފްއާން ހިނގައިގަތީ، ކުރިމަތިން ފެންނަން ހުރި ޓެކްސީ ސެންޓަރާއި ދިމާއަށެވެ.

އެއާޕޯޓުގެ ބޭރުގައި ޒެނިލް މަޑުކޮށްލައިގެން ހުއްޓެވެ. މީހުންނަށް އޭނައަކީ ކާކު ކަން އެނގުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ކުއްލިއަކަށް މީހުންތައް އޭނަ ވަށައިލި އެވެ. ހަޅޭއްލަވައި އަޑުގަދަ ކުރަން ފެށި އެވެ. އެއްބަޔަކު ސެލްފީ ނެގޭތޯ އުޅުނެވެ. އަނެއް ބަޔަކު، ޒެނިލް އާއި ދިމާއަށް ކަރުދާސްގަނޑަކާއި ގަލަމެއް ދިއްކުރަން މަސައްކަތް ކުރަނީ އެވެ. އެކަކަށްވުރެ ކުރިން ޒެނިލް އާއި ހަމައަށް ފޯރާތޯ އެމީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. މާ އަޑުގަދަވެގެން ޖިލްވާވެސް ވާނުވާ ބަލައިލަން ކުޑަކޮށް ބޭރަށް ނުކުމެލި އެވެ. އެކި ކޮޅުކޮޅުން ދުވަމުން އައި މީހުންތައް އޭނަގެ ގައިގައި ޖެހިގަތެވެ. ދެވޭ ނުދެވޭއެއް ނޭނގި އެމީހުންގެ ތެރޭގައި ޖިލްވާ ރަނގަޅަށް ހައްޔަރު ވިއެވެ. ފަހަތަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޖިލްވާ ހަޅޭއްލެވި އެވެ. ސަލާމަތްކޮށްދޭން އެދުނެވެ. ފަނަރަ ވަރަކަށް މިނެޓު ފާއިތުވީއިރު، ޖިލްވާއަށް ރޮވެން ފަށައިފި އެވެ. ބިރުން މުޅި މީހާ ތުރުތުރު އަޅަން ފެށި އެވެ. މީހުންތަކުގެ ތެރެއިން އޭނަ ސަލާމަތްވީއިރު، ހުރެވުނީ ކޮންތާކު ކަމެއް ޖިލްވާއަކަށް ނޭނގުނެވެ. ރޮއެރޮއެފައި ރިފްއާނަށް ގޮވުން ނޫން ކަމެއް އޭނައަކަށް ނުކުރެވުނެވެ.

މާ އުސްނޫން ފާރެއްގެ މަތިން ފުންމައިލި ޒެނިލް ވަށައިގެން ހޯދައިލި އެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އޭނައަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ކުރިއަށް ހިނގައިގަތް ވަގުތު އޭނަގެ ފިޔަވަޅުތައް ހުއްޓުނީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު އިވެން ފެށުމުންނެވެ. އެހާ ބާރަށް އަންހެން ކުއްޖަކު ރޯ އަޑު އޭނައަށް އިވުނު އެއީ ފުރަތަމަ ފަހަރެވެ. އެ އަޑު ނީވޭ ކަމަށް ހަދާފައި ދާން އުޅުނަސް، ޒެނިލްއަކަށް އެކަމެއް ނުކުރެވުނެވެ. އަޑު އައި ދިމާއަށް އޭނަ ދިޔަ އެވެ. ޒެނިލް ސިހުނީ އޭނަ ފިޔަވަޅު އަޅައިލި ވަގުތު، ކޮންމެވެސް އެއްޗަކަށް އެރިފައި ގޮވި އަޑަކުންނެވެ. ފައިދަށުގައި އޮތީ އަންހެން ކުއްޖެއްގެ ދަބަހެކެވެ. އޭނައަށް އަރައިގެން ހުރެވުނީ އެ ދަބަހުގައި ހަރުކޮށްފައިވާ ކުޑަ ބެއާ އަކަށެވެ. ޒެނިލް އެ ދަބަސް ނަގައި ފޮޅައިލި އެވެ.

ފާރެއްގައި ޖެހި ފިތިގެން އިނދެ ޖިލްވާ ހިތުގައި ޖެހިޖެހިފައި ރޮނީ އެވެ. ޒެނިލްއަށް ފެނުނުއިރު ވެސް ޖިލްވާ އިނީ މޫނުގައި އަތް އަޅައިގެން ރޯށެވެ. މީހެއްގެ ޙިލަމެއް ވިހެން ހީވެގެން ޖިލްވާ މަޑުމަޑުން މޫނުން އަތް ނެގި އެވެ. ޖިލްވާ އެކޭ އެއްވަރަށް ޒެނިލްވެސް ދިޔައީ ސިއްސައިގެންނެވެ. ދެމީހުން ހަޅޭއްލަވައިގަތީ އެއްފަހަރާ އެވެ.

ރޮއެރޮއެ ޖިލްވާގެ ދެލޯ ފަވައިލާފައިވާ އަނދުންތައް ވަނީ ދެލޮލުގެ ތިރިން ކޯތާފަތާއި ހަމައަށް ފައިބާފަ އެވެ. ތުންފަތުގައި ޖައްސާފައިވާ ކުލަތައް މުޅި މޫނުގައި ހޭކިފައިވާއިރު، ބޮލުގެ އިސްތަށިގަނޑުވެސް އޮތީ ހޭވިފަ އެވެ. ދެލޯ ރަތްކަމުން ހީވަނީ، އަލިފާންކޮޅެއް ހެންނެވެ. ޒެނިލް އޭރުވެސް ހުރީ މާސްކު އަޅައި މޫނު ނިވާކޮށްގެންނެވެ. ޖިލްވާގެ ނަޒަރު ޒެނިލްގެ މޫނުން އެ އަތުގައި އޮތް ދަބަހަށް ހުއްޓުނެވެ. އޭނަގެ ދެލޯ ބޮޑުވި އެވެ.

"ވަގު!..." ޖިލްވާ ކުއްލިއަކަށް ތިރިވެ، ބިންމަތީގައި އޮތް ގާގަނޑެއް ނެގި އެވެ. "ޖަހާނަން... ބޯ ފަޅާލާނަން... ދަބަސް ދީ..."

(ނުނިމޭ)

comment ކޮމެންޓް